Galandān

2025-06-28 11:32

އަހުލު ކިތާބީންނާއި މުޝްރިކުންނާއި މުރުތައްދުންގެ ސަލާމަށް އިޖާބަ ދިނުމާއި މިމައްސަލައާއިގުޅުން ހުރި ބަޔެއް ފިޤުހުތަކުގެ ޚުލާޞާ

 [1]

އަހުލު ކިތާބީންނަށް ސަލާމް ގޮވުމުގެ ކަންތަކުގައި ނަބިއްޔު ﷺ މަގުދެއްކެވި ގޮތާއިމެދު އޮތް ފަޞްލު

”އިތުރުއެކަލޭގެފާނުން ﷺ އަރިހުން ޞައްޙަ ގޮތުގައި ވާރިދުވެފައިވެއެވެ: «لا تبدءوهم بالسلام ، وإذا لقيتموهم في الطريق فاضطروهم إلى أضيق الطريق» (އެވެރިންނާއި އިސްވެ ސަލާމް ނުގޮވާށެވެ. އަދި މަގުމަތީން އެބައިމީހުންނާއި ދިމާވެއްޖެނަމަ، މަގުގެ ހަނި ޖާގައިން ދިޔުމަށް މަޖުބޫރުކުރުވާށެވެ.) އެހަނަސް ބުނެވެއެވެ: މިނަހީ އަކީ ވަކި ޚާއްޞަ ޙާދިޘާއެއްގައި އޮތް އެއްޗެކޭ އެވެ. އެއީ (ޔަހޫދީންގެ) ބަނޫ ޤުރައިޟާއަށް ކުރިމަތިލައްވަން ވަޑައިގެންނެވި ހިނދުގައެވެ. ޙަދީޘް ކުރެއްވީ «لا تبدءوهم بالسلام» (އެވެރިންނާއި އިސްވެ ސަލާމް ނުގޮވާހުއްޓޭ) އެވެ. ވީމާ މި ޙުކުމަކީ ވަކި ޙާލަތެއްނެތި އެންމެހައި ޛިންމީންނަށް (އަހުލު ކިތާބީންނަށް) ޢާންމު ޙުކުމެއް ހެއްޔެވެ؟ ނޫނީ ޚާއްޞަ ވެގެންވަނީ މިޙާދިޘާގައި އެވާފަދަ ޙާލަތެއްގައިވާ ފަދަ ބަޔަކަށް އެކަނި ހެއްޔެވެ؟ އަރައިރުންވުން އޮތީ މި މަޥްޟޫޢުގައެވެ. އެހެނަސް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި، އަބޫ ހުރައިރާގެ ޙަދީޘް ތަކުން ރިވާކުރައްވާފައި ވެއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «لا تَبدَؤوا اليهود ولا النصارى بالسلام، فإذا لقيتم أحدَهم في طريق فاضطروه إلى أضيقه» (ޔަހޫދީންނަށްވެސް އަދި ނަޞާރާއިންނަށްވެސް އިސްވެ ސަލާމް ނުގިވާށެވެ. އަދި އެއިން މީހެއް މަގެއް މަތީން ތިބާއާއި ދިމާވެއްޖެ ނަމަ، ހަނި ޖާގައިން ދިޔުމަށް މަޖުބޫރު ކުރުވާށެވެ.) އަދި ބޭރުފުށަށް ހާމަވާން އޮތީ މިއީ ޢާންމު ޙުކުމެއް ކަމެވެ.

އަދި ސަލަފުންނާއި ޚަލަފުން ގެ ތެރޭގައި ވެސް މިކަންތަކުގައި ޚިލާފު އޮތެވެ. އެހެންކަމުން އޭގެތެރެއިން ގިނަބޭކަލުން ވިދާޅުވީ: އިސްވެ ސަލާމް ނުގޮވާށޭ އެވެ. އަދި އެނޫން ބޭކަލުން އިސްވެ ސަލާމް ގޮވުން ޖާއިޒު ކަމުގެ މައްޗަށް ކަނޑައެޅުއްވިއެވެ. އަދި މިބަސްފުޅުތައް ނަޤުލު ކުރެވިފައިވެއެވެ. އެފަދައިން އިބްނު ޢައްބާސުގެ އަރިހުންނާއި، އަބޫ އުމާމާ އާއި އިބްނު މުޙައިރީޒު އަރިހުން ވާރިދުވެފައި ވެއެވެ. އަދި މިއީ އައްޝާފިޢީ رحمه الله ގެ މަޛުހަބުގެ ތެރޭ އައިސްފައިވާ ވަޖުހެކެވެ. އެހެނަސް އެބަސް ވިދާޅުވި ފަރާތް ވިދާޅުވީ: އެ (އަހުލުކިތާބީންގެ) މިހާ އަށް މުޚާޠަބު ވުން ވަނީ: ރަޙްމަތުގެ ބައި ޛިކުރު ނުކޮށް ހަމައެކަނި ”السلام عليك“ އޭ އެވެ. އަދި އެކަކަށް މުޚާޠަބު ކުރެވޭހެން (عليك) މިހެންނެވެ. (ނޯޓް: މިއީ އެވެރިން ތެރެއިން އެކަކާއި ކުރާނަމައެވެ. އަދި ގިނަ ނަބަކަށް ސަލާމް ގޮވާނަމަ السلام عليكم ، މިހެންނެވެ. ތަފާތަކީ މުސްލިމަކަށް ނަމަ އެންމެ ފަރުދަކަށް ވިޔަސް ގޮވެނީ، ޖަމްޢު ކޮށް السلام عليكم އެވެ.)

އަދި އެއްބަޔަކު ވިދާޅުވިއެވެ: ރާޖިޙު މަޞްލަޙަތަކަށް ޓަކައި އެކަމަށް ޙާއްޖަތެއް އޮތުމުގެ ސަބަބުން ނަމަ، އިސްވެ ސަލާމް ގޮވުން ޖާއިޒުވެގެން ވެއެވެ. ނުވަތަ ގެއްލުމެއް އައިސްފާނޭކަމުގެ ބިރަށްޓަކައެވެ. ނުވަތަ ގާތްތިމާގެ ކަމަށްޓަކައެވެ. ނުވަތަ މިބާވަތުގެ ކަމެއްގައެވެ. މިރައުޔު އިބްރާހީމުއް ނަޚަޢީ އާއި ޢަލްޤަމާ އަރިހުން ވާރިދުވެފައި ވެއެވެ.

އަލްއަޥްޒާޢީ ވިދާޅުވިއެވެ: ”ތިބާ ސަލާމް ގޮވާނަމަ ދަންނައެ، ފަހެ ޞާލިޙުން ވެސް ސަލާމް ދެއްވޫއެވެ. އަދި ނުދޭނަމަ ދަންނައެ، ފަހެ ޞާލިޙުން ވެސް އެކަން ދޫކުރެއްވޫއެވެ.“

(މިހިސާބަށް، އިބްނުލް ޤައްޔިމް ގެ ބަސްކޮޅު ”ޒާދުލް މަޢާދު“ (2/389) އިން ނިމުނީ.

[2]

[ޛިންމީން ސަލާމް ދީފި ނަމަ އެއަށް ރައްދު ދިނުން]

”އަދި އެވެރިންގެ ސަލާމަށް ރައްދު ދިނުމުގެ ކަންތަކުގައިވެސް އިޚްތިލާފުވެލެއްވިއެވެ. އެގޮތުން ޖުމްހޫރުން ކަނޑައެޅުއްވީ އެކަމަކީ ވާޖިބެއް ކަމުގައެވެ. އަދި ރަނގަޅު ނަޒަރަކީ މިއެވެ. އަދި އެނޫން ބައިގަނޑެއް ވިދާޅުވީ؛ ބިދުޢައިގެ އަހުލުންނަށްވެސް ސަލާމަށް ރައްދު ދިނުން ވާޖިބުވެގެން ނުވާ ފަދައިން، އެވެރިންނަށް ރައްދު ދިނުމުގެ ވާޖިބެއް ނެތް ކަމުގައެވެ. އަދި އަޥްލާވެސް ވެގެންވާ ކަމުގައެވެ. އެހެނަސް މީގައި ރަނގަޅު ބުނުމަކީ ފުރަތަމަ ގެނެވުނު ޤަޥްލެވެ. އަދި ބިދުޢަވެރިންގެ ކަންތަކާއި މިކަމާއި އޮތް ފަރަޤަކީ، ޛިންމީންނާއި ޚިލާފަށް، ބިދުޢަވެރިން ޙަޖަރު ކުރުމަށް އަހަރެމެންނަށް އަމުރުވެވިގެންވެއެވެ. އެއީ އެވެރިންނަށް ދެވޭ އަދަބެއްގެ ގޮތުގައެވެ. އަދި އެވެރިންނާއި މެދު މީސްތަކުން އިންޒާރު ކުރުވުމުގެ ގޮތުންނެވެ.“

(މިހިސާބަށް، އިބްނުލް ޤައްޔިމް ގެ ބަސްކޮޅު ”ޒާދުލް މަޢާދު“ (2/389) އިން ނިމުނީ.

[3]

ފަޞްލު: (ބަސް އޮޅުވައިލައި މާނަ ބަދަލު ކުރުމެއްނެތި) އެވެރިން «السلام عليكم» އޭ ކީ ކަން، އަހަރެމެންނަށް ކަށަވަރު ވެއްޖެނަމަ ސަލާމަށް ޖަވާބު ދިނުން ވަނީ ކޮން ގޮތަކަށް ހެއްޔެވެ؟

[ނޯޓް: އަހުލު ކިތާބީން ގެ ސަލާމަށް ޖަވާބު ދިނުމަށް އަމުރު ނަންގަނެވިފައިވަނީ وعليكم އަށް ކުރުކުރެވިފައިވާ ގޮތުގައެވެ. އަދި މި ކަމާއި ބެހޭ ތަފްޞީލެއް ކުރިއަށް އަންނަނެއެވެ. ދެންފަހެ ސަލާމް ގެ ރައްދުގައި ފެށޭ އިރު އޮންނަ ”و“ (وعليكم..) އާއި މެދު ދަންނައެ، މި ވާވު ލާޒިމު ވުމާއި ނުވުމާއި މެދު ޢިލްމުވެރިން ތެރޭގައި ބޮޑު ޚިލާފެއް ވެއެވެ. އަދި އޭގެ ޚުލާޞާ އަކީ މުސްލިމެއް ނަމަ އޭގެ ފުރިހަމަ ގޮތީ ވާވު ލުން ކަމެވެ. އަލްމުތަވައްލީ އާއި އެނޫން ބޭކަލުން ވާވު އާއި ނުލައި އެ ޞައްޙަ ނުވާނޭ ކަމަށް އަދި ވާޖިބު އަދައު ނުކުރެވޭ ކަމަށް ކަނޑައެޅުއްވިއެވެ. އަދި ވާވު ނުލިޔަސް އެރައްދު ޞައްޙަވާނޭ ކަމަށް ޝާފިޢީގެފާނު ކަނޑައަޅުއްވައި ޙުއްޖަތް ގެންނެވިއެވެ. ދެންފަހެ އަހުލު ކިތާބީންނަށް ރައްދު ދިނުމުގައި، ވާރިދުވެފައިވާ ޙަދީޘުގެ ބަޔެއް ރިވާޔަތް ތަކުގައި ވާވު ނުހިމެނި ވެއެވެ. އަދި ގިނަ ރިވާޔަތްތަކުގައި ވަނީ އެ ހިމެނިފައެވެ. އަދި ޢިލްމުވެރިން މިކަމާ އޮތް ޚިލާފު ބިނާވަނީ ވާވު ލުމުން "އަދި" އޭ ބުނެވޭތީ އަހުލު ކިތާބީން ބުނި ބަހުގައި ތިމާގެ މައްޗަށް ވެސް އެކަން ޘާބިތުވާކަން ބުނެވޭތީއެވެ. ޔަހޫދީން މުސްލިމުންނާ ދިމާލަށް ބަސްއޮޅުވައި މާނަބަދަލުކޮށް ކިޔާ ސަލާމު "السام عليكم" ގައި السام (ތިބާއަށް މަރުވެޔޭ) އޭ ބުނާއިރު އޭގެ ރައްދުގައި ވާވު ލައި ("އަދި" ކަލެޔަށްވެސް އޭ) ބުނުން ރަނގަޅުހެެއްޔެވެ؟ މިއަށް އޮތް އެއްޖަވާބަކީ، މިތާނގައި ވާވު ލުމަކީ އެކަންތައް (މަރު ނޫނީ ހަލާކު) ވާ ކަމަށް އިޤުރާރު ވުމެއް ނޫން ކަމެވެ. އެހެނީ އޭގެ މާނައީ: އަދި ކަލޭ ތިބުނިހެން ކަލެއަށްވެސް ބުނަމޭ އެވެ. ދެވަނަ ރައްދަކީ: މަރަކީ އޭގައި އަހަރެމެން ދެމީހުންވެސް އެކުލެވޭ އެއްޗެއް ކަމެވެ. ވީމާ އެއަށް އިޤުރާރުވުމުގައި ގޯހެއް ނުވެއެވެ. އެހެނަސް السام ގެ މާނައަކީ سَآمَة ކަމަށް ބަޔަކު މާނަކުރިއެވެ. އެއީ ހިތްކެނޑުމެވެ. އެބަހީ ފޫހިވުމެވެ. އަދި އެގޮތުން ދީނާއިމެދު ހިތްކެނޑުން ކަމުގައެވެ. އަދި މިސަބަބަށްޓަކައި ރައްދުގައި ވާވު ފޮހެލުން ލާޒިމުކަމަށް ވިދާޅުވިއެވެ. އެހެނަސް މިއީ ޢަރަބި ބަހުގައި މިލަފުޒާއިމެދު މަޝްހޫރު މާނައާއި ޚިލާފުވެގެންވާ މާނައެކެވެ. މިގޮތުން ޙަދީޘެއްގައި އައިސްފައިވެޔޭ «إِنَّ الْحَبَّةَ السَّوْدَاءَ شِفَاءٌ مِنْ كُلِّ دَاءٍ إِلَّا السَّامَ» (ކަޅުދިރި އަކީ السَّامَ ފިޔަވައި އެހެން ހުރިހާ ބައްޔެއްގެ ޝިފާ އެކެވެ.) އަދި މިއީ މަރު ފިޔަވައި އެނޫން އެއްޗެއް ކަމުގައި ޚިލާފުވެފައި ނުވެއެވެ. އިބްނުލް ޤައްޔިމް ވިދާޅުވިއެވެ: ”އަދި މަރަކީ އެއެއްގައި ސަލާމް ގޮވާ މީހާ އާއި ޖަވާބު ދޭ މީހާވެސް ބައިވެރިވެގެންވާ (ކަށަވަރު) އެއްޗެކެވެ. ވީމާ ވާވު އޭގައި ލުމުން އެއީ ވަކި ފަރާތަކަށް ޚާއްޞަ އެއްޗެއް ކަމުން ކަނޑުވައިލައެވެ. އެ ފޮހެލުމުން އިޝާރަތް ކުރަނީ ސަލާމަށް ރައްދުދޭ މީހާއަށް ވުރެ ސަލާމް ދޭ ފަރާތަށް އެކަން ޙައްޤުވެ އަޥްލާކަން ބޮޑު ކަމުގައެވެ. މީގެ މައްޗަށް ބަލައި، ވާވު އޭގައި ލުމަކީ (މިދެބަސްވުމުގައި އޮތް) ރަނގަޅު ގޮތެވެ. އަދި އެ ނުލުމަށްވުރެ ހެޔޮ ގޮތެވެ. އެއީ މާލިކުގެފަނާއި އެނޫން ބޭކަލުން އަރިހުން ވާރިދުވެފައިވާ ފަދައިންނެވެ.“ ﷲ أعلم. ] — މިހިސާބަށް މިނޯޓު ނިނުނީ. ޚުލާޞާކޮށް އެކުލެވިފައިވަނީ އިބްނުލް ޤައްޔިމްގެ ބަސްފުޅުތަކުންނެވެ ބެލައިހޯދުމަށް: ”ޒާދުލް މަޢާދު“ (2/385) އަދި ”އަޙްކާމު އަހްލިއް ޛިއްމަތި“ (1/422)

އިބްނުލް ޤައްޔިމް: ”ބަޔާން ވެވުނު އެންމެހާ ކަމަކީ: އެވެރިން "السام" عليكم އޭ ބުނި ކަމަށް ކަށަވަރު ވާނަމައެވެ. ނުވަތަ އެބުނި އެއްޗަކާއިމެދު ޝައްކު ވާނަމައެވެ. އެހެނަސް އަޑު އަހާ މީހާއަށް ޛިއްމީ ކަލޭގެ ބުނީ «سلام عليكم» ކަމަށް ކަށަވަރު ކުރެވޭނަމަ، އޭގެ ޖަވާބުގައި އޭނާއަށް ”وعليك السلام“ އޭ ބުނެވޭނެ ހެއްޔެވެ؟ ނޫނީ ވަނީ ”وعليك“ ކުރުކޮށްފައި ބުނުން އެކަނިހެއްޔެވެ؟ ޝަރުޢީ ދަލީލުތަކާއި ޤަވާޢިދު ތަކުގެ ހަމަތަކުން ބަލައި ނިޔާކުރެވެނީ «وعليك السلام» އޭ ބުނެ އޭނާއަށް ރައްދު ދިނުމެވެ. އެހެނީ މިއީ ޢަދުލުވެރި ކަމުގެ ބާބުގެ ދަށުންވާ ކަމެކެވެ. އަދި ﷲ ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރި ކަމަށް އަމުރު ކުރައްވާފައެވެ. ﴿وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ﴾ (ކަނޑައެޅިގެން މީހަކު ކަލޭމެންނާ سلام ކޮށްފިއްޔާ ފަހެ ކަލޭމެން އެއަށްވުރެ ރަނގަޅަށް سلام ކުރާށެވެ! ނުވަތަ، އެ سلام ކަލޭމެން ރައްދުކުރާށެވެ!) އެހެންކަމުން ފަޟުލުވެރިކަމަށް ހިތްވަރު ދެއްވައި ޢަދުލުވެރިކަން އެއިލާހު ވާޖިބު ކުރެއްވިއެވެ. އަދި މިއިން މިބާބުގައިވާ ޙަދީޘް ތަކުން އެއްވެސް އެއްޗެއް ނަފީއެއް ނުކުރެތެވެ. އެހެނީ އިތުރުއެކަލޭގެފާނުން ﷺ «وعليكم» އަށް އޭގެ ރައްދު ހަނިކުޅައުމަށް އަމުރު ކުރެއްވީ އެވެރިން ސަލާމް ކުޅައުމާ ކުރާ އިހުބަޔާންވެވުނު (ވިޔާނުދާ) ޢަމަލަށް ޓަކައެވެ. އަދި މިކަންތަކަށް ޢާއިޝާ رضي الله عنها ގެ ޙަދީޘުގައި އިޝާރާތް ވެފައި ވެއެވެ. އެގޮތުން ޙަދީޘު ކުރެއްވީ: «ألا ترينني قلت : وعليكم ، لما قالوا : السام عليكم ؟» (އެއުރެން السام عليكم އޭ ބުނުމުން ތިމަންކަލޭގެފާނު وعليكم އޭ ބުނުއްވި އަޑު ކަމަނާ ނުއައްސަވަމުހެއްޔެވެ؟) ދެން ޙަދީޘް ކުރެއްވިއެވެ: «إذا سلم عليكم أهل الكتاب فقولوا : وعليكم» (އަހުލު ކިތާބީން ކަލޭމެންނަށް ސަލާމް ގޮވައިފިނަމަ، ރައްދުގައި ބުނާށެވެ: وعليكم އެވެ.) މީގައި ބަރޯސާވާން ޖެހޭ (ޝަރުޢީ) އުޞޫލަކީ، ލަފްޛު ވަކި ޙާލަތަކަށް ހަނި ނުކޮށް (އޭގެ ޙުކުމް) ޢާންމުކޮށް ނެގުން ކަމުގައި ވިޔަސް، މިގޮތަށް ޢާންމުކޮށް މިޙުކުމް ރައްދު ކުރެވުން ވަނީ ބަޔާން ކުރެވުނު ކަންތަކުގެ ތެރޭގައެވެ. އެޔާއި ޚިލާފު ކަން ކަމުގައެއް ނޫނެވެ.

ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿وَإِذَا جَآءُوكَ حَيَّوۡكَ بِمَا لَمۡ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِيٓ أَنفُسِهِمۡ لَوۡلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ﴾ (އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. "އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސް ނޭނގެއެވެ.") މިހެންކަމުން މިސަބަބު އުފުލިއްޖެނަމަ، އަދި އަހުލު ކިތާބިއަކު ”سلام عليكم ورحمة الله“ އޭ ބުނެއްޖެ ނަމަ، ސަލާމް ކުރުމުގައި ޢަދުލުވެރިކަން ނިޔާކުރަނީ އޭނާގެ ސަލާމާއި އެއްގޮތް ސަލާމަކުން ޖަވާބު ދިނުމެވެ. އަދި ތަޥްފީޤު ދެއްވަނީ ﷲއެވެ. (އަދި އެއަށް ورحمة الله ލުން މުޠުލަޤުކޮށް މަނާކަމަށް ބައެއް ބޭފުޅުން ޞަރީޙަކުރެއްވިއެވެ.)

މިހިސާބަށް ، އިބްނުލް ޤައްޔިމްގެ ބަސްކޮޅު ”އަޙްކާމު އަހްލިއް ޛިއްމަތި“ (1/425) އިން ނިމުނީ.

[4]

ފަޞްލު: މުޝްރިކުންނާއި މުރުތައްދުން، ސަލާމަށް ރައްދު ދިނުމުގެ ޙުކުމުގެ ތެރޭ ޝާމިލުވުމާއި މެދު

ލަޖްނަތުއް ދާއިމާގެ ފަތުވާ (24/140- 141) ގައި ވެެއެވެ: ”އަދި މުރުތައްދުންނާއި މުޝްރިކުންގެ ސަލާމަށް ރައްދު ދިނުން ޖާއިޒުވެގެން ނުވެއެވެ. އެއީ ރައްދު ދޭން (ވާރިދުވެފައިވާ) އިޛުނައިގައި އެވެރިން ހިމެނިފައި ނުވުމުންނެވެ.

އެހެނަސް މިންބަރުއް ތަޥްޙީދުގެ ލަޖްނާގެ ފަތުވާތަކުގައި ހާމަވާންއޮތީ މިފަރަޤު ގެންނަވާފައި ނުވުމެވެ.

އައްޝެއިޚް އަބޫ މުޙައްމަދު އަލްމަޤްދިސީ ވިދާޅުވިއެވެ: ”... އަދި މުސްލިމް ގައިވާ އިތުރު ރިވާޔަތެއްގައި ވެއެވެ: «إذا لقيتم المشركين فلا تبدؤوهم بالسلام» (ތިޔަބައިމީހުން މުޝްރިކުންނާއި ދިމާވެއްޖެނަމަ، އިސްވެ އެވެރިންނާއި ސަލާމް ނުކުރާ ހުއްޓެވެ!) އަދި މިރިވާޔަތް އަޙްމަދު އެކަލޭގެފާނުގެ ”މުސްނަދު“ ގައި އަދި އަލްބުޚާރީ އެކަލޭގެފާނުގެ ”އަލްއަދަބް އަލްމުފްރަދް“ ގައި ވެސް ރިވާކުރެއްވިއެވެ. އަދި އަޙްމަދުގެ ރިވާޔަތުގައި (٢٦٣/٢) ގައި ވެއެވެ: ”ރާވީންގެ ތެރެއިން ޒުހައިރު ވިދާޅުވިއެވެ: އަހަރެން ސުހައިލު ގާތު ދެންނެވީމެވެ. ”(މުޝްރިކުންނޭ ރިވާޔަތުގައި އެޔޮތީ) ޔަހޫދީންނާއި ނަޞާރާއިން ތޯއެވެ؟“ އެކަލޭގެފާނު ވިދާޅުވިއެވެ: ”މުޝްރިކުންނެވެ.““ އަދި މި ޙަދީޘްގައި މިވާ ބަސްކޮޅަކީ ކުރިން ބަޔާންވެވުނު ދެޙަދީޘަށްވުރެ ޢާންމު ބަސްކޮޅެކެވެ. އެހެންކަމުން މީގެ ތެރެއަށް ކޮންމެ މުޝްރިކެއް ވަދެއެވެ. އެގޮތުން (ﷲ ގެ ޙުކުމް ނޫން ޙުކުމްތައް ހަދައި އުޅޭ) ދުސްތޫރުތަކުގެ އަޅުންނާއި ޤާނޫނީ މުޝްރިކުންވެސް މީގެ ތެރޭއަށް ވަދެއެވެ. މިކަން ތިބާއަށް ދެނެގަނެވިއްޖެނަމަ ދަންނައެ، އެވެރިންނާއި އިސްވެ ސަލާމް ގޮވުމުގެ އަޞްލަކީ ހުއްދަ ނުވުމެވެ. އަދި އެއީ ޙަރާމް ކަމެއް ކަމެވެ. އަދި ޟަރޫރަތެއްގައި މެނުވީ އެކަން ހުއްދަ ނުވުމެވެ... އަދި ޟަރޫރަތަކީ އެކަން ފުދޭ މިންވަރަށް އެކަނި ހިފެއްހެއްޓިގެންވާ އެއްޗެކެވެ. (އަލްއިޝްރާޤާ، ޞ. 67)

ދެން ތަފްޞީލުތަކެއް އޭގައި ގެންނަވައި (ޞ. 80) ގައި ވިދާޅުވިއެވެ: ”ދެންފަހެ، ސަލާމަށް ރައްދު ދިނުމާއިމެދު ދަންނައެ، މިކަމާއިމެދު އަހަރެމެން އިހު ބަޔާން ކުރި ޢިލްމުވެރިންގެ ޤަޥްލުތަކުން ތިބާއަށް ވާނީ އެކަން (ޢާންމު ގޮތެއްގައި ހުއްދަކަން) ދަނެގަނެވިފައެވެ. އަދި މީގައި އޮތް ހިފެހެއްޓުމީ އިސްވެ ސަލާމް ގޮވުމާއި އެއްޗެއް ނޫން ކަމެވެ... އެގޮތުން ޢިލްމުވެރިން ތެރެއިން ބަޔެއް ބޭކަލުން ( أهلاً وسهلاً ) އޭ ރައްދުގައި ބުނުމަށް ހުއްދަ ކުރެއްވި ބޭކަލުން ވިއެވެ. ނުވަތަ (މަރުޙަބާ) އޭ ، ނޫނީ (އުފާވެރި ހެނދުނެކޭ) ނުވަތަ އަތުން އިޝާރާތެއް ކޮށްލުން ނުވަތަ މިފަދަ ކަންކަމެވެ. އެއީ (ސަލާމް) ގޮވާލި މީހާއަށް އެއިން ގުޅުމެއް އުފެދޭ މިންވަރަށެވެ... އަދިކިއެއްހެއްޔެވެ؟ ކާފަރު މީހާގެ ޤަޥްލު ސާފުނަމަ، ސަލާމް ގޮވިފަދައިން ޖަވާބު ދިނުން ޖާއިޒު ކުރައްވާ ބޭކަލުންވެސް ޢިލްމުވެރިން ތެރޭ ހިމެނިލައްވައެވެ. އެއީ ﷲ ގެ މި ވަޙީ ގެ ޢާންމު މާނައިގެ މައްޗަށެވެ: ﴿أو ردوها﴾ އަދި ޢިލްމުވެރިންގެ އިއްތިފާޤުން ރައްދެއްގެ ގޮތުގައި (وعليكم) ޖާއިޒުކަމެވެ. އަދި އެހެންނަކުންވެސް ނޫނެވެ! ބައެއް ޢިލްމުވެރިން ގާތު އެކަން ވާޖިބެވެ. އަދި އަތާއި އަތް ޖޯޑު ކުރުމުގެ ކަންތަކުގައި ދަންނައެ، ދަޢުވަތަށްޓަކައި އެކަމުގައި ލުޔެއް ދިނުމުގައި ގޯހެއް ނުވެއެވެ. އެއީ ޞަރީޙަ ޞައްޙަ ދަލީލެއް އެކަން މަނަޢު ކުރުމަށް - އަހަރެމެންނަށް އެނގޭން ހުރި ތަކެތީގައި - ވާރިދުވެފައި ނުވުމުންނެވެ.“ އަބޫ މުޙައްމަދުގެ ބަސްކޮޅު މިހިސާބަށް ނިމުނީ. (މިއީ މިމައްސަލާގައި އަދި ތަޥްޙީދުގެ މިއާއި ހުރި ގުޅުންތަކާއި ދެފަރާތަށް ހައްދުފަހަނަ އަޅައި ދިޔުމާއި މެދު އިންޒާރު ކުރެއްވުމާއި އެކު ގެންނަވާފައިވާ ދިގު ތަފްޞީލެއް ތެރެއިން (الإشراقة في سؤالات سواقة) މިފޮތުން.)

[5]

މިމައްސަލައާއި ގުޅުން ހުރި ބައެއް ފަތުވާތައް:

(ހ)

ސުވާލު: ޔަހޫދީންނާއި ނަޞާރާއިންނަން އިސްވެ ސަލާމް ގޮވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު:

މިއީ ޢިލްމުވެރިން ގެ ތެރޭ ދެބަސް ވުމެއް އުފެދިފައިވާ މައްސަލައެކެވެ. އަލްއިމާމް އަލްއަޥްޒާޢީ - رحمه الله - ވިދާޅުވެފައިވެއެވެ: ”ތިބާ ސަލާމް ގޮވާނަމަ ދަންނައެ، ފަހެ ޞާލިޙުން ވެސް ސަލާމް ދެއްވޫއެވެ. އަދި ނުދޭނަމަ ދަންނައެ، ފަހެ ޞާލިޙުން ވެސް އެކަން ދޫކުރެއްވޫއެވެ.“

ޞަޙީޙު މުސްލިމް ގައި، ޢަބްދުލް ޢަޒީޒް ބުނު މުޙައްމަދުއް ދަރާވަރްދީ ގެ ސަނަދުން ސުޙައިލު ބުނު އަބީ ޞާލިޙުގެ ގާތުން، އެކަލޭގެފާނުގެ ބައްޕަގެ ގާތުން، އަބޫ ހުރައިރާ އަރިހުން ވާރިދުވެފައި ވެއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «لا تَبدَؤوا اليهود ولا النصارى بالسلام، فإذا لقيتم أحدَهم في طريق فاضطروه إلى أضيقه» (ޔަހޫދީންނަށްވެސް އަދި ނަޞާރާއިންނަށްވެސް އިސްވެ ސަލާމް ނުގޮވާށެވެ. އަދި އެއިން މީހެއް މަގެއް މަތީން ތިބާއާއި ދިމާވެއްޖެ ނަމަ، ހަނި ޖާގައިން ދިޔުމަށް މަޖުބޫރުކުރުވާށެވެ.) (އެބަހީ: އިޙްތިރާމް ކުރުމުގެ ގޮތުން އޭނާއަށް ޖާގަ ނުހެދުމެވެ. އަދި ފުޅާ މަގެއްގެ ހަނި ޖާގައަށް އޭނާއަށް އިޙްތިރާމު ކުރުމުގެ ގޮތުން ނޭރުމެވެ. އަދި ހަނި މަގެއްގައި ނަމަ އިޙްތިރާމް ކޮށް އޭނާ ކުރިން ދިޔުމަށް އެމަގު ނުދެއްކުމެވެ.)

އަދި މިއީ އިސްވެ އަހުލު ކިތާބީންނަށް ސަލާމް ނުގޮވުމުގެ މައްޗަށް އޮތް ދަލީލެކެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން އިޚްތިޔާރު ކުރެއްވީ މިދޭހައެވެ.

މިއާއި އެކުވެސް، އިބްނު ޢައްބާސް އާއި އަބޫ އުމާމަތުގެފާނު އަރިހުން އިސްވެ ސަލާމް ގޮވުމުގެ ޖާއިޒު ކުރެއްވި ކަމުގައި ރިވާވެފައިވެއެވެ.

އަދި އިހުބުނެވުނު ޙަދީޘުގައި ވާ ނަހީ، ބައެއް ޢިލްމުވެރިން ތައުވީލު ކުރެއްވީ، އޭގެ މާނައީ އިސްވެ ސަލާމް ގޮވުމީ ތިބާމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ނޫނޭ އެވެ. އަދި މިއަށް ޖަދަލުވެއެވެ. އެހެނީ އަޞްލަކީ (ޙަދީޘަކުން ނެރެވޭ ޙުކުމް) ހާމަކަމެއް ނެތި ނުއޮތުމެވެ. އަދި މިއީ ޔަހޫދީންނާއި ނަޞާރާއިންނަށް އިސްވެ ސަލާމް ޙަރާމް ކަމަށް ވަރުގަދަޔަށް ދޭހަކުރުވާ ޙަދީޘެކެވެ. ހަމަކަށަވަރުން السلام އަކީ ﷲ تعالى ގެ އިސްމުފުޅު ތަކުގެ ތެރެއިން އިސްމުފުޅެކެވެ. އަދި ޞިފަފުޅެކެވެ. ވީމާ މުސްލިމަކަށް ނޫނީ އެއިން އިސްތިޤްބާލު ކުރުން ނުވެއެވެ.

އަދި ނަބިއްޔު ﷺ ޔަހޫއްޖަކަށްވެސް ނޫނީ ނަޞްރާނީއަކަށްވެސް އިސްވެ ސަލާމް ގޮއްވެވި ކަމަށް ޘާބިތުވެފައި ނުވެއެވެ. އަދި ރަސްރަސްކަލުންނަށް އެކަލޭގެފާނު ފަތްޕުޅު ލިޔުއްވައި ހެއްދެވީ «سلام على من اتبع الهدى» މިހެންނެވެ. (ހިދާޔަތަށް ތަބަޢުވި ބަޔަށް ސަލާމް ހުއްޓެވެ.)

އަދި ކާފަރަކަށް (ނަމުގެ) ލަޤަބެއް ދިނުމުގެ މައްޗަށް މަނަލެއް ނުވެއެވެ. އަދި (އިސްލާމުންގެ) ސަލާމް ނޫން އެއްޗަކުން މުޚާޠަބު ކުރުމަކަށްވެސް މަނަލެއް ނުވެއެވެ. އެވެރިންގެ ދީނަށް ރުހޭ ކަމުގެ ޖުމްލަޔެއް އެކަމުގައި ބޭނުން ނުކުރުމަށް ހުށިޔާރުވާ ޙާލުގައެވެ. އެއީ ބައެއް ޖާހިލުން ކިޔައި އުޅޭ ފަދައިން (متعك الله بدينك) ފަދަ އެއްޗެއް ކިޔުމެވެ. (ތިބާ އުފާފާގަތިކަންމަތީ ތިބާގެ ދީނުގައި ﷲ ލައްވަވާށިއެވެ.)

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ފަތުވާ، މިހިސާބަށް.

(ށ)

މުރުތައްދަކަށް އިސްވެ ސަލާމް ގޮވުމުގެ ޙުކުމަކީ ކޮބައިތޯ؟

ސުވާލު: ޢިއްޒަތްތެރި ޝެއިޚުންނެވެ. އަޅުގަނޑަކީ ލީބިޔާގެ ދަރިވަރަކީމެވެ. އަޅުގަނޑު ބޭނުންވަނީ މުރުތައްދަކަށް އިސްވެ ސަލާމް ގޮވުމުގެ ޙުކުމާއި މެދު އޮޅުން ފިލުވުމަށެވެ. އަދި އިސްވެ ސަލާމް ކުރުމުގައި ނޫނީ ސަލާމަށް ރައްދު ދިނުމުގައި، މުޙާރިބު (މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށް ގަދަހަދާ) މުރުތައްދަކާއި އެނޫން މުރުތައްދަކާއި ފަރަޤެއް ވޭތޯއެވެ؟

ޖަވާބު: بسم الله الرحمن الرحيم الحمد الله أنّ العاقبة للمتّقين و أن لا عدوان إلاّ على الظّالمين و بعد:

ސަލާމް ގޮވުމުގައި އަދި ސަލާމަށް ރައްދު ދިނުމުގައިވެސް ވަރުގަދަ މުރުތައްދު ވުމަކުން މުރުތައްދުވެފައިވާ މީހަކާއި އެނޫން މީހަކާއިވެސް ފަރަޤެއް ނުވެއެވެ. ދެންފަހެ އިސްވެ ސަލާމް ގޮވުމާއި މެދު ދަންނައެ، އެކަމަކީ ކާފަރުންނަށް މުޠްލަޤުކޮށް (އިސްތިޘްނާއެއް ނެތި) ހުއްދަ ކަމެއް ނޫނެވެ. އެއީ އަޞްލު ކާފަރެއް ވިޔަސް ނޫނީ މުރުތައްދު ވުމުގެ ކުފުރުން ކާފަރުވެފައިވާ މީހެއް ވިޔަސް އެވެ. އެހެނަސް މިއީ (އިސްލާމީ) ސަލާމް ނޫން އެހެން ގޮތަކަށް ބަހެއް ބުނުމުގައި ފިޔަވައެވެ. މިގޮތަށް ބަހެއް ބުނުން ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ޝަރުޢު ވެގެންވެއެވެ. މުސްލިމް އެކަލޭގެފާނުގެ ”ޞަޙީޙު“ ގައި އަބޫ ހުރައިރާ رضي الله عنه އަރިހުން މަރްފޫޢުކޮށް ރިވާކުރެއްވިއެވެ: «لا تَبدَؤوا اليهود ولا النصارى بالسلام، فإذا لقيتم أحدَهم في طريق فاضطروه إلى أضيقه» (ޔަހޫދީންނަށްވެސް އަދި ނަޞާރާއިންނަށްވެސް އިސްވެ ސަލާމް ނުގޮވާށެވެ. އަދި އެއިން މީހެއް މަގެއް މަތީން ތިބާއާއި ދިމާވެއްޖެ ނަމަ، ހަނި ޖާގައިން ދިޔުމަށް މަޖުބޫރުކުރުވާށެވެ.)

ދެންފަހެ ސަލާމަށް ރައްދު ދިނުމާއި މެދު ދަންނައެ، ފަހެ ކާފަރެއް ތިބާއަށް ސަލާމް ގޮވައިފިނަމަ، އޭނާ ބޭނުންކުރި ބަސްތައް ވަނީ ދެގޮތުން ކުރެ ގޮތަކަށެވެ. އެހެންޏާ ސާދާ ސާފު ޢިބާރާތެކެވެ. އެހެން ވެއްޖެނަމަ، ތިބާ އޭނާއަށް (و عليكم السّلام) އޭ ބުނެ ސަލާމަށް ރައްދު ދޭން ޖެހޭނެއެވެ. އެ ބަސްކޮޅުގެ ޙައްދަކީ މިއެވެ. އެއަށް ވުރެ އިތުރުކޮށް (و رحمة الله) ލައިގެން ނުވާނެއެވެ. އެހެނީ ﷲ ގެ ރަޙުމަތް ވަނީ ކާފަރުންގެ ފުށުން ނުހަނު ދުރުގައެވެ. އެހެނަސް ތަޥްބާވެ ﷲ އަށް އެބުރިއްޖެ މީހެއް މެނުވީއެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٍ حَسِيبًا﴾ [سورة النساء (٨٦)] (ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.)

ނޫންނަމަ އޭނާ ބޭނުންކުރި ބަސްތައް ވަނީ އޮޅުން ހުރި ނުސާފު ބަސްތަކެކެވެ. އެހިނދު (و عليكم) އޭ ބުނެ ތިބާ އެއަށް ރައްދު ދިނުން ވެއެވެ. އަދި މި ބަސްކޮޅަށް ވުރެ އިތުރުކޮށްގެން ނުވާނެއެވެ. އަލްބުޚާރީ އެކަލޭގެފާނުގެ ”ޞަޙީޙު“ ގެ كتاب الأدب ގައި، ޢުރުވަތު ބުނުއް ޒުބައިރުގެ އަރިހުން ރިވާކުރެއްވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ޔަހޫދީންގެ ބައިގަނޑެއް ރަސޫލު ﷲ ﷺ ގާތަށް އައެވެ. އަދި އެއުރެން السام عليكم އޭ ގޮވިއެވެ. (އޭގެ ބަސްކޮޅު ސަލާމް އިން ސާމް އަށް ، އެބަހީ: މަރަށް ބަދަލުކޮށް އޮޅުވައިގެނެވެ.) ޢާއިޝަތުގެފާނު ވިދާޅުވިއެވެ: ތިމަން ކަމަނާއަށް އެކަން ދެނެގަނެވުނެވެ. އަދި ތިމަންކަމަނާ ބުނީމެވެ: وعليكم السام واللّعنة (އަދި ކަލޭމެންނަށް މަރާއި ލަޢުނަތް ހުއްޓެވެ.) އެކަމަނާ ވިދާޅުވިއެވެ: އެހިނދު ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «مهلاً يا عائشة، إنّ الله يحب الرفق في الأمر كلّه» (އޭ ޢާއިޝާއެވެ. ހަމަޖެހޭށެވެ. ހަމަކަށަވަރުން އެންމެހާ ކަމެއްގައިވެސް މަޑުމޮޅިކަމަށް ﷲ ލޯބިވެ ވޮޑިގަންނަވައެވެ.) އެހިނދު ތިމަންކަމަނާ ދެންނެވީމެވެ: އެމިހުން އެކީއެއްޗެއް ކަލޭގެފާނު އަޑުނާއްސަވަމުތޯއެވެ؟ އެހެންކަމުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «قد قلت: وعليكم» (ތިމަންކަލޭގެފާނު އޭގެ ރައްދުގައި، وعليكم އޭ ވިދާޅުވެއްޖައީމެވެ.)

و الله أعلى و أعلم.

ޖަވާބުދެއްވީ، މިންބަރުގެ ޝަރުޢީ ލަޖުނާގެ މެންބަރު،

އައްޝެއިޚް އަބޫ ޙަފްސް ސުފްޔާން އަލްޖަޒާއިރީ

ފަތުވާ ނަންބަރު: 1032

(ނ)

ދަޢުވަތުގެ މަޞްލަޙަތަށްޓަކައި އޭޭ ބުނެ، ކާފަރުންނާއި ސަލާމް ގޮވުމުގެ ޙުކުމް

މިންބަރުއް ތަޥްޙީދުގައިވާ ދިގު ފަތުވާއެއްގައި، މިމައްސަލާގައި (ކުރިންވެސް އިޝާރާތް ކުރެވުނު) އައްޝެއިޚް އަބޫ މުޙައްމަދު އަލްމަޤްދިސީގެ ފަތުވާ ޚުލާޞާ ކުރެއްވުމަށްފަހު، އައްޝެއިޚް އަބޫ އުސާމާ އައްޝާމީ ވިދާޅުވިއެވެ:

”..އިހުބަޔާންވެވުނު ތަކަތީގެ މައްޗަށް، ތިބާގެ ސުވާލު (ކާފަރުންނާއި ހިތް އެކުވެރިކޮށް، ދަޢުވަތު ދިނުމުގެ ގޮތުން ސަލާމް ގޮވުމާއި އަތާއި އަތްޖޯޑުކުރުން ހުއްދަތޯއޭ) ގެ ޖަވާބު ޙާޞިލުވެއެވެ.

އަހަރެމެން ބުނަމެވެ: ކާފަރަކާއި އެކު އޮތް ގުޅުމަކީ ދަޢުވަތާއި (ދީން) ބަޔާން ކޮށްދިނުމުގެ މައްޗަށް އޮތް ގުޅުމެއް ނަމަޔަސް، ފަހެ އިސްވެ ސަލާމް ގޮވުމަކީ ތިބާއަށް އެނގޭން އޮތް ފަދައިން ނަބިއްޔު ﷺ އަރިހުން ޞަރީޙަކޮށް ނަހީ އައިސްފައިވާ ކަމެކެވެ. އަދި އަހަރެމެން (ފިޤުހީ އުޞޫލުތަކުން) މިކަމުގައި ކަނޑައަޅާ ގޮތަކީ، ބަލިކަށިކަމުގެ ޙާލަތުގައި އޮޅުވައިލުމުގެ ލުއިގެ މައްޗަށް ބަލައި، މިކަންތަކުގައި ޖާގަ ފުޅާކުރުން ކަމުގައި ވިޔަސް، ދީނުގެ ކަންކަން ހަމަޔެއް ނެތި ޒަމާނަށް ބަދަލުކުރުމާއި ބުއްދީގެ މައްޗަށް ބަދަލު ކޮށް ނުވަތަ މިޒަމާނުގެ މީސްތަކުންގެ ބަހުރުވައިން ނަމަ ”ދަޢުވަތުގެ މަޞްލަޙަތަށްޓަކައި“ އޭ ބުނެ ބަދަލުކުރުމުގެ ކަންތަކުގައި އަހަރެމެން ހަރުކަށިވެ ޖާގަ ހަނިކުރަމެވެ. އެހެނީ އަހަރެމެންނަށް ވުރެ ދަޢުވަތާއި އޭގެ މަޞްލަޙަތަށް ހުށިޔާރު ބޭކަލެއް (ލޮބުވެތި ނަބިއްޔާ) އެއަށްޓަކައި މިކަމަށް ލުއި ނުދެއްވައެވެ. صلوات الله وسلامه عليه. އަދި މިކަމުހައި އަހަރެމެން ޖާގަ ތަނަވަސް ކުރަނީ، އަހަރެމެންގެ ބަލިކަށިކަމުގެ ތެރޭގައި އިޚްތިޔާރު ކުރެވޭން އޮތް، (( الضرورات تبيح المحظورات )) (ޟަރޫރަތުގެ ސަބަބުން މަނައުތައް ހުއްދަވެޔޭ) އޮތް ފިޤުހީ ޤަވާޢިދާއި، (( إذا ضاق الأمر اتسع )) (ކަމެއް ބުރަބޮޑުވެ ނުތަނަވަސްވެއްޖެނަމަ އެއަށް ފުދޭ ވަރަށް ތަނަވަސް ކުރުމަށް) އޮތް އުޞޫލުތަކުގެ މައްޗަށް ހިފަހައްޓައެވެ.

އިތުރުއެކަލޭގެފާނުން މިކަމުގައި ދެއްކެވި ނަމޫނާއަކީ އެކަލޭގެފާނުގެ އެބަޔަކަށް ދަޢުވަތު ދެއްވާ ބަޔަކަށް «السلام على من اتبع الهدى» (ހިދާޔަތަށް ތަބަޢަ ވެއްޖެ މީހަކަށް ސަލާމް ހުއްޓޭ) މިހެން ވިދާޅުވެ މުޚާޠަބު ކުރެއްވުމެވެ. އެއީ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރެއްވި، ހިރަޤަލް އަށް ނަބިއްޔު ﷺ ފޮނުއްވެވި ސިޓީފުޅުގައި ދެލިކުރެއްވި ފަދައިންނެވެ... [އަދި މިއީ ޤުރުއާނުގައި ވާފަދައިން މޫސާގެފާނާއި ޙާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންނެވި އިރު އެދެބޭކަލުން މުޚާޠަބު ކުރެއްވި އަދި އަމުރުވެވުނު ބަސްފުޅެކެވެ.]

[އަދި ސަލާމަށް ޖަވާބު ދިނުމާއި މެދު އަލްމަޤްދިސީ ގެ ބަސްކޮޅު އަހަރެމެން އިހު ގެނެވިފައިވާނެއެވެ.]

ޚުލާޞާއަކީ: ނަޞާރާއިންނަށް (އަދި ކާފަރުންނަށް) އިސްވެ ސަލާމް ގޮވުން ތިބާއަށް ހުއްދަވެގެން ނުވާކަމެވެ. އެހެނަސް "އުފާވެރި ހެނދުނެކޭ" ނުނޫ "أهلا وسهلا" އޭ ބުނެވިދާނެއެވެ. އަދި އެވެރިން ސަލާމް ގޮވައިފިނަމަ ތިބާއަށް ވަނީ وعليك ނޫނީ ޢިލްމުވެރިން ގެ އިޚްތިލާފު އޮތުމާއި އެކުވެސް وعليك السلام އޭ ރައްދުގައި ބުނުމެވެ. އަދި އެކަމުގައި ދަޢުވަތުގެ ނޫނީ އެނޫން ކަމެއްގެ މަޞްލަޙަތެއް ތިބާއަށް ފެންނަ ނަމަ އޭނާގާތަށް (މީހެއް ނިޔާވުމުގެ ސަބަބުން) ތަޢުޒިޔާ ކިޔުމަށް ޒިޔާރަތް ކުރެވިދާނެއެވެ. އެހެނަސް އެއީ ތަޢުޒިޔާގެ ތެރޭގައި އޭނާއަށް ރަޙްމަތް ނުވަތަ މަޣްފިރަތް ލެއްވުން އެދި ދުޢާ ނުކުރާ ގޮތުގައެވެ.

والله أعلم.

ޖަވާބުދެއްވީ، މިންބަރުގެ ޝަރުޢީ ލަޖުނާގެ މެންބަރު،

އައްޝެއިޚް އަބޫ އުސާމާ އައްޝާމީ

ފަތުވާ ނަންބަރު: 841

(ރ)

އިސްލާމްވެބް ގެ ފަތުވާ ނަންބަރު 6067 ގައި ، ކާފަރުންނަށް ސަލާމް ގޮވުމާއިމެދު ވެއެވެ:

”...އަދި (މިއެންމެހާ ތަކެތީގެ މައްޗަށް ބަލައި) ފާޅުވާން އޮތް އެއްޗަކީ، އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ — އެއީ ދާރުލް އިސްލާމެއް ގައި މުސްލިމެއް ވާނަމަ އިސްވެ އެވެރިނަށް ސަލާމް ގޮވުން އޭނާގެ މައްޗަށް ޙަރާމް ވެގެންވާ ކަމެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މި ޙަދީޘްފުޅުގެ މައްޗަށެވެ. «لا تبدؤوا اليهود والنصارى بالسلام..» (ޔަހޫދީންނާއި ނަޞާރާއިންނަށް ތިޔަބައިމީހުން އިސްވެ ސަލާމް ނުގިވާހުއްޓެވެ...) އަދި އަޥްލާވެގެންވާ ގޮތުގެ މައްޗަށް ބަލާއި އިރު (ޔަހޫދީންނާއި ނަޞާރާއިންނާއި ޚިލާފަށް ޛިންމީންގެ ޙުކުމް ނުލިބޭ) އެނޫން ކާފަރުންނަށް އެކަން މާ އަޥްލާވެގެން ވެއެވެ. ޙަރާމެވެ. އެހެނަސް މުސްލިމު މީހާ ދާރުލް ކުފުރެއްގެ ތެރޭގައި ހުރެ، ސަލާމް ނުގޮވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ދިފާޢުވުމަށް ނޫނީ ޙިމާޔަތްވުމަށްޓަކައި މެނުވީއެވެ. އެހިނދުގައި އޭނާ (އެޒަރޫރީ މިންވަރަށް) ރައްދުގައިވެސް އަދި އިސްވެވެސް ސަލާމް ދިނުން ހުއްދައެވެ. އަދި އަޥްލާކަން ބޮޑީ ސަލާމާއި އެއްފަދަ އެނޫން އެހެން ޖުމްލައެއް ބުނުމެވެ. والله أعلم.“

~ ގަލަންދާނު