ފުރަތަމަ ފަތުވާ
”ފިޤުހުލް ޤަޟާޔާ އަލްމުޢާޞިރަތު ފިލް ޢިބާދަތި“ ގައި، ޝެއިޚް ޢަބްދު ﷲ ބުނު އައްޝެއިޚް ބަކްރު އަބޫ ޒައިދު ވިދާޅުވިއެވެ:
(އިޖުތިހާދު: ހެކި ޤަރީނާގެ މައްޗަށް ބަައި އެކަމުގެ ޢިލްމުހުރި މިހާ ކަމެއް ކަނޑައެޅުން)
މުސްތަޙައްބުވެގެން ވަނީ މުއައްޛިން (ބަންގިގޮވާ މީހާ) އަކީ ނަމާދުގެ ވަޤުތުތަކަށް ޢިލްމުވެރި މީހެއް ކަމުގައި ވުމެވެ. ⁽23⁾ މިސަބަބަށްޓަކައި ފިޤުހު ޢިލްމުވެރިން - رحمهم الله تعالى – ވަނީ ލޯ އަލި މުއައްޛިން ލޯ ކޮށި މީހަކަށްވުރެ އިސް ކުރައްވާފައެވެ. އެހެނީ އޭނާއަށް ނަމާދުގެ ވަޤުތު ބޮޑަށް ދަނެގަނެވޭނެތީއެވެ.
މުއައްޛިނަށް ވަނީ ބަންގީގެ ކަންތަކުގައި ޢަމާނަތް ކުރެވިފައި ކަމުން، ވަޤުތު ވަދެއްޖެ ކަން ދެނެގަތުމަށް އިޖްތިހާދު ކުރުމީ އޭނާގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ. އެއީ އަބޫ ހުރައިރާ އަރިހުން ރިވާވެގެންވާ ޙަދީޘުގައި ވާފަދައިންނެވެ. ނަބިއްޔު ﷺ ޙަދީޘުކުރެއްވިޔޭ:
«الإمام ضامن ، والمؤذن مؤتمن ، اللهم أرشد الأئمة ، واغفر للمؤذنين» (އިމާމު މީހާ އަކީ ޒިއްމާދާރު ކުރެވިފައިވާ ފަރާތެވެ. އަދި މުއައްޛިނަކީ އަމާނާތްތެއް ހަވާލުވެވިފައިވާ ފަރާތެވެ. ޔާ ﷲ އިމާމުން ނަށް މަގުދައްކަވާށިއެވެ. އަދި މިއައްޛިނުންނަށް މަޣްފިރަތް ދެއްވާށިއެވެ.) ⁽24⁾
އެހެންކަމުން ކޮންމެ ނަމާދަކަށް ނައްޞުތަކުން ޘާބިތުވެފައިވާ ޝަރުޢީ ޢަލާމާތްތަކަށް ބަލައި ނަމާދުގެ ވަޤުތު ވަދެއްޖެތޯ ބެލުމަށް އިޖުތިހާދުކުރުން މުއައްޛިނުގެ މައްޗަށް ލާޒިމުވެގެން ވެއެވެ.
އަދި މިކަމުގައި ޝަރުޢީ ޢަލާމާތްތައް ދޫކޮށް އޭނާގެ އަމިއްލަ ރައުޔަށް ބަލައި އިޖުތިހާދު ކުރުން ނުވެއެވެ. އެއީ الصحيحين ⁽25⁾ ގައި ވާރިދުވެފައިވާ ފަދައިންނެވެ. ޢަދިއްޔު ބުނު ޙާތިމް ⁽26⁾ އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ:
(حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ) [البقرة: 187 ] ”ކަޅު ރޮދިފަށުގެ ތެރެއިން ހުދު ރޮދިފަށް ފާޅުވެ އެނގިއްޖެއުމަށް ދާންދެންނެވެ.” މިއާޔަތް ބާވައިލެއްވުމުން ތިމަންކަލޭގެފާނު ދެ ރޮދިފަށް އެއްކޮށްލާފައި ގޮށް ޖައްސަވާލީމެވެ. އެއްރޮދިފަށަކީ ކަޅުފަށެކެވެ. އަނެއްރޮދިފަށަކީ ހުދުފަށެކެވެ. ދެން އެދެފަށް ތިމަންކަލޭގެފާނުގެ ބާލީހުގެ ދަށައް ލެއްވީމެވެ. ދެން ތިމަންކަލޭގެފާނު އެއަށް ރޭގަނޑުގެ ވަގުތު ބަލާލުމުން އެއެއް ވަތްކެއްނުވެއެވެ. (ދެން ތިމަންކަލޭގެފާނަށް ކަޅު ރޮދި ފަށުގެ ތެރެއިން ހުދު ރޮދިފަށް އެނގެން ފެށުމުން ރޯދަ ގެއްލޭކަންކަމުން މަނާވެގަތީމެވެ.) ދެންފަހެ ހެނދުނުވުމުން ތިމަންކަލޭގެފާނު، ރަސޫލުﷲ ﷺ އަރިހު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ބާލީސްދަށަށް ދެރޮދިފަށްލީމެވެ.” ދެން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. «إن وسادك لعريض إنما هو سواد الليل وبياض النهار » (ހުދު ރޮދިފަށާއި ކަޅު ރޮދިފަށް ކަލޭގެފާނުގެ ބާލީސް ދަށުގައިވާނަމަ ކަލޭގެފާނުގެ ބާލީސް ވަރަށް ފުޅާ ވާނެތާއެވެ! އެހެނެއްކަމަކު އެއީ ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަމުގެ ވާހަކައެވެ.)”
އެހެންކަމުން ކޮންމެ ނަމާދަކަށް ވާ ޝަރުޢީ ޢަލާމާތްތަކަށް ބަރޯސާވެ މުއައްޛިނު އެެވަޤުތު ވީހާވެސް ސީދާ ކުރަން އިޖުތިހާދު ކުރެއެވެ.
ނަބިއްޔު ﷺ އާއި އަޞްޙާބު ބޭކަލުން ވަޤުތު ވަދެއްޖެކަން ދެނެގަތުމަށްޓަކައި ބުރަވެލެއްވީ މި ނަންގަނެވުނު ޢަލާމާތްތަކަށެވެ. އެހެނީ އެބޭކަލުންގެ އަތްޕުޅުގައި ވަޤުތު ވަދެއްޖެ ކަން މިނެކިރާނެ އާލާތްތަކެއް ނުވެއެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ⁽28⁾ - رحمه الله تعالى - ވިދާޅުވިއެވެ: (އެއިން ވަޤުތު ދެނެގަތުމަށްޓަކައި ހިސާބު ކުރާ އާލާތްތައް ނަބިއްޔު ﷺ ގެ އަރިހު ނުވެއެވެ. އަދި ވަޤުތު ދެނެގަތުމަށް މިނެކިރާން ގެންގުޅޭނޭ އާލާތެއް ވެސް ނުވެއެވެ.)
އަދި ވަޤުތު ވަދެއްޖެ ކަން ދެނެގަތުމަށްޓަކައި މުއައްޛިނު މީހާ، ގަޑި އޭ މިކިޔޭ އެތި ބޭނުން ކުރުން ނުވަތަ ހިސާބު ޖެހުންވެސް ޖާއިޒެވެ.
އެގޮތުން އުޑުމަތީ ވިލާ ބޯވެފައިވާތީ އޭނާއަށް ޝަރުޢީ ޢަލާމާތްތައް ބޭނުން ކުރުމަށް ޢުޛުރުވެރި ވެއްޖެނަމަ، ނޫނީ އޭނާއަކީ ޢާންމު ފަރުދަކަށްވެފައި ވަޤުތު ވަދެއްޖެތޯ ބަލައިހަދައިދޭނޭ މީހެއް އޭނާގެ ވަށައިގެން ނުވެއްޖެނަމަ، ނޫނީ އޭނާ ހުރީ އެތަނަކުން ބޭރުވެވެން ނެތް ބަންދުވެފައިވާ ތަނެއްގައި ނަމަ: އޭނާއަށް ވަނީ އޭނާއަށް އެކަމަށް ކުޅަދާނަވީ ކޮންމެ ގޮތަކުންވިޔަސް އިޖުތިހާދުކޮށް ވަޤުތުވަދެއްޖެކަން ދަލީލުކުރާނޭ މަގެއް ހޯދުމެވެ. އެއީ އެއްޗަކުން ކިޔައިގެން ނޫނީ ހަދައި އަންދާޒާ ކޮށްގެން ވިޔަސް މެއެވެ.
އަދި ވަޤުތު ދެނެގަތުމަށް ގަޑިތަކައި އެފަދަ ތަކެތި ބޭނުން ކުރުން ޖާއިޒު ކަމުގެ މައްޗަށް ފިޤުހު ޢިލްމުވެރިން – رحمهم الله تعالى – ވަނީ ނަންގަންނަވާފައެވެ.
ތިރީގައި އެއިން ބައެއް ޤަޥްލު ނަކަލު ކޮށްލަމެވެ:
އަލްޙައްޠާބު ⁽29⁾ – رحمه الله تعالى - ވިދާޅުވިއެވެ:
”މިއިން ނެރޭވޭ ނަތީޖާއަކީ، ކަނޑައެޅިގެން ވަކި އާލާތެއް ބޭނުން ކޮށްގެން ވަޤުތު ވަދެއްޖެކަން ދެނެގެނަވޭނަމަ، މިޘާލަކަށް، އެސްޓްރޯލޭބް ނޫނީ ކުއަޑްރަންޓް، ނުވަތަ އުޑުމެދަށްވާހެން ދަމާފައިވާ ރޮއްޖެއް ވިޔަސް، ފަހެ ވަޤުތު ދެނެގަތުމަށް މި ފުދިގެންވޭ ކަމެވެ.“
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ⁽31⁾ - رحمه الله تعالى - ވިދާޅުވިއެވެ: ”ވަޤުތުވަދެއްޖެ ކަމަށް ޝައްކުގައި ހުރި މީހާ، އިރަށްބަލައިގެން ނޫނީ އެފަދަ ވަޤުތު ދެނެގަނެވޭނެ ނޫނީ ހިސާބުކުރެވޭނެ އެއްޗަކަށް ބަލައި ޔަޤީންކޮށްގެން މެނުވީ ނަމާދު ނުކުރާށެވެ...“
އަދި އަލްޙައިޘަމީ ⁽32⁾ އާއި އަލްބުޖައިރަމީ ⁽33⁾ ވެސް މިފަދަ އާލާތްތަކަށް ބެލުމާއިމެދު ނަންގަންނެވިއެވެ.
އިބްނު މުފްލިޙް ⁽34⁾ ވިދާޅުވިއެވެ:
ބުރަދަން ބޮޑުކޮށް ވަޤުތު ވަދެއްޖެކަން އޭނާއަށް އެނގިއްޖެ ނަމަ، އެއީ މިޘާލަކަށް ނަމާދު ވަޤުތުގެ ކުރިން ވަކިކަމެއް އާދަވެކުރާ މަސައްކަތު މީހެއް ފަދަ، ނުވަތަ އާދަވެ (ވަޤުތު ވަނުމުން) ޤުރުއާނުން އެއްޗެއް ކިޔަވާ ޤާރީއެއް ޤުރުއާން ކިޔެވުމުން، ނަމާދު ކުރުން އޭނާއަށް ހުއްދައެވެ. (މިޒަމާނުގައިވެސް މިގޮތަށް ބަންގި ނީވުނަސް އޭގެ ފަހުން ޤުރުއާނެއް ރޭޑިއޯއިން ނޫނީ ޓީވީން އަންނަނަމަ، އެ އަޑުއިވުމުން މީހާއަށް ވަޤުތުވަދެއްޖެކަން ދެނެގަނެވެއެވެ.) އަދި މިބީދައިން ޢިލްމުވެރިން ތެރެއިން ބައިގަނޑެއް މިކަން ހުއްދަ ކަމަށް ކަނޑައެޅުއްވިއެވެ. އެހެނީ މިކަމަކީ އިޖްތިހާދީ ކަމަކަށް ވުމުންނެވެ. އެހެންކަމުން އެހެނިހެން އިޖުތިހާދީ ކަންތަކޭ އެއްފަދައިން މިކަމުގައިވެސް ބުރަދަން ބޮޑުކަމާއި އެކު އެކަމަށް އޭނާއަށް ހީވުން ފުދެއެވެ. އަދި އެއީ އަޞްޙާބުބޭކަލުން ރޯދަ ކެނޑުމުގެ ކަންތައް ބިނާ ކުރައްވައި އުޅުއްވީ ބުރަދަން ބޮޑުކަމާއިއެކު އެކަމަށް ހީވުމުގެ މައްޗަށް ކަމުންނެވެ. އަދި އެ ހީގެ މައްޗަށް ނަމާދު ކުރާ މީހާ އެއިޔާދަ ކުރާކަށް ނުޖެހޭނެއެވެ. ”އަލްމުޙައްރަރު“ ގެ މުއައްލިފު އެކަން ޞަރީޙަކޮށް ވިދާޅުވިއެވެ. އެހެނަސް އެއީ އޭނާ ނަމާދު ކުރީ ވަޤުތުގެ ކުރީންކަން ޔަޤީން ވެއްޖެ ހިނދެއްގައި މެނުވީއެވެ.
ދެންފަހެ އޭނާއަށް ނަމާދުގެ ވަޤުތު ކަށަވަރު ވާނަމަ، މިޘާލަކަށް އެއީ ވަޤުތުތަކާއި ގަޑީގެ މިނެޓުތައް ބެލުމުގެ ޢިލްމުވެރިޔެއް ނަމަ، އަދި އުޑު ސާފުކޮށް އޮންނަ ހިނދު ތަރިތަކުގެ ދައުރުވުންތައް ދަނެ (ވަޤުތު ހިސާބު ކުރެވޭ މީހެއް ނަމަ) ، މިބުނެވުނު އުސޫލު އޭނާ މައްޗަށް މާ އަޥްލާކަން ބޮޑެވެ.“
އިހުބަޔާން ވެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް:
ނަމަދުގެ ވަޤުތު ވަދެފައި ވުމީ ނަމާދު ޞައްޙަ ވުމުގެ ޝަރުޠެއް ކަން.
މުއައްޛިން އަދި (ގިނިކަންޏާވިޔަސް) ނަމާދު ކުރާ މީހާ ، ވަޤުތު ވަދެއްޖެކަން ދެނެގަތުމަށްޓަކައި އިޖުތިހާދު ކުރުން. އެއީ، އެހެންޏާ ޝަރުޢީ ޢަލާމާތް ތަކަށް އަމިއްލަ ނަފުސަށް ބަލައި ވަޤުތު ވަދެއްޖެ ކަމުގެ މައްޗަށް ދަލީލު ނެރެގެންނެވެ. އެޢަލާމަތްތަކީ ވަޤުތު ވަނުމުގެ މިންގަނޑުތައް ބަޔާން ކޮށްފައިވާ ތަކެއްޗެވެ. މިޘާލަކަށް، ފަޖުރު ފާޅުވުމާއި، އިރު ބޯމެދުން ނެއްޓުމާއި، އިރުގެއްލުމާއި، ޝަފަޤުގެ ރަތްކަން ގެއްލުމެވެ. ނޫނީ އެކަން އިޖުތިހާދު ކުރުން އޮތީ ވަޤުތު ވަދެއްޖެ ކަމުގެ މައްޗަށް ދަލީލު ކުރުވާ ކޮންމެ ވަސީލަތެއް ވިޔަސް ބޭނުން ކޮށްގެނެވެ. އެއީ މިޘާލަކަށް ވަކިވަރަކަށް ވިރުދު ކިޔަވައިގެން ނޫނީ ނަމާދެއް ކޮށް އޭގެ މައްޗަށް އަންދާޒާ ކޮށްގެން، ނޫނީ ތަޖުރިބާކޮށްފައިވާ ހިސާބެއް ޖަހައިގެން، ރަނގަޅު ވަގުތުގަލެއް ބޭނުންކޮށްގެން، ނުވަތަ މިފަދަ އެއްޗަކުންނެވެ. އެއީ ވިލާ ބޯވުމުގެ ސަބަބުން ނޫނީ އެހެން ކަމެއްގެ ސަބަބުން ޝަރުޢީ ޢަލާމާތްތައް އެގެން ނެތުމުންނެވެ.
ފަހެ ނަމާދާއި ރޯދައިގެ ވަޤުތު ކަނޑައެޅުމަށް ބޭނުން ކުރެވޭ ޒަމާނީ ވަސީލަތްތައް، މިޘާލަކަށް ކަލަންޑަރު-ތާވަލާއި، ގަޑި އާއި، މީޑިއާ ވަސީލަތްތަކާއި އެނޫން މިފަދަ ތަކެއްޗާއި މެދު ދަންނައެ:
މިތަކެތީގެ މަޢުލޫމާތު އެކުލެވިފައިވަނީ ނަމާދު ވަޤުތު ވަނުމުގެ ޝަރުޢީ ޢަލާމާތް ތަކަށް ވަޒަން ހެޔޮވަރު ކޮށްފައިވާ ހިސާބު ކުރުން ތަކެއްގެ މައްޗަށެވެ.
ވީމާ މިއީ، ނަމާދު ވަޤުތު ވަދެއްޖެ ކަން ދެނެގަތުމަށް އަދި ރޯދަހިފުމާއި ވީއްލުމުގެ ވަޤުތު ދެނެގަތުމަށް އޭގެ މައްޗަށް ބަރޯސާވުން ހުއްދަވެގެންވާ ވަސީލަތްތަކެކެވެ. އެހެނީ މިތަކެތި އެކުލަވާލާފައިވަނީ ކޮންމެ ނަމާދެއްގެ ވަޤުތު ވަނުމުގެ ޝަރުޢީ ޢަލާމާތް ތަކަށް ބިނާކޮށް ވަޒަން ހެޔޮވަރު ކޮށްފައިވާ ހިސާބު ތަކެއްގެ މައްޗަށް ކަމުންނެވެ. އަދި އެ އެކުލަވާލާފައިވަނީ ހިސާބާއި ވަޤުތުގެ ޢިލްމަށް ޚާއްޞަ އެބައެއްގެ ބަސް މިކަމުގައި މިނެކިރޭ ތަޖުރިބާކާރުން ތަކެކެވެ.
އަދި އޭގެން ފޯރުކޮށްދޭ ޚަބަރަށް ބަރޯސާކުރުން ޖާއިޒުކޮށްދެނީ، ނަމާދު ވަޤުތު ވަދެއްޖެ ކަމުގެ މައްޗަށް އެންމެ މީހެއްގެ ޚަބަރަށް ބަރޯސާކުރުމުގެ ޙުކުމަށް ޤިޔާސު ކޮށެވެ.
އަދި ވަޤުތު ކަނޑައެޅުމުގައި މިވަސީލަތް ތަކުގެ ބަރާބަރުކަން ވަނީ ޙަޤީޤަތުގެ މައްޗަށް ޘާބިތުކުރެވިފައެވެ.
އެހެނަސް އެއަށް ބަރޯސާވުމުގެ ކުރިން އެއީ އެ ނަމާދު ކުރާ މީހާ ދިރިއުޅެމުންދާ ޤައުމާއި، ތާރީޚާއި ގަޑިއަށް ތަފާތުވާ އެއްޗެއްކަން ދެނެގަނެ ކަށަވަރު ކުރަން ޖެހެއެވެ.
ނަމަދު ވަޤުތު ވަދެއްޖެކަން ދެނެގަތުމަށް މުޖައްރަބު ޞައްޙަ އާލާތްތައް އިސްތިޢުމާލު ކުރުން ހުއްދަކަމުގެ މައްޗަށް ޢިލްމުވެރިން – رحمهم الله تعالى – އިޝާރާތް ކުރައްވާފައިވެއެވެ.
އަލްބިއްނޫރީ – رحمه الله تعالى - ⁽35⁾ ވިދާޅުވިއެވެ:
އިންޒާރެއް: އެމީހެއްގެ އަތުގައި ނަމާދު ވަޤުތުތައް އެއަކުން ދެނެގަނެވޭނެ ގަޑިއެއް ހުރެއްޖެ މީހާ (މިއީ ލަކުޑިން ކޮޅަށް ބަހައްޓާފައި ހުންނަ ގެތަކުގައި ބަހައްޓާ ބޮޑެތި ގަޑި) ، ނުވަތަ ޤިބުލައިގެ މިސްރާބު ދެނެގަނެވޭނެ ”ޤުޠްބު ނަމާ“ އޭ ކިޔޭ އެއްޗެއް އޮވެއްޖެ މީހާ، އެއީ އިންޑިއާގައި އެއަކަށް ބިމުގައި އެއަށް ”ޤިބުލަ ނަމާ“ ކިޔޭ އާލާތް، އަދި ޢަރަބި ޤަޥްމުތަކުގައި ( بيت الإبرة ) އޭ ކިޔޭ އާލާތް (މިއީ އިހުގެ ބޮޑެތި ސަމުގާ)، އެއާލާތް ތަކުން އޭނާއަށް ޤިބުލައިގެ މިސްރާބާއި ނަމާދުގެ ވަޤުތުތައް ދެނެގަތުމަށް ފުދިގެންވެއެވެ. އެއީ އެތަކެތި ޞައްޙަ ސަލާމަތުން ހުރެއްޖެނަމައެވެ. އަދި އެތަކެތިން އޭނާއަށް މިކަންކަން ދެނެގަތުމަށް ލަފައެއް ލިބެއެވެ. އަދި ޝަރީޢަތުގައި އެކަންކަމަށް ޢަމަލު ކުރުމަށް ބުރަދަން ބޮޑު އަންދާސާއެއް އޮތުން ފުދެއެވެ. މިއީ މިހެން ޞަރީޙަ ކުރެއްވި ބޭކަލެއް އަހަރެންނަށް ފެނިފައި ނެތަސް އެވެ. އާއެކެވެ. އަހަރެމެންގެ ފިޤުހީ ޤަވާޢިދުތައް އެކަން މަނައެއް ނުކުރެއެވެ. އަދި މިއީ ޢިލްމުވެރިންގެ މަނައެއް ނުވެމެ މުސްލިމުންގެ ތެރޭގައި މިހާރު ޢާންމު ވެފައިވާ އާދަކާދައެކެވެ. والله أعلم وعلمه أتم وأحكم.“
والله تعالى أعلم .
— މިހިސާބަށް، ޝެއިޚް ޢަބްދު ﷲ ބުނު އައްޝެއިޚް ބަކްރު އަބޫ ޒައިދުގެ ފޮތުން ތަރުޖަމާކުރި ބަސްކޮޅު، ބައެއް ޤަޥްލު ޚުލާޞާކުރުމާއި އެކު، ނިމުނީ.
ދެވަނަ ފަތުވާ
އައްޝެއިޚް ސުލައިމާން އަލްޢަލްވާނާއި މިމައްސަލާގައި ސުވާލު ވެވުނެވެ:
ޖަވާބު: ”ތާވަލަށް ބަރޯސާ ކުރުމުގައި މައްސަލައެއް ނުވެއެވެ. އަަދި ޝަރުޢީ ދަލީލު ތަކުގެ މައްޗަށް ފަޖުރުލް ކާޒިބް އާއި ފަޖުރުއް ޞާދިޤު ފަރަޤާއި އޭގެ މައްޗަށްވާ ޞައްޙަ ދަލީލުތައް އެނގޭ މީހާ، މިއެންމެންްނަށް ވެސް މިކަން އެނގިގެންވެއެވެ. އެހެނީ ﷲ މީސްތަކުންނަށް ކޮންމެ ދުވަހަކު ނަމާދަށް އަމުރުކުރައްވައި އޭގައި ސާފު ދަލާލަތު ނުލައްވައި އޮތުމީ މިފަދަ ބޮޑު ކަމެއްގައި، އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނަސް ނަމާދުގެ ވަޤުތު ވަންނަ ގަޑިތައް ދެނެގަތުމަށްޓަކައި މި ތާވަލް ތައް ބޭނުން ކުރުމުގައި ގޯހެއް ނުވެއެވެ. ވަކިން ޚާއްޞަކޮށް މިފަދަ މައްސަލަތަކުގައި ޖާހިލުކަން ފެތުރިފައިވާ އިރެއްގައެވެ. “ — މިހިސާބަށް އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ މި އޯޑިއޯ އިން.
ތިންވަނަ ފަތުވާ
”ނަމާދު ވަޤުތުތަކުގެ ތާވަލް ތަކުގެ އަޞްލަކީ އޭގެ ޞައްޙަ ކަމާއި ޘާބިތުކަމެވެ. އެހެނީ އެ ތާވަލް ތަކީ ފަހުގެ ތާރީޚުގައި މުސްލިމުން ޖީލަކަށް ފަހު ޖީލެއް ތަބަޢަވެފައިވާ އެއްޗެއް ކަމުންނެވެ. އަދި އޭގެ ބާޠިލުކަމުގެ މައްޗަށް އިއްވޭ އަޑުތަކަށް ސަމާލުކަމެއް ދިނުން ނުވެއެވެ. އެހެނީ އެއީ މިކަމުގެ އަހުލުވެރިކަމެއް ނެތް ފަރާތަކުން (ނޫނީ ފަރާތް ތަކަކުން) ދައްކާ ވާހަކަތަކެއް ކަމުންނެވެ. (އެބަހީ ޝަރުޢީ ޢިލްމާއި ފަލަކީ ޢިލްމުގެ އަހުލުވެރިކަމެއް ނެތް ފަރާތަކުން ދައްކާވާހަކައެވެ.) އަދި އެފަތުވާތައް ފެތުރުމީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން މުސްލިމުންގެ ނަމާދުގެ ވަޤުތުތައް ފަސާދަވެދެއެވެ. ވީމާ ފަތިސް ވަޤުތު ވަނީ ފަސް މިނިޓު ނޫނީ ދިހަ މިނިޓު ނޫނީ ވިހި މިނިޓު ކުރިޔަށޭ ބުނާ މީހާ، އެދައްކަނީ ޙަރާމްވެގެންވާ ވާހަކަތަކެވެ. އަދި އެއީ ފާފައެކެވެ. އެހެނީ އެކަމުން މުސްލިމުންގެ އަޅުކަމުގެ ތެރެއަށް ޝައްކު ވައްދުވައެވެ. އަދި ވަކި ވަޤުތަކަށް ރޯދަ ވީއްލާ އަދި ރޯދަހިފާ އެއްބަޔަކާއި ވަކި ވަޤުތެއްގައި ރޯދަހިފާ އަދި ރޯދަ ވީއްލާ އެނޫން ބަޔަކަށް މުސްލިމުން ބައިބައި ކުރާތީއެވެ. އަދި ބޭރުފުށަށް ފާޅުވެގެންވާ އަޅުކަންތައްތަކުގައި މުސްލިމުން ބައިބައިވެގެން ދާނަމަ، މިއީ އެބައިމީހުން ހަލާކުގެ ތެރެއަށް ވެއްޓިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ. އެހެނީ ހަމަކަށަވަރުން ބައިބައިވުމަކީ (އޭގެ ޒާތުގައިވެސް) ނުބައެކެވެ. އެހެންކަމަށް ވާހިނދު ، އެބައިބައި ވުމީ ޢާންމު ވެގެންވާ ދީނީ ކަމެއްގައިނަމަ، އޭގެ ނުބައިކަން މާ ބޮޑެވެ.
މި މައްސަލަތަކީ އޭގެ އަހުލުވެރިންނަށް އަމާނަތް ކުރެވިގެންވާ ތަކެއްޗެވެ. އެއީ މުސްލިމުންގެ ވަލިއްޔުލް އަމްރު މިވަޤުތުތައް ކަނޑައެޅުމަށް ހަވާލުކޮށްފައިވާ (ކަމަށް ޚާއްޞަ) އަފުރާދުން ފަދައެވެ. އެހެންކަމުން އެނޫން ބަޔެއްގެ އަތްމައްޗަށް އެޔަށް އިތުބާރު ކުރުން ނުވެއެވެ.
އަހަރެމެންގެ ޝެއިޚު ޢަބްދުލް ޢަޒީޒު ބުނި ބާޒުގެ ޙަޔާތުގައި މިމައްސަލާގައި (ޢާންމުންތެރޭގައި) އޮޅުންތަކެއް ފާޅުވިއެވެ. އެހެންކަމުން ޝަރުޢީ ދެކޮމިޓީއެއް އުފެއްދެވިއެވެ. އޭގެން އެއްކޮމިޓީގެ ވެރިޔަކަށް އަހަރެމެންގެ ޝެއިޚު ޞާލިޙު ބުނު ފަޥްޒާނުއް ފަޥްޒާން އައްޔަން ކުރެއްވިއެވެ. އަދި އަނެއް ކޮމިޓީގެ ވެރިޔަކަށް އަހަރެމެންގެ ޝެއިޚު ބަކްރު ބުނު ޢަބްދު ﷲ އަބޫ ޒައިދު އައްޔަން ކުރެއްވިއެވެ. އެގޮތުން މިދެކޮމެޓީއިން ވަކިވަކިން އުއްމުލް ޤުރާގެ ތާވަލް ގެ ވަޤުތުތަކީ ޞައްޙަ އަދީ އޭގައި އެއްވެސް ރައިބެއް އަދި އެއްވެސް ޝައްކެތް ނުވާ އެއްޗެއް ކަމުގައި ކަނޑައެޅުއްވިއެވެ. އަދި މީގެ މައްޗަށް ޢަމަލު ކުރެވުނެވެ.
ވީމާ އިންސާނާގެ މައްޗަށް ވަނީ މީސްތަކުންގެ ތެރޭގައި ޘާބިތު އެނގިބަޔާންވެގެންވާ އަދި ފެތުރިފައިވާ އެއްޗެއްގައި ހިފުމެވެ. އަދި މިއީ އެތައް އަހަރު ތަކެއް ކުރީއްސުރެ އިރުމަތީން ފެށިގެން ގޮސް ހުޅަނގާއި ހަމަޔަށް ވާ މުސްލިމު ބިންތަކުގައި ބަލާތަކުގެ ތެރެއިން ބަލާއެވެ. އެއީ އަޅުކަމުގެ ވަޤުތުތަކާއި ޒަމާންގެ މައްޗަށް މީސްތަކުންގެ ތެރޭގައި ޝައްކު އުފެއްދުމެވެ. އަދި އެކަމުން މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވެސް ވެއެވެ.
އަދި ފިޤުހުވެރިންގެ ޤަވާޢިދު ތަކުގެ ތެރޭގައި ވާ އެކައްޗަކީ: الأصل بقاء ما كان على ما كان (އެބަހީ: އަސާސަކީ، ކަމެއް ކުރިން ޘާބިތުވެފައިވާނަމަ، އެކަން އެއޮތް ގޮތުގައި ދެމިއޮތުމެވެ. (އެއީ އޭގެ އަސާސަށް ބަދަލެއް އައުމާއި ހަމައަށެވެ. ނޫނީ އެ އިޖުތިހާދު ނަފީ ކުރާނޭ އެއްޗެއް ޘާބިތުވުމާއި ހަމައަށެވެ.)) ވީމާ އަޞްލަކީ ކަނޑައެޅިފައި މިވާ ވަޤުތުތަކުގައި އިންސާނާ ހިފެހެއްޓުމެވެ. އަދި އެނޫން އެއްޗަކަށް ފަރުވާލެއް ނުދިނުމެވެ. އެއީ އޭނާގެ ދީން ރައްކައުތެރިކޮށް ސަލާމަތްކަމަށް އެދިއެވެ.“
— އަލްޢުޞައިމީ ގެ ފަތުވާ، މިހިސާބަށް، ނިމުނީ. (އޯޑިއޯ)
ހަތަރުވަނަ ފަތުވާ
ހިޖުރީ ސަނަތުން 1406 ވަނަ އަހަރުގެ ރަޖަބު މަހުގެ 12 އާއި 19 އާ ދެމެދު (އެއީ 1986 ވަނަ އަހަރުގެ މާރޗް މަހުގެ 22 އާއި 29 އާ ދެމެދު) މައްކާގެ މުސްލިމް ވޯލްޑް ލީގުގެ އިމާރާތުގައި، އިސްލާމީ ފިޤުހު ކައުންސިލްގެ ޖަލްސާއެއް ބޭއްވުނެވެ. އެކައުންސިލުން - އޭރު ޝައިޚް އިބްނު ބާޒް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ކައުންސިލުން - އިސްލާމީ އިލްމުވެރިންނާއި ފަލަކީ އިލްމުވެރިންގެ ދިރާސާގެ ނަތީޖާތަކާއި ހޯދުންތައް އަޑު އެއްސެވުމަށްފަހު، އިސްލާމީ އުއްމަތުގެ އިސް 20 އިލްމުވެރިން ސޮއިކުރެއްވި ގަރާރެއް ނެރުނެވެ. އޭގައި ބަޔާންވެފައިވާ ގޮތުން ފަޖުރުގެ (ފެށޭ) ވަގުތަކީ އިރު އިރުމަތީ އުޑުމަތިން 18° ތިރިއަށް ވާސިލްވާ ވަގުތެވެ. (ނޯޓް: މިމައްސަލާގައި ޚިލާފުވެލައްވާ ބޭފުޅުންނާއި ފަލަކީ ޢިލްމުވެރިންގެ ބަޔެއްގެ ރައުޔަކީ އެއީ 14.5° ނޫނީ 15° ކަމުގައެވެ. އެދެބަސްވުމުގެ ނަތީޖާ އަކީ 18° ބޭނުން ކުރުމުން 10 މިނެޓާއި 20 މިނެޓު ދެމެދުގެ ވަޤުތެއް 15° ގެ ހިސާބު ކުރުމަށް ވުރެ އަވަސް ވުމެވެ. މީގެ އިތުރުން ”ބައިނަލްއަޤްވާމީ ފަލަކީ މަރުކަޒު“ ން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ފަލަކީ ޢިލްމުގެ މަޝްހޫރު 17 ތަޖުރިބާކާރުންގެ ސޮޔާއިއެކު ދިގު ބަޔާނެއް ނެރުއްވިއެވެ. (ބަޔާނުގެ ސުރުޚީއަކީ: “ތަޖުރިބާކާރުންގެ އިއްތިފާޤު: ކަލަންޑަރުގައިވާ ފަޖުރު ނަމާދުގެ ވަގުތު ނަމާދުގެ ޙަޤީޤީ ވަގުތަށްވުރެ މާ ކުރިން ކަމަށް ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ”.) އަދި 18° އިން ހިސާބު ކުރުމީ ދިވެހިރާއްޖެ ފަދަ އިކުއެޓޯރިއަލް ސަރަހައްދަށް މުޅި އަހަރުގެ ތެރޭގައިވެސް ގޯހެއް ނުއަންނަ ހިސާބު ކުރުމެއްކަން ވަނީ އެއާއި ދެބަސްވާ ފަރާތްތަކުންވެސް އިޤުރާރުވެފައެވެ. (އިތުރަށް ކިޔައިލުމަށް، މިފަތުވާ)
ފަސްވަނަ ފަތުވާ
—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ފަތުވާ
ސުވާލާއި ޖަވާބު:
ޝެއިޚު ސުލައިމާން އަލްޢަލްވާން އާއި ސުވާލު ވެވުނެވެ: ބައެއް މީހުން ނަމާދު ވަޤުތުތައް އެތައް މިނިޓެއް ފަސްކަމަށް ބުނެއެވެ.
ޝެއިޚު: ތިއީ އިޖްތިހާދު ކުރެވޭ ފެންވަރުގެ މީހެއް ގެ ބަހެއް ހެއްޔެވެ؟ ނޫނީ އާދައިގެ މީހެއްގެ ރައުޔުހެއްޔެވެ؟
ދަރިވަރު: އެއީ ޢިލްމުގެ އަހުލުވެރިއެކެވެ.
ޝެއިޚު: ފަލަކީ ޢިލްމު އޭނާ އަށް އެނގޭ ހެއްޔެވެ؟
ދަރިވަރު: އެއީ ޢިލްމުގައި ބޮޑު ބޭފުޅެކެވެ.
ޝެއިޚު: އެއީ ބޮޑު ޢިލްމުވެރިޔެއް ވިޔަސް ފަލަކީ ޢިލްމެއް ނެތި އަދި ނުފުދެއެވެ. އޭނާފުށުގައި ފަލަކީ އަޅައި ކިޔޭނޭ ފެންވަރު ހުންނަން ޖެހެއެވެ.
ދަރިވަރު: އޭނައަށް އެހެނަސް އެޚަބަރުތައް (މީހުން ފަރާތުން) ފޯރުކޮށްދެވިފައިވެއެވެ.
ޝެއިޚް: އެހެން ވެއްޖެނަމަ ތިއީ ތިކަމުގައި ތަޤްލީދު ކުރާ މީހެކެވެ. އަދި ފަލަކީ ޢިލްމުވެރިން އެހެން މީހުންނަށް ވުރެ އެކަމުގައި ޘާބިތުވެގެން ވާނެއެވެ.
ދަރިވަރު: އެހެނަސް މިކަން އޭނާ އަށް ޘާބިތު ކޮށްދީފައި ވެއެވެ.
ޝެއިޚު: ޘާބިތު ތިކިޔަކީ ކިހިނަކުން ހެއްޔެވެ؟ މިޘާލެއް ގެނެސްފާނަމެވެ. އަޚުން ތަކަކާއި އެކީ އަހަރެން އައްޒުބައިރާ އަށް ދިޔައީމެވެ. އެއީ މިތަނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރެވެ. އެއީ ދަރިވަރުންގެ ބޮޑު ޖަމާޢަތަކާއި އެކީގައެވެ. އަދި އަހަރެމެން ފަޖުރުއް ޞާދީޤު ފެނޭތޯ ދިޔައީ އުދަރެސް ބަލަމުންނެވެ. (އެބަހީ ފަތިސް ނަމާދުގެ ފަޖުރުގެ އަލިކަމަށެވެ.) އެއިން އެންމެންވެސް އޭގައި ޚިލާފުވިއެވެ. މާނައީ ބަލައިގެން އެ ދެނެގަތުމުގައެވެ. އެކަކު ބުންޏެވެ. މިއީ ފެށޭ ވަޤުތެވެ. އަނަކަކު ބުނެއެވެ. މިހާރު މިއީ މެދުތެރެއެވެ. އަނެކަކު ބުނެއެވެ. މިއީ ނިމޭ އަތެވެ. އަދި އެންމެ ފަހޭ ބުނި މީހުން ތެރޭގައި އެންމެ ކުރިޔޭ ބުނި މީހެއް ވެސް ހިމެނުވެ. މިޒަމާނުގެ ފަލަކީން މިވަގުތު ބަލަނީ އެވެރިންގެ ހިސާބުތަކުންނެވެ. އެއީ ފެށޭ ވަޤުތުގެ އެންމެ ކޮޅެވެ. އަދި މިއީ މީހުންގެ ލޮލަށް މިހާރު ފެންނަ އެއްޗެއް ނޫނެވެ. އެމީހުން އެ ބަލަނީ ޢާލަމީ އޮބްޒަވޭޓަރީ ތަކުންނެވެ. ދުރި ކައިރި ކޮށްދެއެވެ. އެގޮތުން ވަގުތުގެ އެންމެ ފުރަތަމަ ފެށުން ދެނެގަނެއެވެ. މިއީ އަހަރެމެންނަށް އަހަރެމެންގެ ލޮލުން ދެނެނުގަނެވޭ އެއްޗެކެވެ. އެހެންކަމުން އަހަރެމެންނަށް އެންމެ ފުރަތަމަ ވަޤުތޭ ދެނެގަނެވޭ އެއްޗެއް އެއީ ފަލަކީން ގާތު އެންމެ ފަހުވަޤުތެވެ. ނުވަތަ އެންމެ ދަށްކޮށް ބުނާނަމަވެސް މެދުތެރެއެވެ. މިއީ އިތުބާރު ހުރި ޢިލްމެއް މައްޗަށެވެ.
ދެން މިޘާލަކަށް ތިބުނަނީ ޘާބިތޭ އެއީ ކޯޗެއް މައްޗަށް ހެއްޔެވެ؟ ތިމައްސަލާގައި އިންޓަރނެޓުގައި ލިޔެ މީސްތަކުން ފާފަވެރިންނަށް ހަދައި ޢިލްމުވެރިންނަށް ހޭވެރިވާން ގޮވައި ހަދާފައިވާ މީހެއް ގާތަށް އަހަރެން ދިޔައީމެވެ. ދެން މައްސަލާގައި އަޞްލަށް ޢާއިޝަތުގެފާނުގެ ޙަދީޘާއި މެދު އަހަރެން ވަހަކަ ދެއްކީމެވެ. (އެއީ ނަމާދު ނިމިގެން ފައިބާ އިރުވެސް އެކަކު އަނެކާ ނޭނގޭ ވަރަށް އަނދިރި ކަމުގެ މައްޗަށް އޮތް ޙަދީޘެވެ.) އަދި މިޒަމާނުގައި އަހަރެމެން އެކަން ތަޖުރިބާކޮށް ނުވެއެވެ. ބޮކިތައް ނިއްވިއަސް އެވެ. އަދި ހިތާމައަކީ މީނާ މުޅި އުއްމަތް ފާފަވެރިކޮށް ލިޔެ ހަދާއިރު އެއަށް ރައްދެއް ނުދެވުނެވެ. މިއީ އަދި މިބާބުގައި އޮތް އެންމެ ޙަދީޘެކެވެ. އެއަށް ވެސް ޖަވާބެއް ނުދެވުނެވެ. އަހަރެން ދެކެނީ ޢާންމު މީހުން މިމައްސަލާގައި ވާހަކަ ނުދެއްކުމެވެ. އަދި ރަސްމީ ޢިލްމުވެރިންނާއި އެވެރިންނާއި އެކު ވާ ފަލަކީ ޢިލްމުވެރިންނަށް ބަރޯސާވުމެވެ. އެހެނަސް މިހާރު މިހަދާހެން ކޮންމެ ޢާންމު މީހެއް މިކަމުގައި ވާހަކަދައްކައި މީސްތަކުން ފާފަވެރިކޮށް ހަދަނީ މިކަމުގެ ޙަޤީޤަތްތައް އަޞްލުގައި ނުވެސް އެނގިތިބެއެވެ. އަދި އެމީހުންގެ ބޮޑަކަށް އަދި މިކަންތަކުގެ އިމާމަކަށް ހަދައިގެން އުޅުނު މިހާއަށް އެންމެ ޙަދީޘަކަށްވެސް ޖަވާބުދާރީއެއް ނުވެވުނެވެ. އަދި އަހަރެމެން ދެންތިބި ޙަދީޘްތައްވެސް ގެންނާންވީހެއްޔެވެ؟ މާނަޢީ ޢިލްމެއް ނެތި މިމައްސަލާގައި މީސްތަކުންނަށް ވާހަކަ ދެއްކޭނޭ ކަމުގައި އަހަރެން ނުދެކެމެވެ. “ — މިހިސާބަށް، އައްޝެއިޚް ސުލައިމާން އަލްޢަލްވާނާ ގެ މިއޯޑިއޯ އިން.
އަހަރެން ބުނަނެވެ: އަދި މިއާއި އެކު، މަޣްރިބު ނަމާދު އުޑުމަތީގެ ރަތްކަން ގެއްލޭންވާއިރަށް ކޮށް ނިންމުމަށް އަލްޢަލްވާން އާއި އެނޫން ބޭކަލުން ތަޙުޒީރު ކުރައްވައެވެ. (އިތުރު މަޢުލޫމާތު). އަދި ފަތިސް ނަމާދު 14.5° ގައި އަންދާޒާ ކުރުމީ އަލްޢަލްވާންގެ ރައުޔެވެ. އަދި (ހަތަރުވަނަ ފަތުވާގައި އިޝާރާތް ކުރެވުނު ފަދައިން) މިމައްސަލާގައި އުއްމުލް-ޤުރާ ތާވަލުގެ ހިސާބު ކުރުމާއި މެދު ޢިލްމުވެރިން މެދުގައި އޮތް ޚިލާފު ރާއްޖެފަދަ އީކުއޭޓަރ ސަރަޙައްދު މައްޗަކަށް ނުވެއެވެ.
~ ގަލަންދާނު
([23]) بدائع الصنائع للكاساني (1/150) ، فتح القدير لابن الهمام (1/247) ، مواهب الجليل للحطاب (1/436)، مغني المحتاج للشربيني (1/137) ، المغني لابن قدامة (1/414).
([24]) أخرجه أبوداود (1/356) ، والترمذي (1/133) ، وابن حبان في موارد الظمآن ص (118) ، والإمام أحمد في مسنده من حديث عائشة – رضي الله عنها – (6/65) ، وصححه المناوي في الفيض (3/182) .
([25]) صححه البخاري (4/1640) ، ومسلم (2/766) .
([26]) هو الصحابي الجليل : عدي بن حاتم بن عبدالله بن سعد بن حشرج الطائي . وهو ابن حاتم الطائي المشهور الذي يضرب به المثل بالجود والكرم . أسلم في السنة التاسعة . كان رئيس طي في الجاهلية والإسلام ، وقام بدور عظيم في حرب الردة . توفي سنة (68) – رضي الله عنه وأرضاه - . انظر : الإصابة (2/468) ، تهذيب التهذيب (7/166) ، الأعلام للزركلي (5/8) .
([28]) مجموع الفتاوى (24/55).
([29]) مواهب الجليل (1/386) .
([31]) شرح العمدة (4/250).
([32]) تحفة المحتاج في شرح المنهاج (1/436) .
([33]) تحفة الحبيب على شرح الخطيب (1/455) والبجيرمي هو : سليمان بن محمد بن عمر البجيرمي ، نسبة إلى : ( بجيرم ) قرية غرب مصر ، ولد سنة (1131) ، فقيه شافعي ، من مصنفاته : ( التجريد ) ، و ( تحفة الحبيب ) وهو حاشية على شرح الخطيب المسمى بالإقناع . توفي سنة (1221) – رحمه الله تعالى - . انظر : الأعلام للزركلي (7/223) .
([34]) المبدع (1/351) .
([35]) بغية الأريب ص (93) بواسطة فقه النوازل للوالد - حفظه الله تعالى وأثابه - (2/234) .