سماحة الشيخ العلامة سليمان العلوان (حفظه الله)
ސުވާލު: ޙަދީޘެއް ގައި އައިސްފައިވާ ގޮތުން «كان النبي صلى الله عليه وسلم إذا مرّ بآية فيه تسبيح سبّح وإذا مرّ بآية فيها التعوذ تعوّذ» (ނަބިއްޔު ﷺ (ނަމާދުގައި ކިޔަވާ ވިދާޅުވަމުން) ތަސްބީޙަ ހިމެނޭ އާޔަތެއް ކަޑައްތުކުރައްވާ ހިނދު، ތަސްބީޙަ ކިޔުއްވައެވެ. އަދި (ﷲ ގެ ޙަޟުރަތުން) ރައްކައުތެރިކަން އެދޭން އޮތް އާޔަތެއް ކަޑައްތުކުރައްވާ ހިނދު ރައްކައުތެރިކަމަށް އެދިވަޑައިގަންނަވައެވެ.) ވީމާ (ސުވާލަކީ) ޖަންނަތުގެ ވާހަކަ ޛިކުރުވެފައިވާ އާޔަތެއް ނުވަތަ ނަރަކައިގެ ވާހަކަ ޛިކުރު ކުރެވިފައިވާ އާޔަތެއް ކަޑައްތުކުރާ ހިނދުގައި މިޙުކުމުގެ ތެރެއަށް ވަންނާނެތޯއެވެ؟ އަދި މިކަން ކުރުމަށް އޮތް އިޚްތިޔާރުގައި ފަރުޟު ނަމާއި ނަވާފިލު (އިޚްތިޔާރީ) ނަމާދު ތަކުގައި ފަރަޤެއް ވޭ ތޯއެވެ؟ އަދި މައުމޫމުވެ ކުރާ މީހާއާއި އެކަހެރިކޮށް ނަމާދު ކުރާމީހާވެސް (މި އިޚްތިޔާރުގައި ހިފުމުގައި) ފަރަޤެއް ވޭތޯއެވެ؟
ޖަވާބު: الحمد لله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه وسلم تسليمًا كثيرًا.
ފަހެ މިސުވާލު ބިނާވެފައި މިވަނީ މިޙަދީޘުގެ މައްޗަށެވެ. «كان النبي صلى الله عليه وسلم إذا مرّ بآية فيه تسبيح سبّح وإذا مرّ بآية فيها التعوذ تعوّذ» (ނަބިއްޔު ﷺ (ނަމާދުގައި ކިޔަވާ ވިދާޅުވަމުން) ތަސްބީޙަ ހިމެނޭ އާޔަތެއް ކަޑައްތުކުރައްވާ ހިނދު، ތަސްބީޙަ ކިޔުއްވައެވެ. އަދި (ﷲ ގެ ޙަޟުރަތުން) ރައްކައުތެރިކަން އެދޭން އޮތް އާޔަތެއް ކަޑައްތުކުރައްވާ ހިނދު ރައްކައުތެރިކަމަށް އެދިވަޑައިގަންނަވައެވެ.) އަދި މީގައި އެތަކެއް އަޙްކާމުތަކަކާއި މަސާއިލު ތަކެއް އެކުލެވެއެވެ. އަދި އޭގެތެރޭގައި ހިމެނޭ އެކައްޗަކީ ސުވާލުގައި ނަންގަނެވުނު ކަންތަކެވެ: ޖަންނަތުގެ ވާހަކަ ޛިކުރުވެފައިވާ އާޔަތެއް ނުވަތަ ނަރަކައިގެ ވާހަކަ ޛިކުރު ކުރެވިފައިވާ އާޔަތެއް ކަޑައްތުކުރާ ހިނދުގައި މިޙުކުމް ތެރެއަށް ވަންނާނެތޯއެވެ؟
މީގެ ޖަވާބަކީ: މި (އިޚްތިޔާރު) ވަނީ ޢާންމުކޮށް ޝާމިލުވެގެން ކަމެވެ. އެހެނީ ރައްކައުތެރިކަމަށް އެދުމުގައި ނަރަކަ ޝާމިލުވެއެވެ. އަދި (ދުޢާއަށް) އާދޭސް ދެންނެވުމުގައި ޖަންނަތް ޝާމިލުވެއެވެ. [ނޯޓް: (މިއީ މުސްލިމްގެ ރިވާޔަތުގައި ނަންގަނެވުފައިވާ ފަދައިންނެވެ: «وإذا بسؤال سأل» (އަދި ﷲ އަށް ދެންނެވުން ހިމެނޭ އާޔަތެއް ކަޑައްތުކުރައްވާ ހިނދުގައި، ﷲ ޙަޟުރަތުން (އެދިވަޑައިގެން ދުއާ) ދަންނަވަތެވެ.) — ނޯޓް ނިމުނީ.]
އަދި މިކަންތަކީ ތަދައްބުރު ކުރުމުގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. (އެބަހީ: ޤުރުއާނާއިމެދު ފުންކޮށް ވިސްނައި ފިކުރު ކުރުމުގެ ޙުކުމުގެ ތެރެއިންނެވެ.) އަދި އަޅުތަކުންނަށް ވަނީ ތަދައްބުރު ކުރުމަށް އަމުރުކުރެވިގެންނެވެ. އެއީ ﷲ އަށްވާ ޚަޝީޔަތުގެ ބިރުވެތިކަން ގެނުވާ އެއްޗެވެ. އެއީ އީމާންކަން ވަރުގަދަ ކުރުވާ އެއްޗެވެ. އެއީ ހިތުތެރޭ ޤުރުއާން ޘާބިތުކުރުވާ އެއްޗެވެ. ﷲ جل وعلا ބަސްވަޙީ ކުރެއްވިއެވެ: ﴿أَفَلا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلافًا كَثِيرًا﴾ (އެމީހުން ފަހެ قرآن އަށް تدبير ކޮށް ވިސްނާ فِكْرُ ކޮށް ނުހަދަނީބާވައެވެ. އެ قرآن އެއީ ﷲ ނޫން ފަރާތަކުން ބާވައިލައްވާފައިވާ ފޮތެއްނަމަ އޭގައި ވަރަށް إختلاف ތައް - ތަފާތުތައް - ވާތީ އެމީހުން ދެކޭނެކަން ކަށަވަރެވެ.) [النساء:82] އަދިވެސް ވަޙީ ކުރެއްވިއެވެ: ﴿أَفَلا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا﴾ [محمد:24] (އެމީހުންފަހެ قُرْآن އާއި މެދު ވިސްނާފިކުރުކޮށް ތަދުބީރުކޮށް ނުހަދަނީ ބާވައެވެ. ނުވަތަ އެމީހުންގެ ހިތްތައްއެވަނީ ތަޅު އަޅުވާ ބަންދުކޮށްފައިހެއްޔެވެ؟)
”އައްނޫނިއްޔާ“ ގައި އިބްނުލް ޤައްޔިމް (ޅެމުން) ވިދާޅުވިއެވެ:
فتَدَبَّرْ القرآن إن رُمْتَ الهُدى
ހިދާޔަތަށް ތިބާ އެދޭނަމަ، ޤުރުއާން ތަދައްބުރު ކުރާށޭ
فالعلم تحت تدبُّر القرآن
އެހެނީ ޢިލްމު ވެޑުވިއޮތީ، އެތަދައްބުރުގެ ހިޔަލުގަޔޭ
އަދި ޖުމްލަވީ ގޮތެއްގައި ބުނާނަމަ، ޤުރުއާން ތަދައްބުރު ކުރުމަކީ ވާޖިބެކެވެ. އެހެނީ ޤުރުއާނުގެ ފަހުމް ތަދައްބުރު ކޮށްގެން މެނުވީ ފުރިހަމަ ނުވެއެވެ. އަދި (ފިޤުހީ ޤަވާޢިދުގައި ވާފަދައިން) އެއަކާއި ނުލައި ވާޖިބެއް ފުރިހަމަ ނުކުރެވޭ އެއްޗަކީ، ޚުދު ވާޖިބެކެވެ. ނަބިއްޔު ﷺ އާއި އެކަލޭގެފާނަށް ފަހު ތިއްބެވި އަޞްޙާބުން ޤުރުއާނަށް ތަދައްބުރުކޮށް އޭގެ މާނަ ފަހުމް ކުރައްވައި ހެއްދެވިއެވެ. އަދި އެބޭކަލުންވީ، މިކަމުގައި ދުނިޔޭގެ އިމާމުން ގޮތުގައެވެ. އަދި އަނދިރީގެ އަލިވޮށްތަކެއް ކަމުގައެވެ. އޭގެ ތެރެއިން ބޭކަލެއް އާޔަތެއްގައި ތަކުރާރުކޮށް އެތައް ދުވަހެއް ވަންދެން ދެމިހުންނަވައެވެ. އެހެނީ މިކަމުގެ ސަބަބުން ތަދައްބުރު ގެނުވައިދެއެވެ.
އަދި ތަދައްބުރު ކުރާ މީހަކާއި ނުކުރާ މީހެއްގެ ފަރަޤު ތިބާ ދަނެގަންނަން ބޭނުން ވެއްޖެނަމަ، ދަންނާށެވެ: ބައެއް މީހުން ޤުރުއާން ތިލާވަތްކުރާތާ ވިހި ތިރީސް އަހަރު ވާ އިރުވެސް، އާޔަތެއްގެ މާނަ އާއިމެދު ސުވާލެއް ނުކުރެތެވެ. އަދި އެކަމުގައި އޭނާއަށް ތުރައެއްވެސް ނުއޮވެއެވެ. ފަހަރެއްގައި އޭނާ ކުޑައިރުއްސުރެ މިއަދާއި ހަމަޔަށްވެސް އާޔަތަކާއިމެދު ސުވާލެއް ކޮށްނުލައެވެ. ނުވަތަ އެއާޔަތަކާއިމެދު ފިކުރުބޮޑެއްވެސް ނުވެއެވެ. އެހެނީ އޭނާ ދުވަހަކުވެސް ތަދައްބުރެއް ނުކުރެއެވެ.
ދެން (ޒަމާން ތަކަކަށްފަހު) އޭނާ ބުނެއެވެ: މިއާޔަތާއިމެދު އަހަރެން ފިކުރުބޮޑުވެއެވެ. އަޞްލަކީ ފެށުނީއްސުރެވެސް އެއީ އޭނާއަށް އޮތް ނުތަނަވަސް ކަމެކެވެ. އެހެނަސް މިއަދު އޭނާ އެއާޔަތަށް ތަދައްބުރުކޮށް އެއާޔަތް ފަހުމް ކުރިހިނދު، ދެން އޭގެ (ޙަޤީޤީ ފުން) މާނަ ދެނެގަތުމަށް ބޭނުންވިއެވެ.
މިސަބަބަށްޓަކައި، ތަދައްބުރުން ޤުރުއާނުގެ މާނަ ބަރާބަރު ކުރެވުން ޙާޞިލުވެއެވެ. މިހެންވާ ސަބަބަކީ، އެއަށް ފަހުމްކޮށް އެއާއިމެދު ސުވާލުކޮށް، ފިކުރު ކުރުމަށްފަހުގައި މެނުވީ އެއްވެސް އާޔަތެއްގެ މާނަ އޭނާ ދޫކޮށް ނުލާތީއެވެ. އަދި ހަމަ އެއާއި އެކު، އެދޭހަ އޭނާގެ ޢަމަލުގައި އަށަގަނެއެވެ. އަދި ﷲ جل وعلا އަށް އެއިން ޚަޝީޔަތްތެރިވާ ބިރާއި، ތަޤްވާ އާއި އެއިލާހަށް ތައުބާއާއިއެކު އެނބުރޭ ރުޖޫޢަވުން؛ އެއާޔަތުގެ ތަދައްބުރުގެ ތެރޭ ގޮށްޖެހި ލާމެހެއެވެ. ﴿إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ﴾ [الأنفال:2] (ކަނޑައެޅިގެންވާ (حقيقى) مؤمن ންނަކީ އެމީހުންނަށް ﷲ ހަނދާންކުރެވިއްޖެއްޔާ - ﷲ ގެ ذِكر ކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ މީހުންނެވެ. [وَإِذَا تُلِيَتۡ عَلَيۡهِمۡ ءَايَٰتُهُۥ زَادَتۡهُمۡ إِيمَٰنٗا] އަދި އެމީހުންގެ މައްޗަށް ﷲ ގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެއާޔަތްތަކުން އެމީހުންގެ إيمان ކަން އިތުރުކޮށްދޭ މީހުންނެވެ.) އަދި އޭގެ މަޤްޞަދެއް، އޭގެ މާނައެއް، ނުދަނެ އެއާއިމެދު އެއްވެސް އެއްޗެއް ފަހުމްވެފައި ނުވާ ހިތަކަށް، އެއިން ކުރާނޭ އެއްވެސް އަސަރެއް ވެސް ނުއޮވެއެވެ. ހަމަކަށަވަރުން ﷲ އަށް ބިރުވެތިވެވޭ ޚަޝްޔަތާއި ރުޖޫޢަވުމާއި ހަނދުމަކުރުން ޙާޞިލުވުން ވަނީ އެއާޔަތް ތަކުގެ މާނަ އައި މަޤްޞަދު ފަހުމް ވުމުގައެވެ.
މިސަބަބަށްޓަކައި ޢިލްމުވެރިން ތަރުތީލާއި އެކު ޤުރުއާން ކިޔެވުމަށް ބާރުއެޅުއްވިއެވެ. އެއީ ﷲ جل وعلا ވަޙީ ކުރެއްވި ފަދައިންނެވެ: ﴿وَرَتِّلِ الْقُرْآنَ تَرْتِيلًا﴾ [المزمل:4] (މާނަ: (އަދި ކަނޑައެޅިގެން قُرْآن ތަރުތީލު ކުރައްވާށެވެ.) ބަކުރުބޭ ވިދާޅުވިއެވެ: އެބަހީ ކޮންމެ އަކުރެއްގެ ޙައްޤުވެސް އަދާކޮށް އަކުރުތަކުގެ މަޚްރަޖުން ނެރެ މާނަޔާމެދު ވިސްނާ ފިކުރުކުރައްވައިގެން ކިޔަވާވިދާޅުވާށެވެ.) އަދި ކޮންމެ އާޔަތަކަށް ވެސް ހުއްޓައި މަޑުކުރުމެވެ. އެގޮތުން ތަސްބީޙައިގެ އާޔަތެއް ކަޑައްތުކުރެވިއްޖެ ނަމަ، ނުވަތަ އެއެއްގައި ޖަންނަތުގެ ވާހަކަ ނަންގަނެވިފައިވާ އާޔަތެއް ކަޑައްތުކުރެވިއްޖެ ނަމަ، ތަސްބީޙައިން ޛިކުރުކޮށް، ﷲ ޙަޟުރަތުން ޖަންނަތަށް ތިބާ އެދުމެވެ.
އަދި އަބޫ އިސްޙާޤު އައްސަބީޢީގެ ޙަދީޘުން، ބުރައިދާ ބުނު އަބީ މަރްޔަމް އަރިހުން، އަނަސްގެފާނު އަރިހުން، އައިސްފައި ވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «من سأل الله الجنة ثلاثًا قالت الجنة: اللهم أدخله الجنة» (ﷲ ޙަޟުރަތުން ތިން ފަހަރަށް ޖަންނަތަށް އެދިއްޖެ މީހާއަށް، ޖަންނަތް ބުނެތެވެ: ”ޔާ ﷲ އޭނާ ޖަންނަތަށް ވައްދަވާށިއެވެ.“)
އަދި ﷲ ޙަޟުރަތުން ރައްކައުތެރިކަމަށް އޮތް އާޔަތެއް ނުވަތަ އެޔެއްގައި ނަރަކަ ޛިކުރު ކުރެވިފައިވާ އާޔަތެއް ކަޑައްތު ކުރެވިއްޖެ ނަމަ، ރައްކައުކުރެއްވުމަށް އެދި ދެންނެވުމެވެ.
އެހެނަސް، އޭނާ ނަމާދުކުރަމުން ދަނީ އިމާމެއްގެ ފަހަތުގައި ނަމަ، އަދި އިމާމު ކިޔެވުން ކުރިޔަށް ގެންގޮސް މަޑުކޮށް ނުލާނަމަ، އޭނާގެ މައްޗަށް ވަނީ އިމާމު މީހާއަށް ތަބަޢަވުމެވެ. އަދި އިމާމު މީހާ ކިޔަވަމުން ދަނިކޮށް އެތަނަށް (އަޑުއެހުން ދޫކޮށް) މަޑުޖަހައި ޛިކުރު ކުރުމެއް ނޫނެވެ. އެހެނީ މައުމޫމަށް އަމުރުވެވިގެންވަނީ (އިމާމު މީހާއަށް ކަނުލައި) އަޑުއެހުމެވެ. ﷲ جل وعلا ވަޙީ ކުރައްވާފައި ވެއެވެ: ﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ [الأعراف:204] (އަދި قرآن ކިޔެވެންޏާ ކަލޭމެން އެޔަށް ކަނުލައި އަހައި ހަނުހިމޭނުން ތިބޭށެވެ! އެއީ ކަލޭމެނަށް رحمة ލެއްވޭތޯއެވެ.) އެހެން ކަމުން އެއިލާހު جل وعلا ގެ ބަސްފުޅު ﴿فاستمعوا له﴾(ކަލޭމެން އެޔަށް ކަނުލައި އަހައި ހަނުހިމޭނުން ތިބޭށޭ) އާއި މެދު ދަންނައެ، މިއީ އަމުރެކެވެ. އަދި މިއަމުރުން ރަމްޒުވަނީ ވާޖިބު ވުމެވެ. އަދި السماع (އަޑުއެހުމާއި) އަދި الاستماع (ކަނުލައި އަޑުއެހުމާއި) އޮތް ތަފާތަކީ:
الاستماع އަކީ: ތިބާއަށްޓަކައި މީހަކު ކިޔަވައިދީ، ތިބާ ގެ ޤަޞްދަކީ އޭނާ އަޑުއެހުން ކަން ވުމެވެ. އަދި މިކަމަކީ ތިބާ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. (ތިބާ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.)
މިއާއި ޚިލާފަށް ޤާރީއަކު ކިޔަވާނަމަ، އަދި އޭނާގެ ކިޔެވުން އަޑުއެހުމަކަށް ތިބާގެ ޤަޞްދެއް ނުވާނަމަ، ތިބާގެ މައްޗަށް އެކަން ލާޒިމެއް ނޫނެވެ. ތިބާއަކީ އެހިނދުގައި އެއަޑު އިވޭ މީހެކެވެ. އަޑު އަހާ (مستمعًا) މީހެއް ނޫނެވެ. ﴿فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ (ކަލޭމެން އެޔަށް ކަނުލައި އަހައި ހަނުހިމޭނުން ތިބޭށެވެ! އެއީ ކަލޭމެނަށް رحمة ލެއްވޭތޯއެވެ.)
އެހެނަސް އިމާމު މީހާ (ކިޔެވުން) މެދުކަނޑާނަމަ، މައުމޫމު މީހާވެސް އެތަނަށް (އަޑުއެހުން) ހުއްޓައެވެ. މިޘާލަކަށް އިމާމު މީހާ ކިޔަވަނީ މިއާޔަތެވެ: ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب:56] (ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތް ބޭކަލުން ނަބިއްޔާގެ މައްޗަށް صَلَواة ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންވެސް ނަބިއްޔާ صَلَّي الله عَلَيه وَسَلَّم ގެ މައްޗަށް صَلَواة ކިޔަވާށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް ކަލޭމެން ސަލާމްކިޔާށެވެ.)
އެހެންކަމުން އިމާމު އެތަނަށް މަޑުކޮށްލައި ޞަލަވާތް ކިޔަވައެވެ. ވީމާ ތިބާ ވެސް ޞަލަވާތް ކިޔާނީއެވެ. އަދި އޭނާ މަޑުނުކޮށް ކުރިޔަށް ދާނަމަ، އެއީ މިޘާލަކަށް ޙަންބަލީން ކަންތައް ކުރާ ފަދައިންނެވެ. އެހެނީ ޙަންބަލީން މިގޮތަށް މަޑުކޮށް ޛިކުރު ކުރުން، ފަރުޟު ނަމާދުތަކުގައި ޝަރުޢުވެގެން ވާ ކަމުގައި ނުދެކެއެވެ. އެހެނަސް ޝާފިޢީން އެގޮތަށް ދެކެއެވެ. އަދި އައްޝާފިޢީންގެ ޤަޥްލު އޭގެ ތެރެއިން ބޮޑަށް ވަރުގަދައެވެ. އެއީ (އޭގެ ޙުކުމް ޚާއްޞައެއް ނުކުރެވި) ޢާންމުގޮތުގައި އޮތުމުންނެވެ.
އެހެނަސް އިމާމު މީހާ މަޑު ނުކުރާނަމަ، އޭނާ ނުހުއްޓަނީސް ތިބާ (ޛިކުރުކުރާން) މަޑުކުރާނީ ކިހިނަކުން ހެއްޔެވެ؟
އެހެނީ އޭރުން ކަނުލައި އަޑު އެހުމުން ޣާފިލުވެ އިމާމަށް ތަބަޢަވުން ގެއްލިދެއެވެ.
އަދި ފިޤުހު ޢިލްމުވެރިން -رحمهم الله تعالى- ވަނީ އެކަން ހުއްދަ ދަނޑިވަޅުގައިވެސް، ތަސްބީޙަ އާއި އަޢޫޛުގެ އާޔަތް ތަކުގައި މަޑުޖެހިލުމާއި މެދު ޚިލާފުވެވަޑައިގަންނަވާފައެވެ. މިކަން ވަނީ ހަމައެކަނި (ފަރުޟު ނޫން) ނަފްލު ނަމާދު ތަކަށް ޚާއްޞަ ވެގެން ހެއްޔެވެ؟ ނޫނީ އެކަމަކީ ނަފްލު އާއި ފަރުޟު ނަމާދަށްވެސް ޢާންމު ހުއްދަ އެއް ހެއްޔެވެ؟
އެއީ ދެޤަޥްލެއް މައްޗަށެވެ:
ފުރަތަމަ ޤަޥްލަކީ: މިއީ ނަފްލު އަށް އެކަނި ކަމެވެ. އަދި މިއީ ޙަންބަލީންގެ ތެރޭގައި މަޝްހޫރު ރައުޔެވެ.
ދެވަނަ ޤަޥްލަކީ: މިކަމަކީ ފަރުޟު ނަމާދުތަކާއި ނާފިލާ ނަމާދުތަކަށް ޢާންމު އެއްޗެއް ކަމެވެ. އަދި މިއީ ޝާފިޢީންގެ ޤަޥްލެވެ. އަދި ބޮޑަށް ގާތީ ރާޖިޙު ޤަޥްލަކީ މިއީ ކަމެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ثبته الله)
~ ގަލަންދާނު
އިތުރަށް ބެލުމަށް: ޤުރުއާން ތަދައްބުރު ކުރުމަށް އޮތް ގޮތް ތަކަކީ ކޮބައިތޯއެވެ؟ (ލިޔުން)