Galandān

2025-07-07 03:04

އައްތަޙިއްޔާތުގައި އިނގިލިން އިޝާރާތްކުރުން

(މަޞްދަރު، އައްޠަރީފީގެ ”ނަބިއްޔާ ﷺ ގެ ނަމާދުގެ ޞިފަ“ ފޮތް، ދިވެހި ތަރުޖަމާ)

ފުރަތަމަ އަދި ފަހު އައްތަޙިއްޔާތުގައި އިނގިލިން އިޝާރާތްކުރުން ޝަރުޢުވެގެންވެއެވެ. އެއީ ޞަޙީޙުގައިވާ ޢަބްދު ﷲ ބްނު ޢުމަރުގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ:

(كَانَ إِذَا جَلَسَ فِي الصَّلَاةِ وَضَعَ كَفَّهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى، وَقَبَضَ أَصَابِعَهُ كُلَّهَا وَأَشَارَ بِإِصْبَعِهِ الَّتِي تَلِي الْإِبْهَامَ، وَوَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى.) [1]

މާނައީ: "އެކަލޭގެފާނު -އެބަހީ: ނަބިއްޔާ صلى الله عليه وسلم– ނަމާދުގައި އިށީންދެވަޑައިގެންފިނަމަ އެކަލޭގެފާނުގެ ކަނާތްތިލަފުޅު، ކަނާތު ފަލަމަސްގަނޑުގެ މަތީގައި ބާއްވަވައެވެ. އަދި އެއަތުގެ ހުރިހާ އިނގިލިތައް މަޅާލައްވައެވެ. އަދި ބޮޑުވާ އިނގިއްޔާ ޖެހިގެން އިންނަ އިނގިލިފުޅުން އިޝާރާތްކުރައްވައެވެ. އަދި އެކަލޭގެފާނުގެ ވާތްތިލަފުޅު، ވާތު ފަލަމަސްގަނޑުގެ މަތީގައި ބާއްވަވައެވެ."

އިނގިލިން އިޝާރާތްކުރުމުގައި ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އައިސްފައިވާ ޙާލަތްތަކަށް ބަލާއިރު ފަސްކަމެއް އައިސްފަވެއެވެ:

  • އިނގިލި ސީދާކޮށް ދިމާކުރުން.

  • އަދި ޙަރަކާތްކުރުން.

  • ޙަރަކާތް ނުކުރުން.

  • ގުދުކޮށްލުން.

  • ޤިބްލައަށް އިނގިލިން އިސްތިޤްބާލުކުރުންވެއެވެ.

 

ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން ޘާބިތުވެގެންވަނީ އެކަލޭގެފާނުގެ އިނގިލިފުޅު އުފުއްލަވާ، އިނގިލިފުޅުން އިޝާރާތްކުރެއްވިކަމެވެ. (ދިއްކުރެއްވިއެވެ.)

ދެންފަހެ ޙަރަކާތްކުރުން ދަންނައެ، އެއީ އިމާމް މާލިކުގެ މަޛްހަބު އަދި އިމާމް އަޙްމަދުގެ އެއްރިވާޔަތުގައިވާ ގޮތެވެ. މިކަން ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން ޘާބިތުވެގެން ނުވެއެވެ. އެވާހަކައިގެން ޒާއިދާ ބްނު ޤުދާމާ، ޢާޞިމު ބްނު ކުލައިބުގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން، ވާއިލު ބްނު ޙުޖްރުގެ އަރިހުން ރިވާކުރެއްވުމުގައިވަނީ އެކަހެރިވެފައެވެ. އަބޫބަކުރު ބްނުލް ޢަރަބީއާއި އެހެނިހެން ބޭކަލުން އެރިވާޔަތުގައި ފޮރުވިގެންވާ ބަލިކަށިކަމެއްވާކަމަށް ކަނޑައަޅުއްވާ މަޢުލޫލުކުރެއްވިއެވެ. އިބްނު ޚުޒައިމާއާއި، އިބްނު ޙިއްބާނުއާއި އެހެނިހެން ބޭކަލުން އެޙަދީޘް ޞައްޙަކުރެއްވިއެވެ.[2]

އެކަމަކު އެންމެ ފާޅުވާގޮތަކީ: އިބްނު ޚުޒައިމާވެސް އެޙަދީޘް މަޢުލޫލުކަމަށް ދެކެލެއްވުމެވެ. ބައެއް ބޭފުޅުން އެކަލޭގެފާނު ޞައްޙަކުރެއްވިކަމަށް ކިޔާދެއްވިއެވެ. އެކަމަކު އެވާހަކަ ހާމައެއްނޫނެވެ.[3]

ޢަބްދުއް ރައްޒާޤުއާއި އިބްނު އަބީ ޝައިބާއާއި އަލްބައިހަޤީ، އައްޘައުރީގެ އަރިހުން، އަބޫ އިސްޙާޤު އައްސަބީޢީގެ އަރިހުން، އަރްބަދާ އައްތަމީމީގެ އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ:

(سُئِلَ ابْنُ عَبَّاسٍ، عَنْ تَحْرِيكِ الرَّجُلِ إِصْبَعَهُ فِي الصَّلَاةِ، فَقَالَ: ‌ذَلِكَ ‌الْإِخْلَاصُ.) [4]

މާނައީ: "ނަމާދުގައި މީހާގެ އިނގިލި ޙަރަކާތްކުރުމާއިމެދު އިބްނު ޢައްބާސްއާއި ސުވާލުކުރެވުމުން ވިދާޅުވިއެވެ: 'އެއީ އިޚްލާޞްތެރިކަމެވެ.'"

ދެންފަހެ އިނގިލި ޙަރަކާތް ނުކުރުމަށް (އައިސްފައިވާ ރިވާޔަތް) ދަންނައެ، އޭގައިވެސް ބަލިކަށިކަމެއްވެއެވެ.

ޘާބިތުވެގެންވަނީ އިނގިލި އުފުލާ އިޝާރާތްކޮށްގެން ހުރުމެވެ. ޙަރަކާތްކުރުމަކީ އެއާއިމެދު ހަނުހުރެވިގެންވާ ކަމެކެވެ. އިނގިލިން އިޝާރާތްކޮށް، އަދި އަޅުކަމެއްގެ ގޮތުގައި ނުދެކި އިނގިލިން ޙަރަކާތްކޮށްލައިފި މީހާ، ފަހެ އޭނާއަށް އެއްވެސް ގެއްލުމެއް ކަމެއް ނެތެވެ. އަދި އެކަމުގައި އައިސްފައިވާ ދަލީލު ޞައްޙަކަމަށް ދެކޭކަމުގެ މައްޗަށް އަޅުކަމެއްގެ ގޮތުގައި ދެކިގެން އޭނާ އިނގިލިން ޙަރަކާތްކޮށްފިނަމަ ފަހެ އޭނާވެސް އެއީ ތަބަޢަވާ މީހެކެވެ. އޭނާ އެދަލީލު ޞައްޙަކަމުގައި ނުދެކި، ދެން ޙަރަކާތްކޮށްފިނަމަ، ފަހެ އޭނާ މިޢަމަލަކީވެސް އިޝާރާތްކުރުން އެކުލެވިގެންވާ ޢަމަލެކެވެ. އެކަމަކު ޙަރަކާތްކުރުމަކީ އޭގެ އިތުރަށްވާ ކަމެކެވެ. މިޚަބަރު ޞައްޙަކަމުގައި ނުދެކޭކަމުގައިވާނަމަ އަޅުކަމެއްގެ ގޮތުގައި އެކަން ކުރުމެއް ނެތެވެ.

ދެންފަހެ އިނގިލި ގުދުކޮށްލުން ދަންނައެ، އަބޫ ދާވޫދުގައި: މާލިކު ބްނު ނުމައިރުގެ އަރިހުން، އެބޭފުޅާގެ ބައްޕަގެ އަރިހުން އެޙަދީޘް އައިސްފަވެއެވެ. އެކަމަކު މާލިކުވަނީ އެޙަދީޘްގައި އެކަހެރިވެފައެވެ. އެއާއިއެކު އެއީ ޙާލަތު ނޭނގޭ މަޖްހޫލު ރާވީއެކެވެ.[5]

ދެން އިނގިލިން ޤިބްލައަށް އިސްތިޤްބާލުކުރުން ދަންނައެ، ޢަބްދު ﷲ ބްނު ޢުމަރުގެ އަރިހުން ރިވާކުރެވުނެވެ:

«أَنَّهُ رَأَى رَجُلًا يُحَرِّكُ الْحَصَى بِيَدِهِ، وَهُوَ فِي الصَّلَاةِ، فَلَمَّا انْصَرَفَ قَالَ لَهُ عَبْدُ اللهِ: لَا تُحَرِّكِ الْحَصَى، وَأَنْتَ فِي الصَّلَاةِ فَإِنَّ ذَلِكَ مِنَ الشَّيْطَانِ، وَلَكِنِ اصْنَعْ كَمَا كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ، قَالَ: وَكَيْفَ كَانَ يَصْنَعُ؟ قَالَ: فَوَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى، وَأَشَارَ بِإِصْبَعِهِ الَّتِي تَلِي الْإِبْهَامَ فِي الْقِبْلَةِ، وَرَمَى بِبَصَرِهِ إِلَيْهَا أَوْ نَحْوَهَا، ثُمَّ قَالَ: هَكَذَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ»[6]

މާނައީ: "ނަމާދުގައި އޭނާގެ އަތުން ހިލަކޮޅުތައް ހަރަކާތްކުރަނިކޮށް، އެކަލޭގެފާނަށް މީހަކު ފެނިވަޑައިގަތެވެ. ދެން އޭނާ ނަމާދު ނިމުނުހިނދު ޢަބްދު ﷲ ވިދާޅުވިއެވެ: 'ތިބާ ނަމާދުގައިހުރެ ހިލަކޮޅުކޮޅު ޙަރަކާތް ނުކުރާށެވެ. އެކަންވަނީ ޝައިޠާނާގެ ފުށުންނެވެ. އެހެނެއްކަމަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ޢަމަލުކުރައްވާ ފަދައިން ތިބާ ޢަމަލުކުރާށެވެ. އެކަލޭގެފާނުގެ ކަނާތްޕުޅު، ފަލަމަސްގަނޑުގެ މަތީގައި ބާއްވަވައެވެ. ދެން ބޮޑުވާއިނގިލިފުޅާ ޖެހިގެންވާ އިނގިލިފުޅުން ޤިބްލައަށް އިޝާރާތްކުރައްވާ، އެއިނގިލިފުޅަށް ބަލަހައްޓަވައިގެން އިންނަވައެވެ.' ދެން އެއަށްފަހު ވިދާޅުވިއެވެ: 'ﷲ ގެ ރަސޫލާ صلى الله عليه وسلم މިފަދައިން ޢަމަލުކުރައްވަނިކޮށް އަހުރެން ދެކުނީމެވެ."

ރިވާކުރެއްވީ އައްނަސާއީއާއި، އިބްނު ޚުޒައިމާއާއި، އިބްނު ޙިއްބާނެވެ.

މިރިވާޔަތުގެ ޞައްޙަކަމާއިމެދު ކަމެއްއުޅެއެވެ.

ދެންފަހެ އިނގިލި ޙަރަކާތްކުރުމަށް ވިދާޅުވި ބޭފުޅުންގެ އަރިހުގައި، ޙަރަކާތްކުރުމުގެ ވަޤުތާއިމެދު އެފިޤުހުވެރިންވަނީ ޚިލާފުވެގެންނެވެ.

  • އެގޮތުން ޙަނަފީން ދެކެނީ: ޝަހާދަތް އިނގިލި މައްޗަށް އުފުލުންވަނީ ޝަހާދަތުގެ ދެކަލިމައިގައިވާ ނަފީގެ ބަސްކަމުގައިވާ لا ކިޔާއިރުއެވެ. ދެން ޘާބިތުކުރާއިރު ތިރިކުރާނީއެވެ.

  • ދެންފަހެ މާލިކީން ދެކެނީ: ނަމާދުން ސަލާމްދެންދެން ކަނާތަށާއި ވާތްފަރާތަށް އިނގިލި ތަޅުވާ ޙަރަކާތްކުރުމެވެ.

  • ޝާފިޢީން ދެކެނީ: إلا الله ކިޔާއިރު އިނގިލި އުފުލާ ޙަރަކާތްކުރުމެވެ.

  • ދެންފަހެ ޙަންބަލީން ދެކެނީ: ﷲ ގެ އިސްމުފުޅު ގަނެވޭ ކޮންމެ ފަހަރަކު އޭނާގެ އިނގިލިން އިޝާރާތްކުރުމެވެ.

އެހެނެއްކަމަކު ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން ޙަރަކާތްކުރުން އަޞްލު ޘާބިތެއްވެސް ނޫނެވެ. ދެން މިފަދަ ކަފިކަފިކުރުން ތަކަކީ: ޞަރީޙަ ޞައްޙަ ނައްޞެއްގެ މައްޗަށް ބަރޯސާވާންޖެހޭ އަޅުކަމުގެ މަޤާމެއްގައި ކުރެވޭ އިޖްތިހާދު ތަކެކެވެ. މިއީ ބަރޯސާވުން ހުއްދަ ކަންކަމެއް ނޫނެވެ.

ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން އައިސްފައިވާ މިލަފްޡުތައް ބަލިކަށިވެގެންވާކަމަށް އަހަރުމެން ކަނޑައެޅުމަކީ: އޭގައިވާ ގޮތަށް ޢަމަލުކުރުމަށް އަދި އަހަރުމެން އިންކާރުކުރާ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު އަހަރުމެން ބުނަނީ: އެކަމުގައި އަޅުކަމެއްގެ ގޮތުގައި ކުރުމަށް ދަލީލަކަށް ބޭނުންވެއެވެ. ސުންނަތްގޮތަކީ އިޝާރާތްކުރުމެވެ. ދެން އިނގިލިން ޤިބްލައަށް އިޝާރާތްކޮށްފަ ބެހެއްޓިޔަސް، ނުވަތަ ކަނާތަށް ނުވަތަ ވާތަށް އެއްފަރާތްކޮށްފައި ބެހެއްޓިޔަސް، ނުވަތަ ޙަރަކާތްކޮށް ތެޅުވިޔަސް ފަހެ އެހުރިހާ ޙާލަތެއްގައިވެސް އެވަނީ އިޝާރާތްކުރެވިފައެވެ.

ދެންފަހެ އިޝާރާތްކުރުމުގެ މާނައިގެ އިތުރަށް ކުރާ ކަމެއްނަމަ، އެކަމެއް ޘާބިތުވެގެންވާކަމަށް ދެކޭ ބަޔަކު ކައިރީގައި މެނުވީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ހިތްމައްޗަށް ގެނައުމެއް ނެތެވެ. ބައެއް މީހުން، އެމީހެއްގެ ޠަބީޢަތުންވެސް އިޝާރަތްކުރާނަމަ އިނގިލި ކުޑަކޮށް ގުދުވެއެވެ. އަދި ބައެއް މީސްތަކުން ޠަބީޢަތުގައި އިޝާރާތްކުރާހިނދު، އިނގިލި މައްޗަށް ތިރިއަށް ތެޅުވެއެވެ. އެއީ އަޅުކަމެއްގެ ގޮތުގައި އެކަންކުރަން ޤަޞްދުކޮށްގެންނެއް ނޫނެވެ. އެކަމަކު އޭނާ ޤަޞްދުކުރީ އިޝާރާތްކުރުމަށެވެ. އަހަރުމެން ބުނަމެވެ: މިހުރިހާ ކަމަކީވެސް (ދަލީލެއް ޞައްޙަކޮށް އައިސްފައިނުވާ) ވާހަކައެއް ނުދެކެވި ހަނުހުރެވިގެންވާ ކަންތަކެކެވެ. އިންސާނާ އެފަދައިން ކަންތައް ކުރުމަކުން މައްސަލައެއް ނެތެވެ.


[1] صحيح مسلم: 580

[2] سنن النسائي: 889،  وابن خزيمة: 714،  وابن حبان: 6239

[3] صحيح ابن خزيمة: 714 . އެހެނީ މިޙަދީޘް ނެރުއްވާފަ އިބްނު ޚުޒައިމާ ވިދާޅުވިއެވެ: (لَيْسَ فِي شَيْءٍ مِنَ الْأَخْبَارِ «يُحَرِّكُهَا» إِلَّا فِي هَذَا الْخَبَرِ زَائِدٌ ذِكْرُهُ) މާނައީ: "މިޚަބަރުގައި މެނުވީ ޚަބަރުތަކުގެ ތެރެއިން އެއްވެސް ޚަބަރެއްގައި އިނގިލި ޙަރަކާތްކުރެއްވިކަމަށް އިތުރުކޮށް ޛިކުރުވެވިގެން ނުވެއެވެ."

[4] مصنف عبد الرزاق: 3244، مسند أحمد: 3152،  مصنف ابن أبي شيبة: 8428،  السنن الكبرى للبيهقي: 2834

[5] مصنف أبي داود: 991

[6] سنن النسائي: 1160،  وابن خزيمة: 719،  وابن حبان: 6259