Galandān

2025-07-09 16:58

ފަތުވާ: މުރުތައްދު މީހާގެ މުދަލުގެ، އަދި އޭނާއާއިއެކު ކުރެވޭ ވިޔަފާރިއާއި އެނޫން މުޢާމަލާތްތަކުގެ ޝަރުޢީ ޙުކުމް

ސުވާލު:  މީހަކާއި އެކު ކުރެވުނު (ވިޔަފާރި މުޢާމަލާތެއް ގައި ދޭންޖެހޭ ފައިސާއެއް ވެއެވެ. އެހެނަސް މިމީހާއަކީ މުރުތައްދެކެވެ. ރައްބު ވަންތަ އިލާހަށް އޭނާ ބަދުބަސް ގޮވައި އުޅެއެވެ. އަހަރެން އޭނާއާއި އެކު ކުރި ވިޔަފާރިއަކީ ޙަރާމް ވިޔަފާރިއެކެވެ. އަހަރެން މިހާރު ﷲ تَعَالى އަށް ތަޥްބާވެއްޖެއީމެވެ. އޭނާއަށް ދޭންޖެހޭ ފައިސާ ދިނުމަށް އޭނާ އެބަ ކިޔައެވެ. ސުވާލަކީ މުރުތައްދަކަށް ދޭންޖެހޭ ފައިސާއެއް ދިނުން ލާޒިމުތޯއެވެ؟ މުރުތައްދެއްގެ މުދާ "ޙަލާލު" ނޫންތޯއެވެ؟

 ޖަވާބު:

الحمدُ لله، والصلاةُ والسلامُ على رسول الله، وعلى آله وصحبه ومَن والاه، أما بعدُ:

[ފުރަތަމަ ކަމަކަށް] އެއެއްގައި އެއްވެސް ޝައްކެއް ނުވާ ކަންތައް ތަކުގެ ތެރޭގައި ﷲ تَعَالى އަށް ބަދުބަސް ގޮވުމީ ފާޅުވެގެންވާ ކުފުރު ކަމުގައި ވެއެވެ. ﷲ ޙަޟުރަތުން އަހަރެމެން ރައްކައުތެރިކަމަށް އެދެމެވެ. ޢިލްމުވެރިން ވަނީ ﷲ އަށް ބަދުބަސް ގޮވާ މީހަކީ އިސްލާމް ދީނުން ބޭރުވެފައިވާ މުރުތައްދު ކާފަރެއް ކަމުގެ މައްޗަށް އިޖުމާޢުވެލައްވާފައެވެ. އެކަން އޭނާ މަޖަލަކަށް ހަދައިގެން ނޫނީ ސީރިޔަސް ކޮށް ވިޔަސް އެވެ. ދީނުން ބޭރުވާން ނިޔަތްލައިގެން ނޫނީ ނުލައި ވިޔަސް އެވެ. އޭނާ އެޢަމަލު ކުރީ ޤަޞްދުގައި ކަމުގައިވާހާ ހިނދަކު އޭނާ އެހެރީ ދީނުން ބޭރުވެފައެވެ. ﷲ تَعَالى ވަޙީ ކުރެއްވި އެވެ:

﴿ وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئونَ * لاَ تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ ﴾ [التوبة: 65 - 66].

(އަދި ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވައިފިއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެންވީ (ދަތުރުގެ ވަރުބަލި ފިލުވައިލުމުގެ ގޮތުން) ސަމާސާގެ ތެރެއަށް ވަދެލާ ކުޅެލުމަށާއި މަޖާ ވާހަކަކޮޅެއް ދައްކައިލި ބަޔަކުކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން މަލާމާތްކޮށް ފުރައްސާރަ ކުރަންވީ ﷲ އަށާއި އެކަލާނގެ އާޔަތްތަކަށާއި އަދި އެކަލާނގެ رسول އާއަށް ހެއްޔެވެ؟ * ކަލޭމެން عذر ނުދައްކާށެވެ! ކަލޭމެން إيمان ވުމަށްފަހު، ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ.)

އިބްނު ޤުދާމާ ވިދާޅުވިއެވެ: ”ﷲ އަށް ބަދުބަހެއް ގޮވައިފި މީހާ ކާފަރުވެއްޖެއެވެ. އެއީ މަޖަލަކަށް ނޫނީ ސީރިޔަސްކޮށް އެކަން ކުރިޔަސް އެވެ. ހަމައެފަދައިން ﷲ އަށް މަލާމާތްކޮށްފި ކޮންމެ މީހެއް، ނޫނީ އެއިލާހުގެ އާޔަތަކަށް ނޫނީ އެއިލާހުގެ ރަސޫލަކަށް ނޫނީ އެއިލާހުގެ ފަޮތަކަށް މަލާމާތްކޮށްފި ކޮންމެ މީހެއް، އެއީ ކާފަރެކެވެ.“

[ދެވަނަކަމަކަށް] ދަންނައެ، އެކަމުގައި ޙާއްޖަތެއް އޮވެއްޖެ ހިނދު، އެއްޗެއް ލިބޭ ގޮތަށް ނޫނީ ދޭ ގޮތަށް ވިޔަސް މުރުތައްދަކާއި އެކު އެއްވެސް މުޢާމަލާތެއް ކުރުމަކީ އެކަމުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. ދެންފަހެ އެއީ އޭނާއަށް އެހީއެއް ފޯރުކުރާން ނަމަ ނޫނީ އެއީ ⌝އޭގެ ޒާތުގައި⌜ ޙަރާމް މުޢާމަލާތެއްނަމަ އެކަން ހުއްދަވެގެން ނުވެއެވެ. ހަމައެއާއެކު، މިމީހާއަށް ނަޞޭޙަތް ދެވެންޖެހޭނެއެވެ. އަދި އޭނާގެ ޢަމަލުގެ ނުރައްކާތެރިކަން ކިޔައިދެވެން ޖެހޭނެއެވެ. އަދި އޭނާ އެގޮތުގައި ހުރެ މަރުވެއްޖެނަމަ ނަރަކައިގައި ދާއިމަށް އޮންނާނެކަން ވެސް މެއެވެ.

[ތިންވަނަ ކަމަކަށް] މުރުތައްދުންގެ މުދަލާއިމެދު ދަންނައެ، އެއީ ތިޔަ ފަޟުލުވެރި އަޚާ ތިހީކުރިފަދައިން އޮތް ކަމެއް ނޫނެވެ. އަދި އެކަމުގައި ޚިލާފުވެސް އޮތީ އޭނާ މުރުތައްދު ކަމުގައި މަރުވުމަށް ފަހުގައެވެ. އެގޮތުން މުއްތަބިޢު އިމާމުން ގެ ޖުމްހޫރުން ކަނޑައަޅުއްވަނީ ⌝އޭނަ އެގޮތުގައި މަރުވެއްޖެނަމަ⌜ އެމުދައު ލެވުން ވަނީ މުސްލިމުތަކުންގެ ބައިތުލް މާލަށް ކަމެވެ. އަދި ބައެއް އިމާމުން މިރައުޔާއި ޚިލާފުވެލައްވައި، ވިދާޅުވީ: މުރުތައްދުންގެ މުދައު ވަނީ އެވެރިންގެ ވާރިޘުންނަށޭ އެވެ.

އިބްނުލް މުންޛިރު “الإشراف على مذاهب العلماء“ (2/250) ގައި ވިދާޅުވިއެވެ: ”މުރުތައްދު މީހާގެ މުދަލުގެ މިލްކުވެރިކަން، އޭނާގެ މުރުތައްދުވުމުގެ ސަބަބާއި ލެވިގެން، ކެނޑިގެން ނުދާ ކަމުގެ މައްޗަށް އަހަރެމެން އެބައެއްގެ ފުށުން އުނގެނުނު އެންމެހާ ޢިލްމުވެރިން އިޖުމާޢުވެލައްވާފައި ވެއެވެ.“

އަދި ވެސް (2/251) ގައި ވިދާޅުވިއެވެ: ހަމައެފަދައިން އެބޭކަލުން އިޖުމާޢުވެލައްވާފައި ވާގޮތުން، އޭނާ އިސްލާމްކަމަށް ރުޖޫޢަވުމާއިއެކީ އެމުދައު އޭނާއަށް ރައްދުކުރެވެއެވެ. އެއީ އޭނާ ⌝މުރުތައްދުވުމުގެ ދިފާޢުގައި⌜ ދާރުލް ޙަރުބުގެ ވާޤިވެރިކަމުގެ ދަށަށް ނުދާހާ ހިނދަކުއެވެ.“

އަދި އިބްނު ޤުދާމާ ”އަލްމުޣްނީ“ (9/9) ގައި ވިދާޅުވިއެވެ:

”ޢިލްމުވެރިންގެ ގިނަ ބޭކަލުންގެ ޤަޥްލުގައި، މުރުތައްދު މީހާގެ މުދަލުގެ މިލްކުވެރިކަން އޭނާގެ މުރުތައްދުވުމާއި ލައިގެން އެކަންޏެއް އަދި ނުކެނޑެއެވެ. އިބްނުލް މުންޛިރު ވިދާޅުވިއޭ: އަހަރެމެން އެބޭކަލުންގެ ފުށުން ޢިލްމު އުނގެނުނު އެންމެހާ ޢިލްމުވެރިން ވަނީ މިކަމަށް އިޖުމާޢުވެލައްވާފައެވެ. އެހެންކަމުން މީގެ މައްޗަށް ތަޠުބީޤުވަނީ: އޭނަ ޤަތުލު ކުރެވިއްޖެ ނަމަ ނޫނީ މަރުވެއްޖެނަމަ މިލްކިއްޔާތު ބީވެގެން ދަނީ އެމަރުން ކަމެވެ. އަދި އޭނާ އިސްލާމް ކަމަށް ރުޖޫޢަ ވެއްޖެނަމަ، އެ މިލްކުވެރިކަން އެއޮތްގޮތުގައި ދެމިއޮވެއެވެ.“ އަދި އަބޫ ބަކްރު ވިދާޅުވޮޔޭ: އޭނާގެ މުރުތައްދު ވުމުގެ ސަބަބުން އެ މިލްކިއްޔާތު ބީވެދެއެވެ. އޭނާ އިސްލާމް ކަމަށް ރުޖޫޢަވެއްޖެނަމަ، އެ މިލްކުވެރިކަން އަނބުރައި ލިބެއެވެ. އެހެނީ އޭނާގެ ނަފްސާއި މުދަލުގެ ޢިޞްމަތު (ރައްކައުތެރިކަން) ދެމިއޮންނަނީ އޭނާގެ އިސްލާމް ކަމުގެ ކަށަވަރު ކަމުގެ މައްޗަށެވެ. ވީމާ އިސްލާމްކަން ނިއުޅުމާއި އެކު، އިޞްމަތު ނިއުޅުވެއެވެ. އެއީ އޭނާ ދާރުލް ޙަރުބުގެ ހިޔަލަށް ދިޔުމުން ކަންތައްވާ ފަދައިންނެވެ. އެހެނީ މުސްލިމުންނަށް (އިސްލާމީ ދަޥްލަތަށް) މުރުތައްދު ކަމުގެ ސަބަބުން އޭނާގެ ލޭ އެހިނދު އޮހޮރައިލުމުގެ ބާރު އޮތުމުން، އޭނާގެ މުދަލުގެ މިލްކިއްޔާތުވެސް (އެދަޥްލަތަށް) ލާޒިމުވެއެވެ.“

އަބޫ ޙަނީފާގެ އަޞްޙާބުން ވިދާޅުވިއެވެ: އޭނާގެ މުދާ ވަނީ ހިފެހެއްޓިގެންނެއެވެ. އޭނާ އިސްލާމް ވެއްޖެނަމަ އޭނާގެ މިލްކުވެރިކަން ދެމިއޮންނަކަން އަހަރެމެންނަށް ބަޔާންވެއެވެ. މުރުތައްދު ކަމުގައި އޭނާ ޤަތުލުކުރެވިއްޖެނަމަ ނޫނީ މަރުވެއްޖެނަމަ، އޭނާގެ މުރުތައްދު ވުމާއި އެކު އެނިގުޅިފައިވާކަން އަހަރެމެންނަށް ބަޔާންވެއެވެ. އައްޝަރީފު އަބޫ ޖަޢުފަރު ވިދާޅުވިއެވެ: އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން ވެސް ދޭހަވާ ބަސްފުޅެވެ. އަދި ޝާފިޢީގެފާނު އަރިހުން މިބަޔާންވެވުނު ތިން ޤަޥްލާއި އެއްގޮތަށްވެސް ތިން ބަސްފުޅު ވެއެވެ.

އަހަރެމެން ދެކެނީ މިއީ އޭނާގެ ލޭ ހުއްދަވުމުގެ ސަބަބެއް ކަމުގައެވެ. އެހެނަސް މުދަލުގެ މިލްކު ކެނޑިގެން ދާ ކަމެއް ގޮތުގައެއް ނޫނެވެ. އެއީ މުޙްޞަނު ޒިނޭ ކުރާ މީހާ ފަދައިންނެވެ. އަދި ޤަޞްދުގައި މީހެއް މަރާ މީހާ ފަދައިންނެވެ. ވީމާ ޢިޞްމަތު (ރައްކައުތެރިކަން) ބީވެ ދިޔުމުގެ މައްޗަކަށް މިލްކިއްޔާތު ބީވެދިޔުން ލާޒިމު ނުކުރެއެވެ. އޭގެ ދަލީލަކީ މުޙްޞަނު ޒިނޭ ކުރާ މީހާގެ ޙާލަތެވެ. (އޭނާއީ ލޭގެ ޢިޞްމަތު ކެނޑި ރަޖަމްގެ ޙައްދު އައިސްފައިވާ މީހެކެވެ. އެހެނަސް މުދަލުގެ މިލްކިއްޔާތު ނުކެނޑެއެވެ.) އަދި (ބަޣާވާތުގެ) ހަނގުރާމައިގައި ޤަތުލުވާ މީހާފަދައެވެ. އަދި (އެގޮތުގައި) ހަނގުރާމަ ކުރެވޭ މީހުން ފަދައެވެ. އެހެނީ ޢިޞްމަތާއި ނުލައިވެސް އެވެރިންގެ މިލްކިއްޔާތު ދެމިއޮވެއެވެ. އަދި މުރުތައްދު ކަލޭގެ (ކުފުރުގައި ދިފާޢުވުމަށް) ދާރުލް ޙަރްބުގެ ހިޔަލަށް ދިޔަޔަސް، މުދަލުގެ މިލްކު ކެނޑިގެން ނުދެއެވެ. އެހެނަސް އިސްތިތާބަ ކުރުވުމަކާއި ނުލައި (އެބަހީ: ތަޥްބާވުމަށް ފުރުސަތެއް ނުދީ) ޖެހުނު ކޮންމެ މީހަކަށް އޭނާ އެހިނދު ޤަތުލުކޮށްލެވޭނެއެވެ. އަދި (ޤަތުލުކުރުމަށް) އޭނާގެ މައްޗަށް ކުޅަދާނަވީ މީހަކަށް، އެމުދައު ނަގައިގެނެވޭނެއެވެ. އެހެނީ އޭނާ ޙަރްބީ އަކަށް ވެފައިވާ ކަމުންނެވެ. އޭނާގެ ޙުކުމަކީ ޙަރުބީންގެ ޙުކުމެވެ. ހަމައެފަދައިން ބޮޑު ޖަމާޢަތެއް މުރުތައްދުވެ މުލައްދަނޑީގެ ބާރާއިއެކު އެބަޔެއްގެ ހިސާބުގަނޑުގައި، މުސްލިމުންގެ އިމާމަށް ކިޔަމަން ގަތުމާއި ދެކޮޅަށް (އެބަހީ: ޝަރީޢަތް ތަންފީޛު ކުރުމާއި ދެކޮޅަށް) މަނަޢުވެގެންފި ނަމަ، އެބައެއްގެ ނަފްސުތަކާއި މުދަލުގެ ޢިޞްމަތު ބީވެ ހިނގައްޖެއެވެ. އެހެނީ ޢަޞްލީ ކާފަރުންނަށް އެވެރިންގެ ސަރަޙައްދު ތަކުގައި (މުސްލިމުންގެ ފުށުން) ޢިޞްމަތެއް ނުއޮވެއެވެ. އެހެންކަމުގައި ވަނީނަމަ، މުރުތައްދަށް އެކަން މާ އަޥްލާ ވެގެން ވެއެވެ...“

—އެއީ (އިބްނު ޤުދާމާ) މިހެން ވިދާޅުވުމާއި ހަމައަށެވެ:

”އަދި މުދަލުގެ މިލްކަށް ނިޔާކުރާ ސަބަބެއް މުރުތައްދު މީހާއަށް މެދުވެރިވެއްޖެނަމަ، އެއީ މިޘާލަކަށް، ޝިކާރަކުރުމަށް، ހުއި ނޫނީ ދަރު އެއްކުރުމަށް، ތަކެތި ގަތުމާއި ޒާތީކޮށް ނުވަތަ ބަޔަކާއި އެއްވެގެންވިޔަސް މަޖޫރީކަން ކުރުން ފަދަ ކަންކަމުގައި، އޭނާއަށް އެމުދަލުގެ މިލްކިއްޔާތު ޘާބިތު ކަށަވަރުވެގެން ވެއެވެ. އެހެނީ އޭނާއަށް މުދަލުގެ މިލްކުވެރިކަން ޙައްޤުވެފައި ވުމުންނެވެ.. ހަމައެފަދައިން (އާމްދަނީގެ ގޮތުގައި) މުދައު މިލްކު ކުރުންވެސް ކަށަވަރުވެފައި ވެއެވެ. [ބަޔާންވެވުނު ކަންކަމީ، މިޘާލަކަށް މުރުތައްދު މީހާ އިސްތިތާބަވުމަށް ދެވޭ މުޙުލަތުގައި އޭނާއަށް ޟަރޫރުވެދާނޭ ކަންކަމެވެ.] އަދި އޭނާއަށް މިލްކިއްޔާތެއް ނުވެޔޭ ބުނާ ފަރާތްތަކުން: ބުނަނީ އޭނާއަށް މުދަލެއް މިލްކު ކުރުންވެސް ނުވާކަމުގައެވެ. އެހެނީ އޭނާ އަކީ މިލްކިއްޔާތެއްގެ ޙައްޤު ނުވާ މީހެއްކަމުގައި ވުމުންނެވެ. އަދި (އެބޭކަލުންގެ ގާތުގައި) އޭނާގެ އަތުގައި ހުރި މިލްކިއްޔާތުގެ ޙައްޤު (މުރުތައްދުވުމާއިއެކު) ނިގުޅިފައިވަނީ (އެބަހީ: އިސްލާމީ ދަޥްލަތުގެ ދަށަށް ގެނެވުން ވަނީ) މިސަބަބަށްޓަކައި ކަމެވެ.“ (އިބްނު ޤުދާމަގެ ބަސްކޮޅު މިހިސާބަށް ނިމުނީ.)

ޢަބްދު ﷲ ބުނު އަޙްމަދު ގެ ”އައްސުންނާ“ ފޮތުގެ (1/164) ގައި ވެއެވެ: ⌝ޢަބްދު ﷲ⌜ ވިދާޅުވިޔޭ: އިބްނު ޝައްބޫޔާ އަހަރެން ގާތުގައި ދެންނެވިޔޭ އަހަރެންގެ ބައްޕަ (އަޙްމަދު ބުނު ޙަންބަލް) ގާތުން ތިމަން އަޑުއެއްސެވީމޭ: ”ﷲ عز وجل ގެ ޒާތުފުޅުން އެއްވެސް އެއްޗަކީ، ޢިލްމުފުޅެއް ވިޔަސް ކަލާމް ފުޅެއް ވިޔަސް، އެއީ ޚަލްޤުކުރެވިފައިވާ އެއްޗެއް ކަމުގައި ބުނެއްޖެ މީހަކީ، އެމީހެއްގެ މައްޗަށް ކަށުނަމާދު ކުރެވުން ނުވާ ކާފަރު ޒިންދީޤެކެވެ. އަދި އޭނާގެ ފަހަތުގައި ނަމާދު ކުރެވުން ވެސް ނުވެއެވެ. އަދި އޭނާގެ މުދައު ކަނޑައެޅުންވަނީ މުރުތައްދެއްގެ މުދައު ފަދައިންނެވެ. އަދި މުރުތައްދުންގެ މުދައުވަނީ މަދީނާގެ އަހުލުންގެ މަޛުހަބާއި އެއްގޮތަށް ކަނޑައެޅުމެވެ. އެ ލެވުން ވަނީ ބައިތުލް މާލަށް ކަމެވެ.“

އެހެނަސް ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ އާއި ދަރިވަރު އިބްނުލް ޤައްޔިމް ރާޖިޙު ކުރެއްވީ މުރުތައްދެއްގެ މުދައު ވަނީ ވާރުތަވެރިންނަށް ކަމުގައެވެ. "أحكام أهل الذمة" (2/ 1134) ގައި (އިބްނުލް ޤައްޔިމް) ވިދާޅުވިޔޭ: ”މުރުތައްދު މީހާ މުރުތައްދުކަން މަތީގައި ހުރެ މަރުވެއްޖެނަމަ ޢިލްމުވެރިން ކުރެ ވަރަށް ގިނަ ބޭކަލުން މުސްލިމު ވާރުތަވެރިންނަށް އެ ކަނޑައަޅުއްވައެވެ. އަދި ޞައްޙަ ޤަޥްލަކީ މިއީއެވެ. އަދި މިއީ އަހަރެމެންގެ ޝެއިޚު (އިބްނު ތައިމިއްޔާ) އިޚްތިޔާރު ކުރެއްވި ރައުޔެވެ. معاذُ بنُ جبل އާއި معاويةُ بنُ أبي سفيانَ އާއި مسروقُ بنُ الأَجْدَعِ އާއި އަޞްޙާބު ބޭކަލުންނާއި ތާބިޢީންކުރެ ޖަމާޢަތެއް، އަދި إسحاقُ بنُ راهَوَيْهِ އާއި އިމާމުން ކުރެ އެނޫން ބޭކަލުން - މުސްލިމެއްގެ ގާތްތިމާގެ ކާފަރެއް މަރުވެއްޖެ ނަމަ އޭނާގެ ފުށުން މުސްލިމު މީހާއަށް ވާރުތަ އަރާނޭ ކަމަށް ދެކިވަޑައިގެންނެވިއެވެ.“

އަދި (އިބްނު ތައިމިއްޔާގެ) "المُستدرك على مجموع الفتاوى" (4/ 130) ގައި ވެއެވެ: ”މުރުތައްދު މީހާ ރިއްދަތުގެ މަތީގައި ވަނިކޮށް ޤަތުލު ކުރެވިއްޖެ ނަމަ ނޫނީ އޭގެ މަތީގައި ހުރެ މަރުވެއްޖެނަމަ، އޭނާގެ މުދައު ލިޔެވުން ވަނީ އޭނާގެ މުސްލިމު ވާރުތަ ވެރިންނަށެވެ. އަދި މިއީ އިމާމު އަޙުމަދު އަރިހުން އޮތް އެއް ރިވާޔަތެވެ. އަދި އެއީ އަޞްޙާބު ބޭކަލުންގެ އަރިހުން މަޝްހޫރު ރައުޔެކެވެ. އެހެނީ އޭނާ މުރުތައްދު ވީ ހިސާބުން އެއީ މަރުބަލި ޖެހިފައިވާ މީހެއް ފަދައެވެ. އަދި (މުރުތައްދު މިފަދަ) ޒިންދީޤަކީ، އެމީހަކަށް ވާރުތަ އަރާ އަދި އެމީހެއް ފުށުން ވާރުތަ ލިބޭ މީހެކެވެ. އެހެނީ ނަބިއްޔު عليه السلام މުނާފިޤެއް (މަރުވެ) ދޫކުރިތަކެތިން އެއްވެސް އެއްޗެއް (ބައިތުލް މާލަށް) ނުހިއްޕަވާކަމުންނެވެ.“

އަދި "الفِصَل، في المِلَلِ والأهواء والنِّحَل" (4/ 63) ގައި އަބޫ މުޙައްމަދު ބުނު ޙަޒަމް ވިދާޅުވިއެވެ: ”ކާފަރު މުރުތައްދެއް ގޮތުގައި ހުރެ މަރުވާ ނޫނީ ޤަތުލު ކުރެވޭ މުރުތައްދެއްގެ މުދައު، ފިޤުހުވެރިން ކުރެ ވަރަށް ގިނަ ބޭކަލުން (އޭނާގެ ތިމާގެ) މުސްލިމުންނަށް ވާރުތަވުމަށް ކަނޑައަޅުއްވައެވެ. معاذُ بنُ جبل އާއި معاويةُ بنُ أبي سفيانَ އާއި مسروقُ بنُ الأَجْدَعِ އާއި މުސްލިމުންގެ އިމާމުން ކުރެ އެނޫންވެސް ބޭކަލުން رضي الله عنهم، މުސްލިމެއްގެ ގާތްތިމާގެ ކާފަރެއް މަރުވެއްޖެ ނަމަ އޭނާގެ ފުށުން މުސްލިމު މީހާއަށް ވާރުތަ އަރާނޭ ކަމަށް ދެކިވަޑައިގެންނެވިއެވެ. އަދި އެއިލާހު ގެ އަޅުތަކުން ކުރެ އެއިލާހު އެދިލެއްވި ބަޔަކަށް (އަޙުކާމު ތަކުގައި) ތަފާތު ކުރެއްވުން ﷲ تَعَالى އަށް ލިބިވޮޑިގެންވެއެވެ. ހަމަކަށަވަރުން އަހަރެމެން ހުއްޓުން ވަނީ ނައްޞު ހުއްޓުނު ހިސާބުގައެވެ. އެއަށް ވުރެ އިތުރު ކުރުމަކާއި ނުލައެވެ.“

[ހަތަރުވަނަ ކަމަކަށް] މި ވިޔަފާރީގައި ވަނީ ޙަރާމް ކަމެއްގެ ބަދަލު ދެވޭ ފައިސާއެއް ކަމުގައި ވުމާއި މެދު ދަންނައެ، އެއީ ރިޝްވަތު ނޫނި ހަށިވިއްކުވުމުގެ ވިޔަފާރި ނޫނީ މުސްލިމުންނަށް ގޯނާއެއް ދިނުން ނުވަތަ މިނޫން (މިފަދަ ޙަރާމް) ކަމެއް ނަމަ، އޭނާއަށް އެ އުޖޫރަ ދޭންޖެހުމުގެ ޙައްޤެއް ނުވެއެވެ. މިއީ އޭނާ މުރުތައްދެއް ކަމުގައި ވީތީކީ ނޫނެވެ. އެހެނަސް ޙަރާމް މަޖޫރީއަކަށް ފައިސާ ދިނުމުގެ ޙައްޤެއް ނުއޮންނާތީއެވެ.

أعاذنا الله وجميع المسلمين مِن مُضِلَّات الفِتَن

—އައްޝެއިޚް ޚާލިދު ބުނު ޢަބްދުލް މުންޢިމް އައްރިފާޢީ (މަސްދަރު)

~ ގަލަންދާނު


މިމަޥްޟޫޢު އާއި ގުޅުން ހުރި ކުރީގެ ބައެއް ލިޔުންތައް

(1) މުރުތައްދު ވެއްޖެ ކަމަށް ޘާބިތު ވެއްޖެ މީހާގެ މުދަލުގެ ފިޤުހު

https://t.me/qalandhar/1719

މިލިޔުމުގެ މައްްޗަށްވާ އިންޕޮގުރެފިކް އެއް

https://t.me/qalandhar/1724

(2) މުސްލިމުންގެ ލެޔާއި މެދު ރައްކާތެރިވާށެވެ.— އަލްޢަލްވާން

https://t.me/qalandhar/1756

(3) ކާފަރެއް ފުށުން މުސްލިމަކަށް ތަރިކަ މުދާ ވާރުތަ ކުރުމާއިމެދު އޮތް ޚިލާފުގެ ޚުލާސާ

https://t.me/qalandhar/1761

(4) “މިއީ ޚަވާރިޖުންގެ މަގެވެ. އަދި ދުވަހަކުވެސް އަހަރެމެންގެ މަގެއް ނޫނެވެ.”

https://t.me/qalandhar/1169

(5) މުސްލިމެއްގެ މުދަލުގެ ޙުރުމަތް ދެމިގެންވެއެވެ.

https://t.me/qalandhar/1181

(6) ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް މިޒަމާނުގެ އިސްލާމީ ގިނަ ބިންތަކުގެ ޙުކުމް ވަންނަނީ ދާރުލް މުރައްކަބާ ގެ ތެރެއަށް

https://t.me/qalandhar/1835

(7) ބިންތަކާއި އަޅުންތަކުގެ ތެރޭގައި ކުފުރާއި ޝިރުކު ފެތުރިފައިވާ ކަމަށް ބުނެ، މުޖުތަމަޢުތަކަށް ތަކްފީރު ކޮށް، މީސްތަކުންގެ އަޞްލަކީ ކުފުރު ކަމަށް ބުނާ މީހުންގެ ބާޠިލު ފިކުރަށް ރައްދުތަކުގެ ސިލްސިލާ (ނުނިމޭ)

https://t.me/qalandhar/1601

(8) ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް "ދާރުލް ކުފުރުއް ޠާރިއު" އަކީ "ދާރުލް ކުފުރު" އާއި ފަރަުޤުތަކެއް ވާއެއްޗެކެވެ. އަދި ދާރުލް މުރައްކަބަކީ އެއީއެވެ.

https://t.me/qalandhar/2697

(9)

A Treatise On The Alteration Of Lands From One Type To The Other

https://t.me/qalandhar/1792