އަބަދުވެސް މީރުވަސް ދުވާ މީހެއް ގޮތުގައި ހުރުން

2025-04-06 09:13

އަބަދުވެސް މީރުވަސް ދުވާ މީހެއް ގޮތުގައި ހުރުން

އަބޫ މާލިކު، އަލްޙާރިޘް ބިން ޢާޞިމު އަލްއަޝްޢަރީ رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «الطَّهُورُ شَطْرُ الْإِيمَانِ» ”ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.“ رَوَاهُ مُسْلِمٌ [0223]

  1. ކޮންމެ ދުވަހަކު ފެންވެރުން

މީރުވަސް ދުވުމުގެ އަސާސު ފެށެނީ ޠަހާރަތުންނެވެ. އަދި އެއީ ގިނަ ސެންޓުތަކަކާއި ހުވަނދުތަކެއް ބޭނުން ކުރުމުން އެކަންޏެއް ޙާޞިލުވާ އެއްޗެއް ނޫނެވެ.

މި ސަބަބަށްޓަކައި ފުރަތަމަ ކަމަށް، ގިނަ ގިނައިން ދާހިއްލާ (ދިވެހިރާއްޖެ ފަދަ) ތެތް ޖައްވުގެ ޤަޥްމުތަކުގައި ދިރިއުޅޭ މީހުން މަދުވެގެން ކޮންމެ ދުވަހަކު އެއްފަހަރު ފެންވެރުމަށް އާދަކުރަންވާނެއެވެ.

ސަލަފުން ތެރެއިން އެތައް ބޭފުޅެންނެއް އަރިހުން ކޮންމެ ދުވަހަކު ފެންވެރުމުގެ މައްޗަށް ވާރިދުވެފައިވެއެވެ. ޢުޘްމާންގެފާނުގެ އަރިހުން އެކަލޭގެފާނު އިސްލާމްވެ ވަޑައިގެންނެވީއްސުރެ ކޮންމެ ދުވަހަކު އެއްފަހަރު ފެންވަރުއްވާކަމުގައި ވެއެވެ. (المصنف، ابن ابي شيبة ٢٠٩٩) އަދި ޢަލީގެފާނު އަރިހުން ފެންވެރުމާއި މެދު ސުވާލެވެވުމުން އެދޭނަމަ ކޮންމެ ދުވަހަކު ފެންވެރުމަށް ވިދާޅުވިއެވެ. (مسند الشافعي ٩٨٨)

އަދި އިތުރުއެކަލޭގެފާނުން ވަނީ ކޮންމެ ހުކުރަކަށް ޣުސުލު ކުރުމަށް އަމުރު ކުރައްވާފައެވެ. މީގެ އިތުރުން، ދެޢީދާއި ބޮޑު ޙަދަޘަވެރި ވެއްޖެ މީހާއާއި އަލަށް އިސްލާމްވާ މީހާއާއި އިޙުރާމް ބަންނަމީހާއާއި ޙައިޟު ނިފާސުން ޠާހިރުވެގަންނަމީހާ އާއި އެނޫން އެތައް ބައެއްގެ މައްޗަށް އެކަންކަމާއި ވިދިގެން ޣުސުލުވުން ޝަރުޢުވެފައިވެއެވެ. (ޣުސުލު ކުރަންޖެހޭ ސަބަބުތައް، ތަފްޞީލް)

އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ المصنف (٢/ ٤٢٧) ގެ ކިތާބުއް ޠަހާރަތުގެ ދަށުން ބާބު ކުރައްވާފައިވެއެވެ: ”ކޮންމެ ދުވަހަކު ފެންވެރުމަށް ލޯބިކުރައްވާ ބޭކަލުން“ އަދި އޭގެ ދަށުން ސަލަފުންގެ ތެރެއިން، ޢުޘްމާނުގެފާނާއި، ޢަލީގެފާނާއި، ޢުރުވަތުގެފާނާއި، އިބްނު ސީރީނާއި އަދި އެނޫން ބޭކަލުންގެ އަރިހުން އެބޭކަލުންގެ ޢަމަލުފުޅު ގެންނެވިއެވެ.

ގައި ދޮވުމަށް (ކެމިކަލްގެ) ބާރުގަދަ ނޫން، މީރުވަހެއްގެ ސައިބޯންޏެއް (ޝަވަރ ޖެލް އެއް) ބޭނުން ކުރާށެވެ. މީގައި ބަލަންވާނީ ވީހާވެސް ކެމިކަލްގެ ބާވަތް މަދު ޤުދުރަތީ މާއްދާތައް ގިނަ ޝަވަރޖެލް ތަކަށެވެ.

އަދި ސަލަފުންގެ ތެރޭގައި ޠާހިރުވުމަށް ސިދުރު ގަހުގެ ފަތުން ދިޔަ ގެންގުޅުއްވައެވެ. އަދި މައްޔިތުން ހިނެވުމުގައިވެސް އެއިން ހިނެވުމަށް އިތުރު އެކަލޭގެފާނު އިރުޝާދުދެއްވާފައިވެއެވެ. ސިދުރު ފަތް ފުނޑުވައި އެދިޔާކޮށްގެނެވެ. މިއީ މަޑު އަރާމު ވަހެއްގެ އެއްޗެކެވެ.

އަދި ގައި ދޮވުމުގައި ހަށިގަނޑުން ޢާންމު ގޮތުގައި ދާހިއްލާ ތަންތަނަށް ސަމާލުކަން ދޭށެވެ. ކިހިލިފައްޗާއި ކުރިމަތިފަރާތާއި ފައިތިލައަށެވެ.

ނަބިއްޔު ﷺ ކުރިމަތި ފަރާތް ރަނގަޅަށް ދޮންނަވައި އަދި އެއަށްފަހު އަތްތިލަ މަށިން ދޮންނަވައެވެ. އަދި ގުނަވަންތައް ދޮންނެވުމުގައި ރަނގަޅަށް އަތް އުނގުޅުއްވައި ސާފު ކުރައްވައެވެ.

ގައިން ސައިބޯނީގެ ފޮނާއި ލޮނދިކަން ރަނގަޅަށް ފެންލައި ފިލުވުމަށް ސަމާލުކަން ދޭންވާނެއެވެ. އެހެނީ ހަންގަނޑުގައި ސައިބޯނި ދަށަލަޔެއް ހުރެއްޖެނަމަ، އެއީ އެއަކުން ތަޣައްޔަރުކުރުމަށް ބާރުދޭ އެއްޗެއް ކަމުގައި ވެދާ އެއްޗެކެވެ.

ފެންވެރުމަށް ފަހު ރަނގަޅަށް ގައި ހިއްކަން ވާނެއެވެ:

ތެތް ޖައްވެއްގެ ސަބަބުން ދާހިއްލާ ފަދަ ސަރަހައްދުތަކުގައި ނަމަ އެދެވިގެންވަނީ ރަނގަޅަށް ފެން ހިއްކުމެވެ. އެހެނީ ވައިގެ ތެތްކަން ގަދަ ތަންތަނުގައި ފެން އަމިއްލަޔަށް ހިކުމަކީ އުނދަގޫ ކަމަކަށް ވުމުންނެވެ. އަދި އެހެން ހަރުލައިފި ނަމަ ދަލާއި އެއްވެ ވަސް ތަޣައްޔަރުވުމަށް މަގުފަހިވެދާނެތީއެވެ.

މިސަބަބަށްޓަކައި އިތުރުއެކަލޭގެފާނުން ފެން ހިއްކެވުމަށް ތުވާލިކޮޅެއް އެރުއްވެވުމުން ނުހިއްޕަވައި ފެން އަތުން ފުއްސަވާލެއްވިކަމަށް އޮތް ޙަދީޘުގެ ޝަރަޙައިގައި ޢިލްމުވެރިން ކުރެ ބައިގަނޑެއް އެއީ (ޢަރަބިކަރައިގެ ހިކި) ހޫނު މޫސުމުގައި ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ބޭކަލުން ފެންހިއްކުމަކީ ހަޑިވުން ދުރަށް ޖެއްސުމަށްޓަކައި ސުންނަތެއް ގޮތުގައިވެސް މާނަ ކުރެއްވިއެވެ. އަދި ސަލަފުންގެ ތެރެއިން އެތައް ބޭކަލެއް އެކަމުގެ ހުއްދަކަމާއި މެދު ބަސްވިދާޅުވިއެވެ. އޭގެތެރޭގައި ޢުޘްމާނުގެފާނާއި، ޙުސެއިނުގެފާނާއި، ބަޝީރު ބުނު އަބީ މަސްޢޫދާއި ޙަސަނުލް ބަޞްރީ ހިމެނިލެއްވިއެވެ. (ފެންފުހުމުގެ ކަންތަކުގެ މައްޗަށް ކުރު ފަތުވާއެއް )

  1. ފެންވެރުމަށް ފަހު އެންޓިޕަރސްޕިރެންޓް ނުވަތަ ޑިއޯޑަރެންޓް ބޭނުން ކުރާށެވެ.

ކިހިލިފަތްދޮށުން ދާހިއްލުން މަދުކޮށްދޭ ރަނގަޅު ކޮލިޓީއެއްގެ އެންޓިޕަރސްޕިރެންޓް ނުވަތަ ވަސް ތަޣައްޔަރުވުން ކަނޑުވައިދޭ ރަނގަޅު ކޮލިޓީއެއްގެ ޑިއޯޑަރެންޓް އެއް އަބަދުވެސް ބޭނުން ކުރާށެވެ. މީގައި ގިނަ ވަޤުތަށް އޭގެ އަސަރު ހުންނަ ބާވަތްތަކަށް ސަމާލުކަން ދޭށެވެ.

ބަޚީރު ބޭނުންކޮށްގެން ދުންކެވުމަކީ ސަލަފުން ކުރެއްވި ކަމެކެވެ. އަދި ނަބިއްޔު ﷺ ގެ ޒަމާނުގައިވެސް މެއެވެ. އެއީ އެދުމުގެ ހުވަނދުގެ އަޘަރު ހަންގަނޑުގައި ހަރުލައްވައި ވަސް ތަޣައްޔަރުވުމާއި ދެކޮޅަށް ބޭނުން ކުރެވުނު އެއްޗެކެވެ. ޢަބްދުﷲ އިބްނު ޢުމަރު ބަޚޫރާއި އެނޫން ހުވަނދު އެއްކުރައްވާއި ދުންކައްވައިގެން ހުވަނދުކުރައްވައެވެ. އަދި އިތުރުއެކަލޭގެފާނުން ﷺ ބަޚޫރުން ދުއްކައްވަވާ ކަމުގައި އިބްނު ޢުމަރު ވިދާޅުވިއެވެ. އަދި އިތުރުއެކަލޭގެފާނުން ﷺ އެކަލޭގެފާނުގެ މިސްކިތާއި ގޭތެރެ އެއިން ހުވަނދު ކުރައްވާ ކަމުގައި ވާރިދުވެފައިވެއެވެ.

ބަޚޫރިހެ ދުމާއި އޭގެ ހުވަނދަކީ ހަންގަނޑުގެ ތެރެއަށް ވަދެ އަދި އިސްތަށިތަކުގެ ބުޑުގައި ހަރުލާ އެއްޗެކެވެ. އެއިން ވަސް ތަޣައްޔަރުވުން ކަނޑުވައި މީރުވަސް ދަމަހައްޓުވައެވެ.

ފައިދާއެއް: ޑިއޯތަކުގެ ތަފާތު ވައްތަރުތަކާއި އޭގެ ތަފްސީލް (ލިންކް)

  1. އަނގައިގެ ވަސް ތާޒާ ކުރުމަށް ބޭނުންވާ ޒާތުގެ ތަކެތި ބޭނުން ކުރާށެވެ.

އަނގައިގެ ވަސް ތަޣައްޔަރުވެ ނުދިނުމަށް ޤަވާޢިދުން ދަތް އުނގުޅާށެވެ. އަދި ދަތްތަކުގެ ދޭތެރެ ސާފުކުރާށެވެ. އަދި (ރާ ނުހިމެނޭ) އަނގަދޮންނަ ބޭހެއް (މައުތު ވޮޝް އެއް) ބޭނުން ކުރާށެވެ.

މިސަބަބަށްޓަކައި އިތުރުއެކަލޭގެފާނު ވަނީ ސިވާކު ކުރުން އެންމެހާ ވަގުތަކަށްވެސް ، ރެޔާއި ދުވާލަށް ދެމިގެންވާ ސުންނަތެއް ގޮތުގައި ދައްކަވާފައެވެ. ދަމުނަމާދަށް ހޭލައްވާ އިރުއާއި، އަވަހާރަފުޅުލެއްޕެވުމަށްފަހު ހޭލައްވާ ކޮންމެ ހިނދެއްގައި އާއި، ވުޟޫ ކުރެއްވުމުގައި، ނަމާދު ކުރެއްވުމުގެ ކުރިންނާއި ގެއަށް ވަދެވަޑައިގެންނެވުމުގެ ކުރީންވެސް އެކަލޭގެފާނު ސިވާކު ބޭނުން ކުރައްވަވައެވެ. އަދި ޙަދީޘް ކުރެއްވިއެވެ: ”ސިވާކަކީ އަނގަ ސާފު ކޮށްދޭ އެއްޗެކެވެ. އަދި އެކަމަށް ރައްބު ރުހިވޮޑިގަންނަވާ ކަމެކެވެ.“ (سنن النسائي ٥) (އިތުރު މައުލޫމާތު: ސިވާކު ދަނޑީގެ ފައިދާތައް)

ދަތްއުނގުޅުމުގެ އިތުރުން، ދޫ "އިސްކުރޭޕު" ކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ދުލުގެ ވަކިން ޚާއްޞަކޮށް ބުޑާ ވީ ފަރާތަށް ޖަމަޢަވާ ހުދު ފަށަލަ ކަހައިލައި ސާފުކުރުމެވެ. މިއީ އަނގައިގެ ވަސް ނުބައިކޮށްދޭ މައިގަނޑު އެއް ކަމެވެ. އިސްކުރޭޕު ކުރުމަށް ޚާއްޞަ އާލަތް ވެސް ހުރެއެވެ. އެހެނަސް މިއީ ބުރުހުންވެސް ކުރެވިދާނެ ކަމެވެ. އަދި ދިރާސާތަކުން މިކަމަކީ މިސްވާކުން ވެސް ކޮށް މަންފަޢު ލިބޭ ކަމެއް ގޮތުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން އަނގަ ތާޒާ ކުރުމަށް ޚާއްޞަ މިންޓު ގުޅަ ނޫނީ ހަކުރު ނުލާ ޗުއިންގަމެއް ޖީބުގައި އަބަދުވެސް ގެންގުޅޭށެވެ. އަދި ސިވާކެއް ގެންގުޅެވޭ ނަމަ އެވެސް އާދަ ކުރާށެވެ. އަދި ނިދުމުގެ ކުރީންނާއި ހޭލުމަށްފަހުގައި ރަނގަޅަށް ދަތް އުނގުޅުން އާދަ ކުރާށެވެ.

ގިނައިން ފެންބޮއެ އަނގައިގެ ވަސް ތަޣައްޔަރު ކުރާ ތަކެއްޗަށް ސަމާލުވާށެވެ. އަދި ކިރު ފަދަ ތަކެތި ބޮއެ އަނގަ ރަނގަޅަށް ދޮންނާށެވެ. އަބްދު ﷲ ބުނު ޢުމަރު ކެއިން ބެއްލެވުމަށް ފަހު ސިވާކު ބޭނުން ކުރައްވާކަމުގައި އިބްނު މުބާރަކާއި އިބްނު އަބީ ޝައިބާ ރިވާކުރެއްވިއެވެ. އަލްބުޚާރީ ، އިބްނު ޢައްބާސް އަރިހުން ރިވާކުރެއްވިގޮތުގައި އިތުރުއެކަލޭގެފާނުން ﷺ ކިރު ބުއިއްވުމަށްފަހުގައި އަނގަ (ފެނުން) ދޮންނެވައެވެ. އަދި ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން އޭގައި ސަރުބީ ހިމެނެއެވެ.“

  1. ތާޒާ ހެދުން ލުން

މީރުވަސް ދުވުމަކީ ތިމާގެ ހަށިގަނޑަށް ވުރެ ފުޅާކޮށް އޮތް ކަމެކެވެ. އެގޮތުން އަބަދުވެސް ތާޒާ ދޮވެފައިވާ ހެދުން ލައި ދާ ހެދުން ބަދަލުކުރަން އާދަ ކުރާށެވެ. އަދި ވައިދައުރުވާފަދަ ފޮތީގެ ފޭރާން ލުމަށް ސަމާލުކަން ދޭށެވެ. އެއީ ދަލާއި ބެކްޓީރިޔާ އޭގައި ޖަމަޢުވިޔަ ނުދިނުމަށެވެ. ނަބިއްޔާ ﷺ ކޮޓްން އާއި ލިނެން އާއި ވޫލް ހެދުން ތުރުކުރެއްވިއެވެ. އަދި މިތިނެއްޗަކީވެސް ހަށިގަނޑުގެ ތެތްކަން ހިއްކުވާލަދޭން ފަސޭހަ ޤުދުރަތީ ފޮއްޗެވެ. (އިތުރު މައުލޫމާތު: ނަބިއްޔާ ﷺ ތުރުކުރެއްވި ހެދުންކޮޅުތައް، ލިންކް)

އަޑިންލާ ހެދުންތައްވެސް ޤަވާޢިދުން ބަދަލުކޮށް ދޮވެ (އަދި އިސްތިރި ކުރުމަށް) ސަމާލުވާށެވެ.

  1. ބޯދޮވެ ސާފުކުރުން

ބޯ ގަވާޢިދުން ދޮންނަން ވާނެއެވެ. އަދި މަދުވެގެން ހަފްތާއަކު 2 ފަހަރު (ގިނަވެގެން 3 ފަހަރު) ޝޭންޕޫ ކުރާށެވެ. އެހެނީ ބޮލަކީ ވަސް ތަޣައްޔަރު ވާ އެއް ތަނެވެ. ވަކިން ޚާއްޞަކޮށް ޑޭންޑުރަފްގެ މައްސަލަ ދިމާވާނަމައެވެ. ބޯ ދޮވުމަށްފަހު އަބަދުވެސް ރަނގަޅަށް ފެން ހިއްކާށެވެ. އަދި މިކަމަށްޓަކައި މައިކްރޯ ފައިބަރ ތުވާލި ބޭނުން ކުރާށެވެ. އެއީ އަވަސް ކަމާއި އެކު ރަނގަޅަށް ހިއްކުމަށެވެ.

ބޮލުގެ ހަންގަނޑަށް ބޭނުންވާ ފަރުވާ ދޭށެވެ. ހަންގަނޑުން ޑޭންޑްރަފް ސާފުކުރުމަށާއި އެއާއި ގުޅިފައިވާ އުނދަގޫތަކުން ސަލާމަތްވުމަށް ހަމުގެ ޑޮކްޓަރެއްގެ ޚާއްޞަ އެހީ ހޯދާށެވެ. އެހެނީ ކޮމާޝަލް އެންޓި ޑެންޑުރަފް ޝޭންޕޫ ތަކީ ވަޤުތީ ޙައްލެކެވެ. އަދި ޑެންޑުރަފްގެ މައްސަލައިގެ ސަބަބުތައް ތަފާތެވެ.

ބޮލުގައި ގިނައިން ތެޔޮލުމީ ސުންނަތުން ކަށަވަރު ވެފައިވާ ކަމެކެވެ. އަދި ބޮލާއި ތުނބުޅީގައި ފުނާއަޅައި ރަމަތަކުރުމީވެސް ސުންނަތްވެގެންވާ ކަމެކެވެ. އަދި މިއީ ވަސް ތަޣައްޔަރުވުމުން ހިފަހައްޓުވާ އެއްޗެކެވެ. (އެހެނަސް ފުނާއެޅުމާއިގެން ކޮންމެ ދުވަހެއްގައި ވަޤުތުތައް ނަގާލުމީ ފިރިހެނާގެ މައްޗަށް މަކުރޫހަވެގެންވާ ކަމެކެވެ.)

ސަމާލު: ފެންވެރުމުގައި އެޕަލް ސިޑަރ ވިނެގަރގެ ބޭނުން ކުރުން:

ބޮލުގައި ލާ ތެޔޮތަކުން ކާށިތެޔޮވިޔަސް ނޫނީ ޒައިތޫނި ތެޔޮވިޔަސް ނޫނީ އެނޫން އެއްޗެއް ވިޔަސް، އެއީ ބޮލުގައި ލުމަށް ޚާއްޞަކުރެވި (އޭގައި ހިމެނޭ އިތުރު މާއްދާތަކާއި ވަހާއި ކުލަ ފިލުވަާފައިވާ) "ރިފައިންޑ" ތެލެެއް ނޫން ނަމަ ގިނަ ވަގުތުވުމުން އޭގެން ވަސް ތަޣައްޔަރު ކުރުވައެވެ. މީގެ ޙައްލަކީ އެހެންޏާ ބޯ ޝޭންޕޫކޮށް ރަގަޅަށް އެތެޔޮ ފިލުވުމެވެ. ނޫނީ ރިފައިން ކުރެވިފައިވާ ތެޔޮ ބޭނުން ކުރުމެވެ.

ބޮލުގައި ތެޔޮ ބޯވެ ވަސް ތަޣައްޔަރު ވަނީނަމަ، ހަފްތާއަކު ދެފަހަރު "އެޕަލް ސިޑަރ ވިނެގަރ" (ފެނަށް ގިރުވައި އޭގެ އަސަރު ދަށް ކޮށްގެން) ބޯދޮވުމަށް ބޭނުން ކުރާށެވެ. މިއީ ޝޭންޕޫ ކޮށް ފެނުން ދޮވުމަށް ފަހުގައެވެ. އަދި މުޅި ބޮލުގައި، އިސްތަށިގަނޑާއި ތަލާގައި އެހާކައި ރަނގަޅަށް ވިނަވައި ހާކާށެވެ. މިއިން ޝޭންޕޫއިން ފިލައިނުގޮސް ހުންނަ ދުވަސްވީ ތެޔޮތައް ފިލުވައި ސާފުކޮށްލަދެއެވެ. އަދި ވަސް ރަނގަޅުކޮށްދެއެވެ. އެހެނީ ވިނެގާއަކީ އޭގެ ޒާތުގައިވެސް ބެކްޓީރިއާ މަރާލާއެއްޗެކެވެ. އަދި ކިހިލިފަތްދޮށުން ވަސް އާދަޔާ ޚިލާފަށް ގަދަ މީހެއް ނަމަ، ފެންވެރުމުގައި ސައިބޯނި (ޝަވަރ ޖެލް) ކޮށް ދޮވުމަށްފަހު އެޕަލް ސިޑަރ ވިނެގާ ބޭނުން ކޮށްގެން ދޮންނާށެވެ.

  1. ހަންގަނޑު ހިކިވިޔަ ނުދޭށެވެ.

ހަންގަނޑު މޮއިސްޗަރައިޒް ކޮށްފައި ބެހެއްޓުމަކީ ހަމައެކަނީ ތާޒާ އަރާމެއް ނޫނެވެ. އެއީ އޭގެ ސަބަބުން ހަށިގަނޑުގައި ބޭނުންކުރާ ހުވަނދާއި ސެންޓުތަކުގެ ވަސް ހަރުލެއްވުމަށް މުހިއްމު އެއްޗެކެވެ. ފެންވަރައި ނިމިގެން އެހާ ތަތްކަން ގަދަނޫން ލުއި އަދި ވަސްމަޑު މޮއިސްޗަރައިޒާ އެއް ބޭނުންކުރާށެވެ. ބޮލުގެ އިތުރުން ހަށިގަނޑު ޒައިތޫނިން އޮމާން ކުރެއްވުމީ ނަބަވީ ސުންނަތުން ވާރިދުވެފައިވާ ކަމެކެވެ.

  1. ގައިދޮވުމާއި މޮއިސްޗަރައިޒް ކުރުމުގައިވެސް ސެންޓު ނުހުންނަ ބާވަތުގެ ތަކެތި ނުވަތަ ވަސްފަނޑު ތަކެތި ބޭނުން ކުރާށެވެ.

ސިއްޙީ ފައިދާ ތަކުގެ އިތުރުން، މިއީ ބޭނުންކުރާ ސެންޓުގެ ވަސް ސާފުކަމާއި އެކު ދެމެހެއްޓުމަށް ޓަކައެވެ.

  1. ފައިތިލައިގެ ޠާހިރުކަމަށް ސަމާލުވާށެވެ.

ފައިތިލައިން ނުބައިވަސް ދުވުމަކީ ގިނަބަޔަކަށް މިކަހަލަ (ތެތްވައިގެ) ޖައްވެއްގައި ކުރިމަތިވެދާނޭ ކަމެކެވެ. މިކަމަށްޓަކައި ވައި ބަންދު ނޫން ބޫޓާއި މޮއިސްޗަރ-ވިކިންގ އިސްޓާކީނު ބޭނުން ކުރާށެވެ. އަދި ފައިތިލަ ތެތް ވިޔަ ނުދީ ގެންގުޅެވޭތޯ ބަލާށެވެ. އަދި މިމައްސަލަ ދިމާވާނަމަ ފައިތިލަޔަށް ޚާއްޞަ ފުށް ނޫނީ އެންޓި ބެކްޓީރިއަލް އިސްޕުރޭ ގެ ބޭނުން ކުރާށެވެ. އަދި ފައިތިލައިގައި ހަންބޯވެ ނޫނީ ކުރެކް ހުރެއްޖެނަމަ އެކަމުގެ ފަރުވާ ހަންގަނޑު ހަމުގެ ޑޮކްޓަރެއްގެ އިރުޝާދާއިއެކު ހޯދާށެވެ. އަދި ފައިތިލައިގެ ފީރެއް ބޭނުން ކޮށްގެން ބޯވެފައިވާ ނުވަތަ މަރުވެފައިވާ ހަން ރަނގަޅަށް ދުއްވައި އޮމާން ކުރާށެވެ. އަދި ރަނގަޅަށް ހިއްކާށެވެ.

  1. ކިހިލިފަތް ދޮށާއި ކުރިމަތި ފަރާތުގެ ނިވާމަގުން އިސްތަށި ބާލައި ސާފުކުރުން

މިދެކަންތަކީ ފިތުރަތުގެ ކަންކަމުގެ ތެރޭގައި ހިމެނޭ ދެކަމެކެވެ. އަދި މީގައި ކިހިލިފަތްދޮށުން އިސްތަށި ލުއްސުމީ އޭގެ ސުންނަތް ގޮތެވެ. އަދި ބޭލުން ހުއްދައެވެ. އަދި ވެކްސްކުރިޔަސް ނޫނީ ހެއަރ ރިމޫވް ބޭނުން ކުރިޔަސް މި ހޫނުވެ އަދި ވަސް ތަޣައްޔަރު ވެދާ ދެގުނަވަނުން އިސްތަށި ފިލުވުމީ ވަސް ހިފުން ކަނޑުވައިދޭ ކަމެކެވެ. އަދި ހަފްތާއަކު އެއްފަހަރު މިކަން ކުރުމަށް އާދަކުރާށެވެ. ޢާންމުގޮތެއްގައި މުސްލިމުންނީ ހުކުރު ހިނެއުމާއި އެކު މިކަންތައް ކުރާ ބައެކެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ވަނީ ސާޅީސް ދުވަހަށްވުރެ ގިނައިން މިކަން ނުކޮށް ދޫކޮށްލުމީ ޙަރާމް ކަމެއް ގޮތުގައިވެސް ވިދާޅުވެފައެވެ. އަދި މިއީ އައްޝަޥްކާނީގެ ވެސް ރައުޔެވެ.

  1. ފެން ރަނގަޅަށް ބޯށެވެ.

ގިނައިން ފެން ބުއިމަކީ ހަށިގަނޑުން ވިހަ މާއްދާތައް ފޮހެލުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި އެއީ ހަށިގަނޑުން ވަސް ދުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. ދުވާލަކު މަދުވެގެން އަށް ޖޯޑު ފެން ބޮއެ ހައިޑްރޭޓްވެ ހުރުން ލަނޑުދަނޑިޔަކަށް ހަދާށެވެ.

  1. ކެއުމަށް ރައްކާތެރިވާށެވެ.

ބައެއް ކާބޯތަކެއްޗަކީ ހަށިގަނޑުގެ ވަސް ތަޣައްޔަރު ކުރުވާ ތަކެއްޗެވެ. ލޮނުމެދާއި ފިޔަޔާއި ހަވާދުގެ ބާވަތްތައް މަދުކުރާށެވެ. އަދި މިއިން ބައެއް ތަކެއްޗަކީ އެއާއިމެދު ހުށިޔާރުވުމަށް ސުންނަތުންވެސް އެންގެވިފައިވާ ތަކެއްޗެވެ.

  1. ހުވަނދާއި އަތަރާއި ސެންޓު

ގިނަ ވަގުތު ވަސް ހުންނަ ހުވަނދެއް ޚިޔާރު ކުރާށެވެ. ފިރިހެން ވަންތަ އަދި ޝަޚްޞިއްޔަތާއި ގުޅުން ހުރި އެއްޗަކަށް އޭގައި ބަލާށެވެ. ފަހަރެއްގައި ހަރު ފިރިހެނަކަށް މާބޮޑަށް ފުރުޓީ (މޭވާގެ ވަސް) ހުރި އެއްޗެއް ނުގުޅިދާނެއެވެ. ވީމާ ގޮމަކަސްތޫރި (މަސްކު) އާއި ހުވަނދު ކެލާ (ސެންޑަލްވުޑް) އާއި އެމްބަރ ގެ "ފިރިހެން" ވަހެއް އެކުލެވޭ އެއްޗެއް ޚިޔާރުކުރާށެވެ.

އަދި އިތުރުއެކަލޭގެފާނުން ﷺ ދުނިޔެއިން އެންމެ ލޯބިކުރައްވަނީ އަންހެނުން ގެ އިތުރުން ހުވަނދުކަމުގައި ޙަދީޘް ކުރައްވާފައިވެއެވެ. (އައްނަސާއީ 3939) އަދި ދުވަހަކުވެސް އެކަލޭގެފާނަށް އެރުވިއްޖެ ހުވަނދަކަށް އިންކާރު ނުކުރައްވާކަމުގައި އަނަސް ވިދާޅުވިއެވެ. (البخاري 5929) އަދި ގޮމަކަސްތޫރިއަކީ އޭގެ ތެރެއިން އެންމެ ހެޔޮ ހުވަނދުކަމުގައި ޙަދީޘްކުރެއްވިއެވެ. (مسلم 2252) އަދި "ހުއިސުން" (ޢޫދުލް ހިންދް ނުވަތަ އިންޑިއަން ކޮސްޓަސް) ގެ ޙަކީމީ ފައިދާތައް ޛިކުރުކުރެއްވިއެވެ. (البخاري 5692, 5693) އަދި މަދީނާގެ މަގަކުން ގޮމަކަސްތޫރި ވަސް ދުވައިފިނަމަ، ނަބިއްޔު ﷺ އެމަގަކުން ހިންގަވާއިފިޔޭ ބުނެވެއެވެ. ( أبي يعلى في مسنده (3125))

އަދި ސަލަފުން ތެރެއިން އެތައް ބޭކަލެއް ގެ އަރިހުން ހުވަނދުގެ ބާވަތްތައް ގަތުމަކީ އޭގެ ޒާތުގައި އިސްރާފެއް ނޫން ކަމުގައި ވާރިދުވެފައިވެއެވެ. މިގޮތުން ތަނަވަސްކަން ލިބިގެންވާ މީހާ އަގުބޮޑު ހުވަނދެއް ގަތުމުގައި މަނަލެއް ނުވާކަމުގައި ޢިލްމުވެރިން ބަޔާން ކުރެއްވިއެވެ. (އިތުރަށް ބެލުމަށް)

ގޮމަކަސްތޫރި އާއި ހުވަނދު-ކެލާ އާއި އެންބަރ ގެ ބާވަތް ގިނަވަގުތަށް އޭގެ ވަސް ހަންގަނޑުގައި ދަމަހައްޓައެވެ. އަދި ގިނަ ވަގުތު ދެމި ނުހުންނަ ހުވަނދެއް އަގުހެޔޮކޮށް ހޯދުމަށްވުރެ ގިނަވަގުތު ދެމިހުންނަށް ހުވަނދެއް އަގުބޮޑުކޮށް ގަތުން ނިސްބަތުން އަގުހެޔޮވެގެން ވެއެވެ. އަދި އަވަހަށް ވަސްކެނޑޭ ބައެއް ހުވަނދުތަކުން ވަސްކެނޑުމަށްފަހު އޭގައި ދެމިހުންނަ ނޭފަތަށް އުނދަގޫވަހެއް ފާޅުވުމީ ނާދިރުކަމެއް ނޫނެވެ.

ސެންޓުގެ މައްސަލަޔަކީ ޢިލްމިވެރިން އޭގައި ޚިލާފުވެލައްވާފައިވާ މައްސަލައެކެވެ. އަދި ސެންޓެއް ޚިޔާރު ކުރުމުގައި ބަލަންޖެހޭ އަސާސުތަކީ މަތީގައިވެސް ބުނެވުނު ކަންކަމެވެ. އަދި މިލިޔުމަކީ އޭގެ ޙުކުމާއިމެދު އޮތް ބަޙުޘަކަށް ނުވުމުން ކުރުކޮށްލަމެވެ.

  1. ހުވަނދު ލުމުގައި ވިންދު ޖަހާ ތަންތަން ޚިޔާރު ކުރުން

އަތުކުރިއާއި ކަރުގެ ދެއަރިމައްޗާއި ހުވަނދުލުމުގައި މުހިއްމު ދެ ވިންދުގެ ޖަގަހައެވެ. އެތަން ތަނަކީ ހޫނުވެ ހުވަނދުގެ ވަސް ބޭރުކޮށްދީ ދަމަހައްޓާ ތަންތަނެވެ. މީގެ އިތުރުން ކަންފަތުގެ ފަހަތް ނުވަތަ އޭގެ ފޫޅު ހިމެނެއެވެ. އަދި ސުންނަތުން ޘާބިތު ވެގެންވާ ގޮތުން ޢާއިޝަތުގެފާނު އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ މީރުވަސްދުވާ ހުވަނދެއް ނަބިއްޔު ﷺ ގެ އިސްތަށިފުޅާއި ތުނބުޅިކޮޅުގައި، އޭގެ އަޘަރު ލޯމައްޗަށް ފާޅުވާވަރަށް ލައްވަވައެވެ. (މުއްތަފަޤުން ޢަލައިހި، البخاري 5923)

އަތަރު ލުމުގައި އަތްތިލައިގައި (ހުދު ހަމުގައި) ލުމަކީ ރަނގަޅު އާދައެެއް ނޫނެވެ. އެއީ އަތްތިލައަކީ ކެއުމާއި ދޮވުމުގައި ހޭދަވާއެއްްޗެއް ކަމުންނެވެ. ވީމާ އަތު ކުރީގައި ނޫނީ ކަޅުހަމުގައި ލާފައި އުނގުޅުމަކީ އޭގެ ޙައްލެވެ..އަދި އަތުކުރީގެ އިތުރުން އަތްދަނޑިމަތީގައިވެސް ހުވަނދުލެވިދާނެއެވެ. މިއީ ވެސް ވިންދުގެ ޖަގަހައެކެވެ. (މިއީ ޢާންމުކޮށް ލޭނަގާ ނާރު ކައިރިއެވެ.)

  1. ހުވަނދުގެ ފަށަލަތައް އެއްގޮތް ކުރުން

ބޭނުން ކުރާ ހުވަނދުގެ ވަސް ވަރުގަދަ ކުރުމަށްޓަކައި، ބޮލާއި ހަށިގަނޑު ދޮވުމާއި، ތެޔޮ ލުމުގައި ބޭނުން ކުރާ ތަކެއްޗަކީ ތިމާ ބޭނުން ކުރާ ހުވަނދާއި އެއްގޮތް ކަމެއް ހުރި އެއްޗަކަށް ހެދޭތޯ ބަލާށެވެ. ނޫނީ އެތަކެއްޗަކީ ވަސް މަޑު ތަކެއްޗަށް ހަދާށެވެ. މިއީ އެކިވަސްތައް އެއްވެ ހުވަނދުގެ އަޞްލުވަސް ފަނޑުވިޔަ ނުދިނުމަށެވެ.

  1. ދުޅަހެޔޮ ދިރިއުޅުމަކަށް ސަމާލުވުން

ދުޅަހެޔޮ ދިރިއުޅުމަކީ ޖުމްލަކޮށް ހިތްގައިމު ވަހެއް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޤަވާޢިދުން ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ގުދުރަތީ ނިޒާމުތައް ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ބެލެންސްޑް ޑައިޓާއި، އެކަށީގެންވާ ނިންޖާއި، ސްޓްރެސް މެނޭޖްކުރުމެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމީ އީމާން ކަމުގެ ދުޅަ ހެޔޮކަމާއި ގުޅިފައިވާ އެއްޗެކެވެ. އަދި އީމާން ކަން ރަމްޒުކޮށްދޭ ޢަމަލުތަކާއި ގުޅިފައިވާ އެއްޗަކީ ހަށިގަނޑުގެ ދުޅަހެޔޮކަމެވެ.

ނަބިއްޔު ﷺ ޙަދީޘް ޖުރެއްވިއެވެ:

"المؤمن القوي خير وأحب إلى الله من المؤمن الضعيف"

"ވަރުގަދަ މުއުމިނު ބަލިކަށި މުއުމިނަކަށް ވުރެ ﷲ އަށް ލޮބުވެތިވެގެން ވެއެވެ.“

ޢިލްމުވެރިން ވިދާޅުވިއެވެ: އެއީ އީމާން ކަމުގެ ވަރުގަދަކަމެވެ. އަދި ޢިލްމާއި ﷲ އަށް ކިޔަމަން ގަތުމުގެ ވަރުގަދަކަމެވެ. އަދި ގޮތެއްގައި ދެމިހުރުމާއި ނަފްސުގެ ވަރުގަދަކަމާއި ޢަޒުމުގެ ވަރުގަދަކަމެވެ. އަދި އޭގެ އިތުރަށް އޮތް އެއްޗަކީ ހަށިގަނޑުގެ ދުޅަހެޔޮކަމެވެ. އެއީ އޭގެ އަހުލުވެރިޔާއަށް އޭގެ ސަބަބުން ހެޔޮޢަމަލަށް އެއިން ބާރުދޭނަމައެވެ. އެހެނީ އީމާންކަމުގެ ދުޅަހެޔޮކަމާއި ނުލައި ހަށިގަނޑުގެ ދުޅަހެޔޮކަމީ ޘަނާލިބިގެންވާ އެއްޗެއް ނޫނެވެ. އެއަށް ޙަމްދު ލިބިގެންވަނީ ﷲ ލޯބިވެވޮޑޮގަންނަވާ ކަންކަމުގައި އެ ބޭނުންކޮށް، ކިޔަމަންގަތުމުގެ ޢަމަލުތަކުގައި އެއިލާހުގެ ރުއްސެވުމަށްޓަކައި ބޭނުން ކުރުމުންނެވެ.

ޖަމަޢަކޮށް އެކުލަވާލީ، އިބްނު ފަހްމީ ދީދީ

~ ގަލަންދާނު