ޖަމްޢު ކުރުމުގައި ނިޔަތް ޤަތުމުގެ ޙުކުމް؛ މީގެ ދަށުން: ފުރަތަމަ ނަމާދުގެ ވަޤުތުގައި އޮޅިގެން ފަސްކޮށް ޖަމްޢު ކުރާ ކަމުގެ ނިޔަތުގައި ނާމާދުކޮށްފިމީހާގެ (ނުވަތަ މިފަދަގޮތަކަށް ނިޔަތް އޮޅުންބޮޅުން އަރައި ޖަމްޢުކުރާ މީހާގެ) ނަމާދު އަލުން އިޢާދަ ކުރަން ޖެހޭނެތޯ؟
ސުވާލު: ނަމާދު ޖަމްޢުކުރުމުގައި ޖަމްޢުއް ތަޤްދީމް (އިސްކޮށް ޖަމްޢުކުރުން) ނުވަތަ ޖަމްޢުއް ތައުޚީރު (ފަސްކޮށް ޖަމްޢުކުރުން) ގެ ނިޔަތް ގަތުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަޅުގަނޑު ދަތުރުމަތީގައި ވަނިކޮށް، ޢަޞްރު ނަމާދުގެ ވަޤުތު ވަދެއްޖެކަމަށް ހީކޮށް، ޖަމްޢު ތައުޚީރުގެ ނިޔަތުގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ނަމާދުކުރީމެވެ. އެއަށްފަހު، އެ ނަމާދުގެ ވަޤުތު އަދި ނުވަންނަކަން އަޅުގަނޑަށް އެނގުނެވެ. ވީމާ، އަޅުގަނޑުގެ ނަމާދުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި އަޅުގަނޑުގެ މައްޗަށް ވާޖިބުވަނީ ކޮންކަމެއްތޯއެވެ؟ جزاكم الله خيرا، وأحسن إليكم.
ޖަވާބު:
الحمد لله وحده، والصلاة على من لا نبي بعده.
އެއަށްފަހު ބުނަމެވެ:
ފަހެ، ފިޤުހުވެރިންގެ ޖަމާޢަތެއްގެ ބޭފުޅުން—އަދި އެއީ ޙަންބަލީ މަޛްހަބުގެ މަޝްހޫރު ގޮތެވެ—ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކުރާއިރުވެސް ޖަމްޢުކުރުމުގެ ނިޔަތް ގަތުން ޝަރުޠުކުރައްވައެވެ. އެގޮތުން ޖަމްޢުއް ތަޤްދީމްގައި، ފުރަތަމަ ނަމާދުގެ ތަކްބީރަތުލް އިޙްރާމް ކިޔާއިރު ޖަމްޢުކުރުމުގެ ނިޔަތް ގަތުމާއި، ފުރަތަމަ ނަމާދުން ސަލާމްދެންދެން ޖަމްޢުކުރުން ހުއްދަކުރާ ސަބަބު ދެމިއޮތުން އެބޭފުޅުން ޝަރުޠުކުރައްވައެވެ. އަދި ޖަމްޢުއް ތައުޚީރުގައި، ފުރަތަމަ ނަމާދުގެ ވަގުތުގެ ތެރޭގައި ޖަމްޢުކުރުމުގެ ނިޔަތް ގަތުމާއި، ދެވަނަ ނަމާދުގެ ވަޤުތު ވަދެއްޖެއުމަށްދާންދެން އެ ސަބަބު ދެމިއޮތުން ޝަރުޠުކުރައްވައެވެ. އަދި ހަމައެހެންމެ، ޖަމްޢު ތަޤްދީމްގައި، ޤަމަތް ގޮވާލެވޭވަރަށް ނުވަތަ ލުއި ވުޟޫއެއް ކޮށްލާ ވަރަށް މެނުވީ ދެ ނަމާދު ދޭތެރެ ވަކިނުކުރުން (ވިދިވިދިގެން ކުރުން) ވެސް އެބޭފުޅުން ޝަރުޠުކުރައްވައެވެ.
އެހެނަސް ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) އިޚްތިޔާރު ކުރައްވާފައިވާ ގޮތަކީ، ޖަމްޢުއް ތަޤްދީމްގައި ޖަމްޢުކުރުމުގެ ނިޔަތް ގަތުން ޝަރުޠުވެގެން ނުވާ ކަމަށާއި، އަދި ވިދިވިދިގެން ކުރުން (މުވާލާތު) ވެސް ޝަރުޠުވެގެން ނުވާ ކަމަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: 'އެއީ ޖުމްހޫރު (ގިނަ) ޢިލްމުވެރިންގެ ބަސްފުޅެވެ.' ސަބަބަކީ (ޖަމްޢު ކުރެއްވުމުގައި) ނަބިއްޔު صلى الله عليه وسلم މީސްތަކުންނަށް(ޚަބަރު ކުރެއްވުމުގެ ގޮތުން): 'ތިމަންމެން ނަމާދު ޖަމްޢުކުރަން އެދެމޭ' ވިދާޅެއް ނުވެއެވެ. [ޝެއިޚުލް އިސްލާމްގެ ބަސްކޮޅު ސީދާ ތަރުޖަމާއަށް: ⁽¹⁾ ]
ދެން ފަހެ، ޖަމްޢުކުރުމުގެ ޙަޤީޤަތަކީ ދެ ނަމާދުން ކުރެ އެއް ނަމާދު އަނެއް ނަމާދުގެ ވަޤުތުގައި ކުރުމެވެ. އަދި ދަތުރުވެރިޔާއަށް އޮތް އަޞްލަކީ، ޖަމްޢުއް ތަޤްދީމާއި ޖަމްޢުއް ތައުޚީރާ ދެމެދު އިޚްތިޔާރު ލިބިގެންވުމެވެ. ވީމާ، މީހަކު ޖަމްޢު ތައުޚީރުގެ ނިޔަތް ގަނެ، އެއަށްފަހު އޭނާ ނަމާދު އެ ޖަމްޢުކުރީ ފުރަތަމަ ނަމާދުގެ ވަޤުތުގައިކަން ސާފުވެއްޖެނަމަ، އޭނާގެ އެ ޖަމްޢުކުރުން ޖަމްޢު ތަޤްދީމަކަށް ބަދަލުވެގެންދާނެއެވެ.
ވުމާއެކު، ސުވާލުކުރި އަޚާގެ ސުވާލުން އަހަރެންނަށް ފާހަގަކުރެވޭ ގޮތުގައި، އޭނާ ކުރި ޢަޞްރު ނަމާދު ޞައްޙަވާނެއެވެ. އަދި މެންދުރު ނަމާދުގެ ވަޤުތުގައި އެ ނަމާދު ކުރިކަމުގައި ވިޔަސް، އެ ނަމާދު އޭނާއަށް ފުދޭނެއެވެ. އަދި މިއީ ޖަމްޢު ތަޤްދީމްގައި ޖަމްޢުކުރުމުގެ ނިޔަތް ޝަރުޠުވެގެން ނުވާކަމަށް ޝައިޚުލް އިސްލާމް އިޚްތިޔާރު ކުރެއްވި ބަސްފުޅާ ދިމާވާ ގޮތެވެ. އަދި ޞައްޙަ ގޮތަކީވެސް އެއީއެވެ. والله أعلم. وصلى الله عليه وسلم."
[ނޯޓް: ޖަމްޢުއް "ތަޤްދީމު" ގައި ނިޔަތް ނުގަތުމޭ ވިދާޅުވެފައި މިވަނީ، ޖަމްޢުއް "ތައުޚީރު"ގައި ޖަމްޢު ކުރާ ވަޤުތު އެނިޔަތް ލާޒިމުވާތީއެއް ނޫނެވެ. އެހެނަސް ޖަމްޢުއްް ތައުޚީރުގައި، ފުރަތަމަ ނަމާދުގެ ވަޤުތު ފާއިތުވުމުގެ ކުރިން އެނަމާދު ފަސްކޮށް ޖަމްޢު ކުރާން ނިޔަތްގަނެފައި އޮތުން ޢިލްމުވެރިން ޝަރުޠުކުރައްވާތީއެވެ. އެހެނީ އޭނާ ނިޔަތް ނުގަނެ ހުރެ ފުރަތަމަ ނަމާދުގެ ވަޤުތު ފާއިތުވެއްޖެނަމަ، އެހިނދުން އެނަމާދު ކުރެވެން އޮތީ ޤަޟާއު ނަމާދެއް ގޮތުގައެވެ. އަދި މިއީ އަހަރެމެންގެ ސުވާލުން ބޭރު މަޢުލޫއެކެވެ. އެހެނީ ޚުލާޞާ އަކީ ޖަމްޢުގެ ނިޔަތް އިސްފަސް ވުމުގައި ކޮންމެ ގޮތަކަށް އޮޅުންބޮޅުން އެރިޔަސް ނަމާދު ޞައްހަވުމެވެ. އަދި އަލުން ކުރާން ނުޖެހުމެވެ.] [ޖަމްޢުއް ތައުޚީރު އެދޭ މީހާ ފުރަތަމަ ނަމާދުގެ ވަޤުތުގައި ނިޔަތްގަތުމާއި ބެހޭ ތަފްޞީލު: ⁽²⁾]
—ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އަލްބައްރާކް (މަޞްދަރު)
~ ގަލަންދާނު
________________________
[1] ނަމާދު ޖަމްޢުކޮށް ކުރާ ވަޤުތު ވަކި ޚާއްޞަ ނިޔަތެއް ލާޒިމުނުވާކަމަށް އޮތް ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ގެ ބަސްކޮޅު އަދި އައްނަވަވީގެ ބަސްކޮޅު
ނިޔަތް ގަތުން ޝަރުޠުވެގެން ނުވާކަން ބަޔާންކުރައްވަމުން ޝެއިޚުލް އިސްލާމް (ރަޙިމަހުﷲ) ވިދާޅުވިއެވެ: "އަދި އެއީ ޢިލްމުވެރިންގެ ޖުމްހޫރު (ގިނަ) ބޭފުޅުންގެ ބަސްފުޅެވެ." އަދި ވިދާޅުވިއެވެ: "ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނާއެކު ނަމާދު ޖަމްޢުކޮށް އަދި ޤަޞްރުކޮށް ކުރެއްވިހިނދު، ނަމާދު ޖަމްޢުކުރުމުގެ ނުވަތަ ޤަޞްރުކުރުމުގެ ނިޔަތް ގަތުމަށް އެއިން އެއްވެސް ބޭފުޅަކަށް އަމުރުކުރައްވާފައެއް ނުވެއެވެ. އަދި ކިއެއްތަ، އެކަލޭގެފާނު މަދީނާއިން މައްކާއަށް ނިކުމެވަޑައިގެން، (ނަމާދު) ޖަމްޢުކުރެއްވުމެއް ނެތި ދެ ރަކުޢަތުން ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޢަރަފާތުގައި އެބޭފުޅުންނާއެކު މެންދުރު ނަމާދު ކުރެއްވިއެވެ. އަދި އެއަށްފަހު ޢަޞްރު ނަމާދު ކުރައްވަން ގަސްދުކުރައްވާ ކަމެއް އެބޭފުޅުންނަށް އަންގަވާފައެއް ނުވެއެވެ. ދެން އެބޭފުޅުންނާއެކު ޢަޞްރު ނަމާދު ކުރެއްވިއެވެ. އޭރު އެބޭފުޅުން ޖަމްޢުކުރުމުގެ ނިޔަތް ގަނެފައެއް ނުވެއެވެ. އަދި މިއީ ޖަމްޢުއް ތަޤްދީމް އެކެވެ." ނިމުނީއެވެ. (ބަލައިހޯދުމަށް)
އައްނަވަވީ (ރަޙިމަހުﷲ) ވިދާޅުވިއެވެ: "ދެވަނަ ކަމަކީ: ޖަމްޢުކުރުމުގެ ނިޔަތެވެ. މަޛްހަބުގެ (ޝާފިޢީ މަޛްހަބުގެ) ކަނޑައެޅުމަކީ ޖަމްޢު ޞައްޙަވުމަށްޓަކައި އެއީ ޝަރުޠެއް ކަމެވެ. އެހެނަސް އަލްމުޒަނީއާއި އަޞްޙާބުންގެ (މަޛްހަބުގެ ޢިލްމުވެރިންގެ) ބައެއް ބޭފުޅުން ވިދާޅުވީ އެއީ ޝަރުޠެއް ނޫން ކަމުގައެވެ. ސަބަބަކީ ނަބިއްޔާލު صلى الله عليه وسلم ނަމާދު ޖަމްޢުކުރެއްވިއިރު، އެކަލޭގެފާނު ޖަމްޢުކުރުމުގެ ނިޔަތް ގަނެވަޑައިގަތްކަމެއް ނުވަތަ އެ ނިޔަތް ގަތުމަށް އަމުރުކުރެއްވިކަމެއް ނަޤުލުވެގެން ނެތުމެވެ. އަދި އެކަލޭގެފާނާއެކު މި ނިޔަތް ފޮރުވިގެންވާ (އެބަހީ: ޖަމްޢު ކުރައްވަން ޤަޞްދުކުރައްވާކަން ނޭނގި ތިބި) މީހުންވެސް ޖަމްޢުކޮށް ނަމާދުކުރިއެވެ. ވުމާއެކު، އެއީ ވާޖިބު ކަމެއްނަމަ އެކަލޭގެފާނު އެކަން ބަޔާންކޮށްދެއްވީހެވެ. އަދި މަޛްހަބުގެ ރައުޔުގެ ދަލީލަކީ، ދެވަނަ ނަމާދު ފުރަތަމަ ނަމާދުގެ ވަޤުތުގައި ކުރެވެނީ ޖަމްޢުކުރުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ، ނުވަތަ ހަނދާންނެތިގެން ކުރެވޭ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން މިދެޙާލަތް ވަކިކޮށްދޭނެ ނިޔަތެއް އޮތުން ކޮންމެހެން ބޭނުމެވެ." ނިމުނީ. (ބަލައިހޯދުމަށް)
[2] ޖަމްޢުއް ތައުޚީރު އެދޭ މީހާ ފުރަތަމަ ނަމާދުގެ ވަޤުތުގައި ނިޔަތްގަތުމާއި ބެހޭ ތަފްޞީލު
އައްނަވަވީ —ރަޙިމަހުﷲ— 'އަލްމަޖްމޫޢު' ގައި ވިދާޅުވިއެވެ: "[ޝާފިޢީންގެ ޢިލްމުވެރިން ] ވިދާޅުވިއެވެ: ނަމާދު ފަސްކުރަންވާނީ ޖަމްޢުކުރުމުގެ ނިޔަތާއެކުގައެވެ. އަދި ފުރަތަމަ ނަމާދުގެ ވަޤުތުގެ ތެރޭގައި މި ނިޔަތްގަތުން ޝަރުޠުވެގެންވެއެވެ. އެއީ އެ ނަމާދު (އޭގެ އަޞްލު ވަޤުތުގައި) ކޮށްލެވޭ ވަރުގެ، ނުވަތަ އެއަށްވުރެ އިތުރު ވަޤުތު އޮއްވައެވެ. ފަހެ، ޖަމްޢުކުރުމުގެ ނިޔަތަކާ ނުލައި، ވަޤުތު ފާއިތުވަންދެން ނުވަތަ ފަރުޟު ނަމާދު ކުރެވޭވަރަށްވުރެ ވަޤުތު ކުޑަތަންވަންދެން ނަމާދު ފަސްކޮށްފިނަމަ، އޭނާ ފާފަވެރިވާނެއެވެ. އަދި އެހިނދުގައި ފުރަތަމަ ނަމާދު ބެލެވޭނީ ޤަޟާ ނަމާދެއްގެ ގޮތުގައެވެ." ނިމުނީ. (ބަލައިހޯދުމަށް)
ފިޤުހީ މައުސޫޢާގައި (الموسوعة الفقهية ގައި) އައިސްފައިވެއެވެ: "ނަމާދު ފަސްކޮށް ޖަމްޢުކުރުން (ޖަމްޢުއް ތައުޚީރު) ޞައްޙަވުމުގެ ޝަރުޠަކީ، އޭގެން ފުރަތަމަ ނަމާދުގެ ވަޤުތު ފާއިތުވުމުގެ ކުރިން ޖަމްޢުކުރުމުގެ ނިޔަތްގަތުމެވެ. އެއީ އެ ވަޤުތުގެ ތެރޭގައި ނަމާދު ފަށައިފިނަމަ އެ ނަމާދު އަދާގެ (ވަޤުތުގައި ކުރާ ނަމާދެއްގެ) ގޮތުގައި ކުރެވޭނެ ފަދަ ވަޤުތެއް އޮތުމެވެ. ފަހެ، ޖަމްޢުކުރުމުގެ ނިޔަތަކާ ނުލައި އޭނާ ނަމާދު ފަސްކޮށްފިނަމަ (އެބަހީ: ފުރަތަމަ ނަމާދުގެ ވަޤުތު ފާއިތުވެއްޖެ ނަމަ)، އޭނާ ފާފަވެރިވާނެއެވެ. އަދި އެ ނަމާދުގެ ވަޤުތު، އެ ނަމާދު ކުރުމުން ނުވަތަ އެ ނަމާދު ކުރުމުގެ ޢަޒުމުން (ގަސްދުން) ހުސްވެފައިވުމުގެ ސަބަބުން، އެ ނަމާދު (ފަހު ނަމާދާއި އެކުއެކީ ކުރިޔަސް) ބެލެވޭނީ ޤަޟާއު ނަމާދެއްގެ ގޮތުގައެވެ." ނިމުނީ.
ފައިދާއެއް 1:
މަޞްދަރު: ޤަތަރުގެ ފަތުވާ ބޯޑު (131493)
ސުވާލު: ފަސްކޮށް ޖަމްޢު ކުރާނަމަ ކުރިޔާލައި ނިޔަތް ޤަތުން ވާ ކަމުގައި ނުދަނެހުރެ ނަމާދުތަކެއް ޖަމްޢުކޮށް ނިންމާފައިވާ މީހެއްގެ މައްޗަށް ލާޒިމުވަނީ ކޮން ކަމެއް ހެއްޔެވެ؟
ޖަވާބު: ”ފިޤުހުވެރިން ސަރީޙަކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، (ފަސްކޮށް ޖަމްޢު ކުރުމަށްޓަކައި) ޖަމްޢުކުރުމުގެ ނިޔަތް ގަންނަން ހަނދާންނެތް މީހާއާއި، އެޙުކުމް ނޭނގޭ (ޖާހިލު) މީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި ކިއެއްތަ، އޭނާއީ އުޛުރުވެރިއެކެވެ. އަދި [އެގޮތުގައި ކޮށް ނިންމާފައިވާ] ނަމާދަށް ބަލާއިރު، ޖުމްހޫރު (ގިނަ) ޢިލްމުވެރިންގެ އަރިހުގައި އެ ނަމާދު ބެލުންވަނީ ޤަޟާއުގެ ނަމާދެއް ކަމުގައި އަދި އަދާއުގެ ނަމާދެއް ނޫން ކަމުގައި ވިޔަސް، އެ ނަމާދު (އަލުން ކުރަން ނުޖެހި) ފުދޭނެއެވެ. އަދި އެކުރި ނަމާދުން ފަރުޟު ކެނޑިގެންދާނެއެވެ. އަލްޚަޠީބު އައްޝަރުބީނީ 'މުޣްނިލް މުޙްތާޖް' ގައި ވިދާޅުވިއެވެ: "އަލްޣަޒާލީގެ ބަސްފުޅު ކަމުގައިވާ: 'ވަޤުތު ފާއިތުވަންދެން ނިޔަތް ގަންނަން ހަނދާންނެތަސް އޭނާ ފާފަވެރިއެއް ނުވާނެއެވެ. އަދި އޭނާއީ އުޛުރުވެރިއަކަށް ވާތީ، އޭނާ ނަމާދު ޖަމްޢުކުރި ކަމަށް ބެލެވޭނެއެވެ.' މި ބަސްފުޅުގައިވާ 'ފާފަވެރިއެއް ނުވާނެއެވެ' މި ބައި ސާފެވެ (ޞައްޙައެވެ). ނަމަވެސް، ނިޔަތް ނެތުމުގެ ސަބަބުން، 'އޭނާ ނަމާދު ޖަމްޢުކުރި ކަމަށް ބެލެވޭނެއެވެ' ވިދާޅުވި ބަސްފުޅަކީ ސާފު (ޞައްޙަ) ބަސްފުޅެއް ނޫނެވެ." (އެބަހީ: އެކަމުގައި ދެބަސް ވުމެއް ވެއެވެ. އެހެނީ އެބެލެވުން ވަނީ ޤަޟާއެއް ކަމަށް އޮތް ރައުޔަށެވެ.)“ —ނިމުނީ.
ފައިދާއެއް 2:
މަޞްދަރު: އިސްލާމް-ސުވާލުޖާވާބު 292753
ފަތުވާ: އިސްކޮށް ޖަމްޢު ކުރުމަށް ނިޔަތް ގަނެގެން ކުރެވުނު ނަމާދު، ފަހުން އެނގުނީ މިކުރެވުނީ ދެވަނަ ނަމާދުގެ ވަޤުތުގައި ކަމެވެ. ވީމާ އަލުން ފަސްކޮށް ޖަމްޢު ކުރުމުގެ ނިޔަތް ލައިގެން އެ ނަމާދު ކުރަން ޖެހޭނެތޯއެވެ؟
ސުވާލު: އަޅުގަނޑު ދަތުރެއްގެ މަތީގައި ވަނިކޮށް، މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުއް ތަޤްދީމްގެ (އިސްކޮށް ޖަމްޢުކުރުމުގެ) ނިޔަތް ގަނެގެން ކުރީމެވެ. އެއަށްފަހު، އަޅުގަނޑަށް އެނގުނީ އެ ދެ ނަމާދު ކުރެވުނީ މެންދުރު ވަޤުތުގައި ނޫން ކަމާއި، އެ ކުރެވުނީ ޢަޞްރު ވަޤުތުގައި ކަމެވެ. އަދި އަޅުގަނޑުގެ މައްޗަށް އޮތީ އެ ދެ ނަމާދު ފަސްކޮށް ޖަމްޢުކުރުން (ޖަމްޢުއް ތައުޚީރު) ކަމެވެ. ވީމާ، އަޅުގަނޑު އެ ދެ ނަމާދު އަލުން ކުރަން ޖެހޭނެތޯއެވެ؟
ޖަވާބު: ޖަމްޢުއް ތަޤްދީމްގެ ނިޔަތް ގަނެގެން މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރި މީހަކަށް، އެ ނަމާދު ކުރެވުނީ ޢަޞްރު ވަޤުތުގައިކަން ފަހުން އެނގުނަސް، އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އަދި އޭނާ އެ ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ. [މިހިނދުގައި] ޢަޞްރު ނަމާދަށް ބަލާއިރު، އިސްކޮށް ޖަމްޢުކުރުމުގެ (ތަޤްދީމްގެ) ނިޔަތް ގަނެވުމަކުން އޭނާއަށް ގެއްލުމެއް ނެތެވެ. ސަބަބަކީ އެ ނަމާދު ކުރެވިފައިވަނީ އޭގެ އަމިއްލަ ވަޤުތުގައެވެ. އަދި ޖަމްޢުއް ތައުޚީރުގެ ނިޔަތަކާ ނުލައި މެންދުރު ނަމާދު އޭގެ ވަޤުތަށްވުރެ ފަސްވުމަކުންވެސް އޭނާއަށް ގެއްލުމެއް ނެތެވެ. ސަބަބަކީ މެންދުރު ނަމާދުގެ ވަޤުތު އަދި އެބައޮތް ކަމަށް ހީކުރުމުގެ ސަބަބުން އޭނާއީ އެކަމުގައި އުޛުރުވެރިއެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަޔާންކުރެވޭނެ ފަދައިން، އަޞްލަކީ (ފަސްކޮށް ޖަމްޢުކުރަން ބޭނުންވާ މީހާ) ތައުޚީރުގެ ނިޔަތް (ފުރަތަމަ ނަމާދުގެ ވަޤުތުގެ ތެރޭގައި) ގަތުމެވެ.
އަދި ކިއެއްތަ، ފިޤުހުވެރިން ސަރީޙަކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، މީހަކު މެންދުރު ނަމާދު އަދާގެ (ވަޤުތުގައި ކުރާ ނަމާދެއްގެ) ގޮތުގައި ކޮށް ނިންމައި، އެ ނަމާދު ޤަޟާ ނަމާދަކަށް ބަދަލުވި ކަމުގައި ވިޔަސް އޭނާއަށް ގެއްލުމެއް ނެތެވެ. (އެނަމާދު ޞައްޙައެވެ.) އަދި އަހަރެމެންގެ ކުރިމަތީގައި މިވާ (ސުވާލުގައި އޮތް) މައްސަލަ މިއަށްވުރެ މާ ލުޔެވެ. ސަބަބަކީ ދަތުރުވެރިޔާ ޢަޞްރު ވަޤުތުގައި ކުރާ މެންދުރު ނަމާދަކީ އަދާ ނަމާދެކެވެ، ޤަޟާ ނަމާދެއް ނޫނެވެ. އޭނާއަށް ތައުޚީރުގެ (ފަސްކުރުމުގެ) ނިޔަތް ނުގަނެވުނީ ހަމައެކަނި ފުރަތަމަ ނަމާދުގެ ވަޤުތު އަދި ފާއިތުނުވާ ކަމަށް ހީވުމުގެ ސަބަބުންނެވެ.
'ކައްޝާފުލް ޤިނާޢު' (1/315) ގައި ވިދާޅުވެފައިވެއެވެ: "ވަޤުތު ހިނގަމުންދާ ނަމާދެއްގައި (އަދާގެ) ނިޔަތް ގަތުން ޝަރުޠެއް ނޫނެވެ. ސަބަބަކީ (އަހަރެމެންގެ) މަޛްހަބުގައި މިކަމުގައި އެއްވެސް ޚިލާފެއް ނެތެވެ. އެއީ މީހަކު ނަމާދެއް ކުރިއިރު އެއީ އަދާ ނަމާދެއްގެ ގޮތުގައި ނިޔަތްގަތް ނަމަވެސް، ފަހުން އެ ނަމާދުގެ ވަޤުތު ފާއިތުވެފައިވާކަން އެނގިއްޖެނަމަ، އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އަދި އެ ނަމާދު ބެލެވޭނީ (އަދާއު ނަމާދެއް ގޮތަށް ނިޔަތް ގަނެ ކުރިޔަސް) ޤަޟާއު ނަމާދެއްގެ ގޮތުގައެވެ. ހަމައެފަދައިން، އޭނާ އެ ނަމާދު ކުރީ ޤަޟާއު ނަމާދެއްގެ ގޮތުގައި ނިޔަތްގަނެގެން ކަމަށް ވިޔަސް، ފަހުން އެ ނަމާދު ކުރެވުނީ އޭގެ ވަގޤުތުގައިކަން އެނގިއްޖެނަމަ، އެ ނަމާދު ބެލެވޭނީ އަދާ ނަމާދެއްގެ ގޮތުގައެވެ." ނިމުނީ.
އަދި އަޞްލަކީ، ނަމާދު ފަސްކޮށް ޖަމްޢުކުރަން (ޖަމްޢު ތައުޚީރު ކުރަން) ބޭނުންވާ މީހާ، (ފުރަތަމަ) ނަމާދުގެ ވަޤުތު ކުޑަތަންވުމުގެ ކުރިން، (ފުރަތަމަ ނަމާދުގެ) ވަޤުތުގެ ތެރޭގައި އެކަމުގެ ނިޔަތް ގަތުން ލާޒިމުވެގެންވުމެވެ. އެއީ އެއްވެސް އުޛުރަކާ ނުލައި ނަމާދު އޭގެ ވަޤުތުން ބޭރުކޮށްލާ މީހަކަށް އޭނާ ނުވުމަށްޓަކައެވެ. (އަދި 2ވަނަ ތަފްޞީލު ނޯޓުގައި ވާފަދައިން އޭނާ ހަނދާން ނެތިއްޖެނަމަ ނޫނީ މިހުކުމް ނޭނގޭނަމަ، އެކަމުގައި އޭނާ ޢުޛުރުވެރިވެ، އެނަމާދު ޞައްޙަވެފައި ވެއެވެ.)“ ނިމުނީ.
~ ގަލަންދާނު