بسم الله الرحمن الرحيم. الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
ނޯޓް: ތިރީގައި މިގެނެވޭ ތަރުޖަމާ އަކީ އިމާމް މުޙައްމަދު އިބްނު ޢަބްދުލް ވައްހާބުގެ ((شروط الصلاة وأركانها وواجباتها)) އަދި އޭގެ މައްޗަށް އިބްނު ބާޒް ލިޔުއްވި ތަފްޞީލު ނޯޓުތަކުންނެވެ. ދެން މީގެ އިތުރަށް އައްޝެއިޚް އިބްނު ޢުޘައިމީން ގެ ދަރުސް ތަކުން ނެގިފައިވާ ބައެއް ނުކުތާ ތަކެއް އެއްކުރެވިފައިވާނެއެވެ. އިބްނު ޢަބްދުލް ވައްހާބުގެ ބަސްކޮޅު ވާނީ ވަކިވާހެން ފާހަގަ ކުރެވިފައެވެ. (ބަސްކޯޅި-ގޮޅި ތެރޭގައެވެ.) އޭގެ ދަށަށް ގެންނަ ދެޝެއިޚުންގެ ބަސް ކުރެން ކޮންމެ ބަހެއް ފެށުމުގައި ނަންގެނެވިފައިވާނެއެވެ. ނަން ނުގަނެވި (ބުރެކެޓު ތެރޭ ދަނބުކުލައިން) ހުރެއްޖެ ޖުމްލައަކީ އަހަރެންގެ ތަފްޞީލެކެވެ.
މިރިސާލާތް ބިނާވެފައިވާ ޙަދީޘް
ނަބިއްޔު ﷺ އަރިހުން އައްތަޙިއްޔާތާއި މެދު އައިސްފައިވާ އެންމެ މަޝްހޫރު ޙަދީޘަކީ ޢަބްދު ﷲ އިބްނު މަސްޢޫދު ގެ ޙަދީޘެވެ. އަދި އެއީ ދެބަސްވުމެއްނެތި ރަސޫލު ﷲ ﷺ އަރިހުން ވާރިދުވައިފާ އެންމެ ޞައްޙަކަން ބޮޑު އަދި އެންމެ މަޝްހޫރު އައްތައްޙިއްޔާތެވެ. އެއީ:
«التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُه»
މާނައީ: “އެންމެހާ މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އަދި ހުރިހާ އަޅުކަމަކާއި ރަނގަޅު ކަމެއްވެސް ވަނީ އެއިލާހަށެވެ. އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް ސަލާމަތާއި، ﷲގެ ރަޙުމަތާއި، ބަރަކާތް ލައްވާށިއެވެ. އަދި އަޅަމެންނަށާއި ﷲގެ އެންމެހާ ޞާލިޙު އަޅުންނަށް ސަލާމަތްކަން ލައްވާށިއެވެ. ހަމަކަށަވަރުން ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި އެއިލާހުގެ ރަސޫލާކަމަށް މިއަޅާ ހެކިވަމެވެ.”
މައިގަނޑު: ނަމާދާއި ބެހޭ ރިސާލާތުގެ ތެރެއިން ”އައްތަޙިއްޔާތު“ ގެ ބަސްތަކުގެ މާނަ އާއި އޭގެ ތަފްޞީލް:
[1]
«التحيات» ގެ މާނައީ: އެންމެހާ މަތިވެރިކުރުމެއް ވަނީ ﷲ މިލްކުވެ ޙައްޤުވެ ވޮޑިގެން ކަމެވެ. މިޘާލަކަށް: އެފަރާތަކަށް ގުދުވުމާއި އެފަރާތަކަށް ރުކޫޢު ކުރުމާއި، އެފަރާތަކަށް ސަޖިދަ ޖެހުމާއި، ދެމިވޮޑިގެންވުމާއި އަދި ދާއިމީވަންތަ ކަމާއި، އަދި އެނޫންވެސް ޢާލަމްތަކުގެ ވެރި ރައްބު އެއަކުން މަތިވެރި ކުރެވޭ އެންމެ އެއްޗަކީ ﷲ އަށް އެކަނި (ޙައްޤުވެގެންވާ) އެއްޗެއް ކަމެވެ. މިއިން އެއްވެސް އެއްޗެއް ﷲ ނޫން ފަރާތަކަށް އަނބުރައިފި މީހަކީ ކާފިރުވެފައިވާ މުޝްރިކެކެވެ.
އިބްނު ބާޒު ވިދާޅުވިއެވެ:
މިތާނގައި ”«التحيات» އޭ“ އެބަހީ: އަރަހުށިކަން ވަނީ ﷲ އަށް މިލްކުވެ ޙައްޤުވެ ވޮޑިގެން ކަމެވެ. މިޘާލަކަށް: އެފަރާތަކަށް [އަޅުވެތިވުމަށް] ގުދުވުމާއި އެފަރާތަކަށް ރުކޫޢު ކުރުމާއި، އެފަރާތަކަށް ސަޖިދަ ޖެހުމާއި، (އެފަރާތެއްގެ) ދެމިވޮޑިގެންވުމާއި ދާއިމީވަންތަކަން [ކަށަވަރުކުރުން] — މިއީ ހައްތަހާވެސް އަޅުކަން ތަކެވެ. ވީމާ އަޅުވެތިވެ ﷲ ނޫން ފަރާތަކަށް ރުކޫޢު ކޮށްފި މީހަކީ ނޫނީ ސަޖިދަ ޖަހައިފި މީހެއް އެކުޅައީ ބޮޑު ޝިރުކެވެ. نسأل الله العافية. ނުވަތަ ﷲ ނޫން ފަރާތެއް ދާއިމީވަންތަވެ ވޮޑިގެންވާނޭ ކަމަށް މީހަކު އިޢުތިޤާދު ކުރަނީނަމަ، އަދި ދާއިމީ މަޚްލޫޤުން ވާކަމަށް ދެކޭނަމަ އެބަހީ: އެއެއްގައި ފެށުމެއް އަދި ނިޔަލެއް ވެސް ނުވާކަމުގައި ދެކުމެވެ. [މިއީ ހައްތަހާވެސް ބޮޑު ޝިރުކެވެ.] އެހެނީ ދާއިމީވަންތަ ވޮޑިގެންވުން ވަނީ ﷲ سبحانه وتعالى އަށް އެކަންޏެވެ. ﴿هو الأول والآخر﴾ (އެކަލާނގެއީ އެންމެ ފުރަތަމައެވެ. އެކަލާނގެއަށްވުރެ ކުރިން އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އެންމެ ފަހެވެ. އެކަލާނގެއަށްވުރެ ފަހުން އެކައްޗެއްވެސް ނުވާނެއެވެ.) އަދި އެއިލާހު جل وعلا އަށް ދެމިވޮޑިގެން ވުމުގެ ޞިފަފުޅު ވެއެވެ. ދެންފަހެ ޖަންނަތުގެ އަހުލުންނާއި މެދު ދަންނައެ، އެވެރިންނީ ޚަލްޤު ކުރެވުނު ބަޔެކެވެ. އަދި އެވެރިން ”ދެމިތިބުން“ ވަނީ އެއަށް ފަހުގައެވެ. އަދި ނަރަކައިގެ އަހުލުންވެސް ވަނީ މިބީދައިންނެވެ. އެވެރިން ޚަލްޤު ކުރެއްވުމުގެ ކުރިން، އެވެރިންނެއް ނުވެއެވެ. ދެން އެވެރިންގެ ޢަމަލުތަކުގެ ސަބަބުން އެވެރިން ނަރަކައަށް ލެއްވެވުނެވެ. އަދި (ޖަންނަތުގެ އަހުލުން) ޖަންނަތަށް ލެއްވެވެނީ ވެސް އެވެރިންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން އެވެރިންގެ ”ދާއިމީ“ ކަމަކީ އަޅައިކިޔާއިރު އައު ދާއިމީ ކަމެކެވެ. އަދި އެވެރިން ދާއިމީވުން ވަނީ ﷲ سبحانه وتعالى އިޛުނަފުޅާއި އެކުގައެވެ. އެއީ ޖަންނަތުގެ އަހުލުންނަށް އެއިލާހުގެ ފަޟްލުވަންތަ ކަމުންނެވެ. އަދި ނަރަކައިގެ އަހުލުންނަށް އެއިލާހުގެ ޢަދުލުވަންތަ ވޮޑިގަތުމުންނެވެ. نسأل الله العافية.
[2]
އަދި «الصلوات» އޭގެ މާނައީ: އެންމެހާ ދުޢާ ތަކެކެވެ. ބުނެވެއެވެ: ⌝ފަރުޟު⌜ ފަސް ނަމާދެވެ.
އިބްނު ބާޒު:
«الصلوات» ގެ މާނައީ: އެންމެހާ ނަމާދު ތަކަކާއި (ފަރުޟު) ފަސްނަމާދާއި ދުޢާތަކެކެވެ. ފަރުޟާއި ނަފުލާއި އެ އެންމެހާ ބާވަތެއް އޭގެ ތެރެއަށް ވަދެއެވެ. އެ އެންމެހާ ތަކެއްޗަކީ ﷲ އަށްޓަކައިވާ އެކަނި ވާ ތަކެއްޗެވެ.
[3]
އަދި «الطيبات لله» : (އެންމެހާ ރަނގަޅުކަމެއް ވަނީ ﷲ އަށެވެ.) الله އަކީ طيب އިލާހެވެ.
(އެބަހީ: އެންމެހާ ނުކުޅެދުމަކުން އަދި ކުށާއި ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވާ، ޠާހިރުވަންތަ މުޤައްދަސް (މާތްކަންބޮޑު) ފަރާތެވެ. އަދި އެއިލާހުގެ ޛާތުފުޅުގައި (މިބުނެވުނު މާނައިގައި) އެއިލާހު ޠައްޔިބެވެ. ޞިފަފުޅުތަކުގައި ޠައްޔިބެވެ. އަދި ޢަމަލުފުޅުތަކުގައި ޠައްޔިބެވެ.)
އަދި ޤަޥްލެއްގައި ވިޔަސް ޢަމަލެއް ގައި ވިޔަސް ރަނގަޅު އެއްޗެއް މެނުވީ އެއިލާހު ޤަބޫލުވެވޮޑި ނުގަންނަވައެވެ.
އިބްނު ބާޒު:
އަދި «الطيبات» ތައް ވަނީ ﷲ އަށްޓަކައެވެ. ޤަޥްލުން ބުނާ ތަކެއްޗާއި ޢަމަލުން ކުރާ ކަންތައްތައް ވެސް މެއެވެ. އެ އެންމެހާ ތަކެއްޗަކީ ﷲ އަށްޓަކައި އެކަނި ވާ ތަކެއްޗެވެ.
[4]
«السلام عليك أيها النبي ورحمة الله وبركاته» ނަބިއްޔު ﷺ އަށް ސަލާމަތްކަމާއި ރަޙުމަތަށާއި ބަރަކާތަށް ދުޢާކުރުމެވެ. ވީމާ ދަންނައެ، ތިބާ އެފަރަތާކަށް ޓަކައި ދުޢާ ކޮށްދޭ ފަރާތަކީ، ﷲ އާއި އެކު (ޝަރީކަކަށް ހަދައި) އެފަރާތަކަށް ދުޢާ ކުރެވިގެންވާނޭ ފަރާތެއް ނޫނެވެ.
އިބްނު ބާޒު:
ދަލީލުން މާނަ ކުރެއްވި ދޭހައަކީ ވަރުގަދަވެގެންވާ ދޭހައެކެވެ. އެހެނީ އެފަރާތަކަށްޓަކައި ދުޢާ ކޮށްދެވޭ ފަރާތަކީ ޙާޖަތަށް ޖެހިފައިވާ ފަރާތެކެވެ. ވީމާ ﷲ އާއި ޝަރީކުކޮށް އެފަދަ ފަރާތަކަށް ދުޢާކުރެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟
އިބްނު ޢުޘައިމީން ވިދާޅުވިއެވެ:
«السلام عليك أيها النبي» ސަލާމަތްތެރިކަން ކަލޭގެފާނަށް ލައްވާށިއޭ، އެބަހީ ﷲ ގެ އަމާންކަން ކަލޭގެފާނަށް ލައްވާށިއޭ އެވެ. އެއީ އެންމެހާ ނުބަޔަކުން ކަލޭގެފާނަށް ﷲ އަމާންކަން ދެއްވުމެވެ. ސަލާމަތްކަން ދެއްވުމެވެ. ރައްކައުތެރިކުރެއްވުމެވެ. އަދި ކަލޭގެފާނުގެ ޝަރީޢަތަށްވެސް އެންމެހާ ނުބަޔަކުން ސަލާމަތްތެރިކަން ދެއްވުމެވެ. އެހެނީ ރަސޫލު عليه الصلاة والسلام ގެ ޝަރީޢަތަށް ސަލާމަތްތެރިކަން ލިބުމީ އެކަލޭގެފާނަށް އޮތް ސަލާމަތެކެވެ. އަދި ޝަރީޢަތަށް ސާލާމަތްތެރިކަން ލިބުމީ އެކަލޭގެފާނަށް އޮތް ސަލާމަތް ތެރިކަމެއް ގޮތުގައި ދައްކުވައިދޭ ދަލީލަކީ، މީހަކު ވާހަކައެއް ދައްކައިފިނަމަ، އެވާހަކައަށް މީސްތަކުން އެއްޗެހިގޮވާހިނދު، އެވާހަކައަށް އެއްޗެހި ގޮވުމުން އެއްޗެހި އެގޮވެނީ ކޮން ފަރާތަކަށް ހެއްޔެވެ؟ އެވާހަކަ ދެއްކިފަރާތަށެވެ. އެހެންކަމުން ތިބާ السلام عليك أيها النبي އޭ ބުނުމުން، ތިބާ ތިދުޢާ ކުރަނީ ﷲ އަށް އިތުރުއެކަލޭގެފާނަށް ސަލާމަތްރައްކާތެރިކަން ދެއްވުމަށެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ޝަރީޢަތަށްވެސް ސަލާމަތްރައްކާތެރިކަން ދެއްވުމަށެވެ. އެންމެހާ ނުކުޅެދުމާއި ޢައިބަކުން ސަލާމަތްތެރި ކުރެއްވުމެވެ.
އަދިވެސް އިބްނު ޢުޘައިމީން ވިދާޅުވިއެވެ:
މިޘާލަކަށް މީހަކު ބުނެފާނެއެވެ: ނަބިއްޔު ﷺ ވަނީ އެންމެހާ ގެއްލުމަކުން ސަލާމަތް ކުރައްވައިފައި ނޫން ހެއްޔެވެ؟ ޖަވާބަކީ: ޝައްކެތް ނެތެވެ. އާއެކެވެ. އެހެނަސް ބައެއް ފަހަރު އެކަލޭގެފާނަށް ގެއްލުންތައް ކުރިމަތިވެއެވެ. ޤިޔާމަތް ދުވަހުން އައްޞިރާޠު މަގު ދޮށުގައި ރަސޫލު ބޭކަލުން ތިއްބަވާ اللهم سلّم އޭ ދުޢާ ދަންނަވަނީ މިސަބަބަށްޓަކައެވެ. ވީމާ މިއީ އެކަމަށް އެކަލޭގެފާނަށް ކުރިމަތިވާ އެއްކަމެވެ.
ދެވަނައީ: އެކަލޭގެފާނުގެ މައްޗަށް އައިސްދާނެ ގެއްލުމެއް ނޫނީ ޢުދުވާނަކުން ސަލާމަތްކޮށްދެއްވުމެވެ. އެއީ އެކަލޭގެ ފާނުގެ ޤަބުރުކޮޅަށް މީހަކު ދީފާނޭ ގެއްލުމަކުންނެވެ. އަދި މިކަން ހިނގާފައިވެސް ވެއެވެ. އެއީ މުލްޙިދުން ތެރެއިން މީހަކު އެކަލޭގެފާނު ﷺ ގެ ހަށިކޮޅު ނެގުމަށް އެއާއި ހަމަޔަށް ދާން އުޅުނު ޙާދިޘާގައެވެ. ނަންގަނެވިފައިވާ ގޮތުން ޚަލީފާއިން ކުރެ ބޭކަލަކަށް ވެރިރަށުގައި ހުންނަވަނިކޮށް ހުވަފެނެއްގައި ދެމީހަކު އެމާތް ހަށިކޮޅާއި ހަމަޔަށް ޚަންދަޤެއް ކޮނެގެން ދާން އުޅޭތަން ފެނިވަޑައިގަތެވެ. އަދި ތަކުރާރުކޮށް މި ހުވަފެން ފެނިވަޑައިގެން އެކަމާ ނުހަނު ކަންބޮޑުވެވަޑައިގެން ބިރުފުޅުވަޑައިގެން ވެރިރަށުން މަދީނާއަށް ޚުދު އެކަލޭގެފާނު ދަތުރު ކުރެއްވިއެވެ. ދެން ވިދާޅުވިއެވެ: މިސްކިތުގައި ނުވަތަ މަދީނާގައިވާ އެންމެން ތިމަންކަލޭގެފާނުގެ ގާތަށް އެއްކުރާށެވެ. ދެން އެބައިމީހުން އެއްކުރެވި، އޭގެތެރެއިން ހުވަފެނުގައި ފެނުނު ނޫނީ ޞިފަކުރެވުނު އެކަކުވެސް ފެނިވަޑައި ނުގަތެވެ. ދެން ވިދާޅުވިއެވެ: މަދީނާގެ މީސްތަކުން ޙާޟިރުކުރާށެވެ. އެވެރިން ދެންނެވޫއެވެ: މިސްކިތުގައި ތިބި ބީރައްޓެހި ދެމީހެއް މެނުވީ ދެން ނުވެއެވެ. ވިދާޅުވިއެވެ: އެދެމީހުން ތިމަން ގާތަށް ގެންނާށެވެ. އެދެވެރިން ގެނެވުނި ހިނދު އެއީ ހުވަފެނުގައި ޞިފަވި ދެމީހުންކަން އެނގުމުން، އެދެވެރިން ހައްޔަރުކޮށް ތަޙުޤީޤުކުރެއްވިއެވެ. އެދެވެރިން ދިޔައީ ރޭގަނޑު ގަޑީގައި ދުރު ތަނަކުން ޚަންދަޤެއް ކޮންނަމުންނެވެ. އަދި ދުވާލުގަޑީގައި އައިސް ތިބެނީ މިސްކިތުގައެވެ. ދެން ޤަބުރުކޮޅުގެ ވަށައިގެންވާ ބިން ހިލަފަރުބަދަޔާއި ޖެހެންދެން ކޮނެ އެދެމެދަށް ލޮއެ ވިރުވައި އަޅަން އަމުރުކުރެއްވިއެވެ. އެއީ މީހަކަށް އެހަށިކޮޅު ނުފެންނާނޭ ހެންނެވެ. މިއީ ﷲ تعالى ޙަޟުރަތުން ނަބިއްޔު صلى الله عليه وعلى آله وسلم އަށް ލެއްވޭ ޙިމާޔަތުގެ ތެރެއިންވީ ކަމެކެވެ.
އަދިވެސް ވިދާޅުވިއެވެ:
މިތާނގައި ނަމާދަށް ހުންނަމީހާ «السلام عليك أيها النبي» (ސަލާމަތްތެރިކަން ކަލޭގެފާނަށް ލައްވާށިއޭ) ”ކަލޭގެފާނަށޭ“ ބުނެ މުޚާޠަބު ކުރެވޭ ގޮތަށް ބަސް ބުނުމުގެ ކަންތަކުގައި ދެގޮތަކުން މައްސަލައެއް އެބަ ނިކުމެވެ:
ފުރަތަމަ ގޮތަކީ: އާދަމުގެ ދަރިޔަކައި މުޚާޠަބު ކުރުން ނަމާދުގެ ތެރޭގައި ޞައްޙަވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އެހެނީ ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ:
«إن هذه الصلاة لا يصلح فيها شيء من كلام الآدميين»
(އާދަމުގެ ދަރީންނާއި ވާހަކަ ދެއްކުމުގެ އެއްވެސް ކަމެއް މި އަހަރެމެންގެ ނަމާދުގެ ތެރޭގައި ކުރުން ޞައްޙަވެގެން ނުވެއެވެ.)
ދެވަނަ މައްސަލައަކީ: އެކަލޭގެފާނަށް އިވިވަޑައިނުގަންނަވާނޭ ހިސާބުގައި މާދުރުގައި އެކަލޭގެފާނު ވަނިކޮށް އެކަލޭގެފާނާއި މުޚާޠަބުކުރުން ޞައްޙަވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
ދެންފަހެ ފުރަތަމަ މައްސަލަ އާއިމެދު ދަންނައެ، އަހަރެމެން ބުނަމެވެ: ހަމަކަށަވަރުން ”އާދަމުގެ ދަރީންނާއި ވާހަކަ ދެއްކުމުގެ އެއްވެސް ކަމެއް މި އަހަރެމެންގެ ނަމާދުގެ ތެރޭގައި ކުރުން ޞައްޙަވެގެން ނުވޭ“ އޮތް ޙަދީޘުގެ ޙުކުމް އިން، ނަބިއްޔު ﷺ އާއި މުޚާޠަބު ކުރުން ވަނީ މި އިސްތިޘްނާކުރެވިފައެވެ. އަދި ނަމާދު ކުރާމީހާ މުޚާޠަބު ކުރުމަށް (ޢަރަބި ބަހުން ތިބާ ނުވަތަ ކަލެއޭ ބުނެވޭ) ك ގެންނަހިނދު، އެއީ ﷲ ނޫނީ އެއިލާހުގެ ރަސޫލު ފިޔަވައި ފަރާތެއް ނަމަ އެމީހެއްގެ ނަމާދު ބާޠިލުވާނޭ ކަމަށާ ޢިލްމުވެރިން ވިދާޅުވަނީ މިސަބަބަށްޓަކައެވެ.
ތިބާ ނަމާދަށް ހުއްޓައި މީހާކު އައިސް ސަލާމް ގޮވައިފި ނަމަ، އޭގެ ރައްދުގައި، عليكم السلام އޭ ތިބާ ބުނެފިއްޔާ، ތިބާގެ ނަމާދު ވަނީ ބާޠިލުވެފައެވެ. ބާޠިލުވާނޭ ކަމުގެ ޙުކުމަށް ޖާހިލު އެކަން ރޯނުފިލައި ހުރި މީހެއް ފިޔަވައެވެ.
ދެވަނަ މައްސަލައިގެ ޖަވާބު: ދެވަނަ މައްސަލައަކީ ކޮބައިހެއްޔެވެ؟ ނުފެންނަ ތަނުގައި އަޑުނީވޭ ހިސާބުގައި އެކަލޭގެފާނު ވަނިކޮށް އަހަރެމެން އެކަލޭގެފާނާއި މުޚާޠަބު ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަދި ކިއެއްތަ އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި މުޚާޠަބު ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އެކަލޭގެފާނު عليه الصلاة والسلام އަކީ މައްޔިތެކެވެ. މީގެ ޖަވާބަކީ: އަހަރެމެން އެކަލޭގެފާނާއި ކުރާ މި މުޚާޠަބު އެކަލޭގެފާނަށް ފޯރުކޮށްދެވެއެވެ. އެހެނީ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
«سلموا علي فإن تسليمكم يبلغني أينما كنتم»
(ތިމަންކަލޭގެފާނަށް ސަލާމް ކަލޭމެން ދަންނަވާށެވެ. އެހެނީ ހަމަކަށަވަރުން ކަލޭމެން ކޮންމެތާކު ވިޔަސް ކަލޭމެންގެ ސަލާމް ތިމަންކަލޭގެފާނަށް ފޯރުކޮށްދެވޭނެއެވެ.)
ވީމާ ތިބާ އެކަލޭގެފާނަށް ސަލާމް ދަންނަވައިފިނަމަ، ތިބާގެ ސަލާމް ތިބާ ކޮންމެ ތާކު ވިޔަސް އެކަލޭގެފާނަށް ފޯރުކޮށްދެވޭނެއެވެ. އަދި އެކަލޭގެފާނަށް މިގޮތަށް މުޚާޠަބުކުރުމުން، ސަލާމް ދަންނަވާ ހިނދު ތިބާ ޙާޟިރުވެހުރުން ބާރުގަދަވެ ގާތް ކޮށްދެއެވެ. އެއީ ދުރުގައި ވިއެއްކަމަކު އެކަލޭގެފާނު ތިބާގެ ގާތުގައި ކައިރީގައި ޙާޟިރުވެ ހުންނެވި ފަދައިންނެވެ.
ދެން އޮތީ «...أيها النبي ورحمة الله وبركاته» ސަލާމަތް ކަމާއި އެކުލާމެހިފައި މިވަނީ ރަޙްމަތެވެ. މިއިން މިކަން ފުރިހަމަކޮށްދެއެވެ. އެހެނީ ރަޙުމަތުން ޙާޞިލުވަނީ އިންސާނާ ލިބުމަށް އެދޭ އެއްޗެކެވެ. އަދި ސަލާމަތްތެރިކަމުން ދުރުކޮށްދެނީ އިންސާނާ އެއަކަށް ބިރުގަންނަ އެއްޗެކެވެ. ވީމާ السلام އާއި الرحمة އެއްވުމުން އިންސާނާގެ އެދުންތައް ކާމިލުކޮށްދެއެވެ. (ފުރިހަމަވެގެންދެއެވެ.) އެހެނީ މިހާރު ތިބާ އެކަލޭގެފާނަށް ސަލާމަތަށް އެދި ދެންނެވުމަށްފަހު ﷲ ޙަޟުރަތުން އެކަލޭގެފާނަށް ރަޙުމަތަށް އެދި ދަންނަވަނީއެވެ. (ދުރުކުރެވޭ އެއްޗަކާއި ލިބިދޭ އެއްޗެކެވެ.)
ދެންފަހެ بركات އާއި މެދު ދަންނައެ، ”بركات“ އަކީ ”بركة“ ގެ ޖަމްޢުއެވެ. އަދި البَرَكَة އަކީ ހެޔޮ ގިނަގުނަ ކުރައްވައި ދާއިމީ ކުރެއްވުމެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ: ”އެބަސް ފޯދިފައި ވަނީ البِرْكة އިންނެވެ.“ އަދި البِرْكة އަކީ: އެއީ ޖަމާ ވެފައިވާ ފެންގަނޑެކެވެ. އަދި އެއީ ޢަންމު ގޮތެއްގައި ބޮޑު އަދި ޘާބިތުކޮށް (ނުހިނދި ދައުރުނުވެ) އޮންނަ ފެންގަނޑެކެވެ.
ޚުލާޞާގޮތެއްގައި މާނައީ: ތިބާ ﷲ سبحانه وتعالى ގާތު އެއިލާހުގެ ރަސޫލު ﷺ އަށް ސަލާމަތްކަން ދެއްވައި، އެކަލޭގެފާނަށް ރަޙްމަތާއި ބަރަކާތް ލެއްވެވުމަށް އެދި ދެންނެވުމެވެ.
(ޢުޘައިމީންގެ ބަސްކޮޅު މިހިސާބަށް، ނިމުނީ)
[5]
«السلام علينا وعلى عباد الله الصالحين» (އަހަރެމެންގެ މައްޗަށް ސަލާމަތްކަން ލައްވާށިއެވެ. އަދި ﷲ ގެ ޞާލިޙު އަޅުތަކުގެ މައްޗަށް ސަލާމަތްކަން ލައްވާށިއެވެ.) މިއީ ތިބާގެ އަމިއްލަ ނަފުސުގެ މައްޗަށް ސަލާމަތްކަމަށް ދެއްނެވުމެވެ. އަދި އުޑުތަކާއި ބިމުގައިވާ ކޮންމެ ޞާލިޙު އަޅަކަށެވެ. އަދި ސަލާމް އަކީ ދުޢާއެކެވެ. އަދި ޞާލިޙުންނީ އެބައިމީހުންނަށްޓަކައި (ﷲ ޙަޟުރަތުގައި) ދުޢާ ދެންނެވޭ ބައެކެވެ. އެބަޔަކަށް (ﷲ އާއި ޝަރީކުކޮށް) ދުޢާ ކުރެވޭ ބަޔެއް ނޫނެވެ.
އިބްނު ބާޒު:
ވީމާ މީގެންވެސް ދަލީލު ކޮށްދެނީ ﷲ އާއި ޝަރީކު ކޮށް ޞާލިޙުންނަށްވެސް (ވަލީ ވެރިންނަށް) ދުޢާ އެއް ނުކުރެވޭނޭ ކަމެވެ. (އަދި ނަދުރެއްވެސް ނުގަނެވޭނޭކަމެވެ.) އެވެރިންނަކީ ޚުދު އެވެރިންގެ ނަފުސުތަކަށް ދުޢާއަށް ބޭނުން ޖެހިފައިވާ ބައެކެވެ. އެއީ ﷲ އެވެރިންނަށް މަޣްފިރަތު ދެއްވުމަށެވެ. އަދި ސަލާމަތްކަން ދެއްވުމަށެވެ. އަދި ރަޙުމަތް ލެއްވެވުމަށެވެ. ވީމާ ﷲ އާއި ޝަރީކުކޮށް އެވެރިންނަށް ދުޢާކުރެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟
[6]
«أشهد أن لا إله إلا الله» (ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ.) އެއިލާހު އެކަންޏެވެ. އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. ކަށަވަރު ޔަޤީންވެގެންވަ ހެކިބަހަކުން ތިބާ ހެކިވަނީ ބިމުގައި ވެސް އަދި އުޑުގައިވެސް ޙައްޤުގޮތުގައި އަޅުކަން ވެވޭ އެނޫން ފަރާތެއް ﷲ މެނުވީ ނުވާކަމުގައެވެ.
އިބްނު ބާޒު:
އަދި ތެދު ޙައްޤަކީ މިއެވެ. އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ:
{ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ} [الحج:٦٢]
(އެއީ - އެބަހީ: ރޭދުވާ އެކަލާނގެ ތަކުރާރުކުރައްވަނީ ހަމަކަށަވަރުން ﷲ تعالى އެއީ حقُّ ވަންތަ إله ކަމުގައި ވީކަމެވެ. އަދި އެ مشرك ންގެމީހުން އެކަލާނގެ ފިޔަވައި އެތަކެއްޗަށް (އެބުދުތަކަށް) ގޮވާ دعاء ކުރާ އެންމެހައިތަކެއްޗަކީ ހަމަ ސީދާ باطل ތަކެއްޗެވެ. އެއްވެސް މާނައެއްގައި إله އެއްނޫނެވެ.)
[7]
އަދި ހެކިވަނީ «أن محمداً رسول الله» (މުޙައްމަދަކީ، ﷲ ގެ ރަސޫލާ ކަމުގައެވެ.) އެހެނީ އެކަލޭގެފާނަކީ (ﷲ އާއި ޝަރީކުކޮށް) އެކަލޭގެފާނަށް އަޅުކަން ނުވެވޭ، (ﷲ ގެ) އަޅެކެވެ. އަދި އެބޭކަލެއް ދޮގުނުކުރެވޭ (ﷲގެ) ރަސޫލެވެ. އަދި ކިއެއްތަ؟ ވަނީ، އެކަލޭގެފާނަށް ކިޔަމަންތެރިވެ ތަބަޢަވުމެވެ. ﷲ ވަނީ އެއިލާހަށް އަޅުވެތިވެގެން ހުންނެވިކަމީ އެކަލޭގެފާނަށް ޝަރަފެއް ކަމުގައި ލައްވަވާފައެވެ. އަދި މިކަމުގެ މައްޗަށް ދަލީލު ކޮށްދެނީ މިއާޔަތެވެ:
{تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا}
[الفرقان:١]
އެކަލާނގެ އަޅާގެމައްޗަށް قرآن ބާވައިލެއްވި ކަލާނގެ (މަތިވެރި ﷲ) بركاة ވަންތަވެވޮޑިގެންވެއެވެ. އެއީ އެކަލާނގެ އަޅާ عَالَمْ ތަކަށް نَذِيْر އަކު ކަމުގައި ވުމަށްޓަކައެވެ. އެބަހީ: إنْذَار ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައެވެ. އެއަޅާ އެއީ محمّد ﷺ އެވެ.
އިބްނު ބާޒު:
«وأشهد أن محمداً رسول الله» (އަދި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލު ކަމަށް އަހަރެން ހެކިވަމެވެ.) މި ޙައްޤު ވެގެންވާ ހެއްކަށް ހެކިވުމެވެ. އެއީ މުޙައްމަދުގެފާނީ ﷲ ގެ ރަސޫލު ކަމުގައެވެ. އަދި ނަބިއްޔުންގެ ޚާތިމު ކަމުގައެވެ. (އެކަލޭގެފާނަށްފަހު ނަބިއްޔެއް ރަސޫލެއް ނުވާނެއެވެ.) އަދި އެކަލޭގެފާނީ ﷲ ޙަޟްރަތުން ވާ ރަސޫލެއް ކަމެވެ. صلى الله عليه وسلم. އެހެންކަމުން، އެކަލޭގެފާނުގެ ރިސާލަތަށް އިންކާރު ކޮށްފި މީހަކީ ނުވަތަ އެކަލޭގެފާނަކީ ނަބިއްޔުންގެ ޚާތިމު ކަމުގައި އިންކާރު ކޮށްފި މީހަކީ، ފަހެ ކާފަރުވެފައިވާ މީހެކެވެ.
(وصلى الله وبارك على سيدنا محمد وعلى آله وصحبه ومن تبعهم بإحسان الى يوم الدين)
[ނިމުނީ]
[އިމާމް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ރިސާލާ އަދި އިބްނު ބާޒުގެ ތަފްޞީލު ނޯޓުތަކުގެ މަޞްދަރު ބަލައިލުމަށް، ލިންކު]
~ ގަލަންދާނު